ރައްޔިތުންގެ މަޖިލިސް

މަޖިލިހުގެ މަސައްކަތަށް ހުރަހެއް ނޭޅޭނެ: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އެއްވެސް ހުރަހެއްނޭޅޭނެ ކަމަށް ވިދާޅުވެ، ލޮކްޑައުންގެ ހާލަތުގައި މަޖިލީހުގެ ޖަލްސާއެއް މަޖިލީހުގެ އިދާރާގައި ބޭއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމެވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ތާއީދު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ލޮކްޑައުނާ މެދު އެޗްޕީއޭއިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިމެން ދެން މަޑުކުރެން ނެތް ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައި ވާނެ ކަމަށާއި މާދަމާ ތަޅުމުގައި ޖަލްސާ ބާއްވާނެ ކަމަށެވެ.

ނަމަވެސް، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހާއްސަ ހުއްދައެއް ނެތި ޖަލްސާތައް ނުބޭއްވޭނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ނަޝީދުގެ އެ ނިންމެވުމަށް ތާއީދު ކުރައްވާ އަލީ އާޒިމް ވިދާޅުވީ މަޖިލިސް ބޭއްވުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅާނަމަ އެ ފަރާތަކާއި ދޭތެރޭ ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އެއްވެސް ފަރާތަކަށް ހުރަހެއް ނޭޅޭނެ." ލޮކްޑައުންއަށް ގޮންޖައްސަވާ ނަޝީދު ނިންމެވި ނިންމެވުމަށް ތާއީދުކުރައްވާ، ކުރިން ރައީސް މައުމޫނާއެކު ޑީއާރުޕީގައި މަސައްކަތް ކުރެއްވި އަލީ އާޒިމް ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މި ހާލަތުގައި އަމަލު ކުރަން ޖެހެނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެންގި ގޮތަކަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން އެޗްޕީއޭގެ ހުއްދަ ނެތް ކަމެއް ނުކުރެވޭނެ ކަމަށެވެ.

"ޕީޖީ މިހެން ވިދާޅުވެފައި އޮތީމަ އިންސްޓްރަކްޝަން ވަރަށް ސާފު. އެޗްޕީއޭގެ ހުއްދައާ ނުލައި ހުރިހާ ރައްޔިތުން ސަލާމަތަށް ޓަކައި ކޮށްފައިވާ އަމުރަކާ ހިލާފަށް އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުގެ މައްޗަށް ފަހުން ދައުވާ ކޮށްފާނެ ކަމެއް ކުރާކަށް،" ރޮޒައިނާ ވިދާޅުވި އެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ އެޗްޕީއޭގެ ހުއްދަ ނެތި މަޖިލީހުގެ ޖަލްސާ ބޭއްވުން ވާނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި ގާނޫނީ ދައުލަތް ހިންގުން ހުއްޓުމަކަށް ހިނގާދާނެ ކަމެއް ކަމަށާއި މަޖިލީހުގެ މެންބަރުން ވެސް ގާނޫނަށް ތަބާވާން ޖެހޭނެ ކަމަށެވެ.

"އެޗްޕީއޭ އިން ހުއްދަ ކުރާ އުސޫލުގެ ތެރެއިން ހުއްދަ ލިބިގެން ނޫނީ ގާނޫނު މުގުރާލާފައި ގެއިން ބޭރަށް، އެއީ މަޖިލީހުގެ ޖަލްސާއަކަށް ވިޔަސް، އަޅުގަނޑު ނުދާނަން،" ޝަރީފު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައިވާ ލޮކްޑައުންގެ ހާލަތުގެ އުސޫލުން އިސްތިސްނާ ކޮށްފައިވާ އިދާރާތަކުގެ ތެރޭގައި މަޖިލީހާއި މަޖިލީހުގެ މެންބަރުން ނުހިމެނެ އެވެ. އެ އުސޫލުން އިސްތިސްނާ ކޮށްފައި ވަނީ ސަލާމަތީ ބާރުތަކާއި ސިއްހީ ހިދުމަތް ދޭ މުވައްޒަފުންނާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހުއްދަ ދޭ ފަރާތްތަކާއި އެ ސެންޓަރުން ފާސް ދޫކޮށްފައިވާ މީޑިއާތަކާއި ޒަރޫރީ ބޭނުންތަކަށް ފުލުހުން ހުއްދަ ދޭ ފަރާތްތަކަށެވެ.

މަޖިލީހުގެ ޖަލްސާތައް އަލުން މާލަމުގައި ބާއްވަން ފަށާއިރު ޖަލްސާތައް ބާއްވާނީ ގައިދުރުމިން ހިމެނޭ ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެ ގޮތުން މާލަމުގެ އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާނެ އެވެ. އަދި މާލަމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.

ނަމަވެސް، ލޮކްޑައުން ލުއި ކުރާ ހާލަތެއްގައި އަމަލު ކުރަންޖެހޭ އުސޫލެއް އެޗްޕީއޭއިން އަދި އާއްމު ކޮށްފައެއް ނުވެ އެވެ.

މިހާރު މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން އަންނަ ބުރާސްފަތި ދުވަހު ހަމަވާއިރު ލޮކްޑައުން އިތުރު ކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދޭނެ ލުއިތަކުގެ މާ ބޮޑު ތަފުސީލުތަކެއް އަދި އާންމެއް ނުކުރެ އެވެ.