ހުރިހާ ބާރުތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅަށް ޖަމާ ކޮށްފައިވާ ކަމަށް ވިދާޅުވެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއް ލަތީފު މުހައްމަދު، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވެއްޖެ އެވެ.
ލަތީފް މިހެން ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުން ހޯދާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވަ އެވެ.
އޭނާ ވިދާޅުވީ ރައީސް ކަމުގައި ހުންނެވީ އިބްރާހިމް މުހައްމަދު ސޯލިހު ނަމަވެސް، ހުރިހާ ބާރުތަކެއް މިހާރު ވަނީ ރައީސް ނަޝީދުގެ އަތްޕުޅަށް ޖަމާ ކޮށްފައި ކަމަށެވެ. ޖުޑީޝަރީއާއި މިނިވަން މުއައްސަސާތަކުގެ ތަޅުދަނޑި މިހާރު ވަނީ މަޖިލީހުގެ ރައީސްގެ އަތްޕުޅުގައި ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ.
"އަދިވެސް ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ކޮންޓްރޯލް ކުރަނީ. ހިތް ފުރޭނީ ކޮން އިރަކުންތޯ؟." ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ ލަތީފު ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ ވަޒީރުންގެ ބާރުތައް ކޮންޓްރޯލްކޮށް ހަނި ކުރަމުން ގޮސް މަޖިލީހުން އިދިކޮޅުގެ އަޑުވެސް މުޅިން ކަނޑުވާލާފައިވާ ކަމަށެވެ. އަދި ރިޔާސަތުގެ އެންގުމަށް މަޖިލީހުގެ ތަޅުމުން އިދިކޮޅު މެންބަރުން "އަނިޔާވެރިކޮށް" ނެރެ ބޭރު ކޮށްލާފައިވާ ކަމަށެވެ.
މީގެ އިތުރުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ގަވާއިދާ ހިލާފަށް ބަހުސްތަކުގައި ބައިވެރިވެ، އިދިކޮޅު މެންބަރުންނަށް މަލާމަތްކޮށް، އެޖެންޑާއާ ނުވެސް ގުޅޭ މައުލޫތަކަށް ވާހަކަ ދައްކާ، ސަރުކާރަށް ޖެއްސުމަށް ބަސްތައް ރައްދު ކުރަމުންދާ ކަމަށާއި ރައީސް ސޯލިހްގެ ސަރުކާރު ހިންގުމަށް ގަސްތުގައި ދަތިކުރުމުގެ ގޮތުން ގަރާރުތަކާއި ރިޕޯޓްތައް ފާސްކުރާ ކަމަށެވެ.
"ހުރިހާ ވެސް ބޭނުމަކީ ސަރުކާރު ހިންގަނީ މަޖިލީސްގެ ބާރުގެ ދަށުންކަން ހާމަ ކުރުން." ލަތީފު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، ސިއްހީ ކުއްލި ހާލަތުގެ ގަރާރަށް މަޖިލީހުގެ ރުހުން ހޯދަން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދެވެ.
އެ ބިލުގައިވާ ގޮތުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އޭގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އެއީ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާ ދަނޑިވަޅެއްނަމަ، 14 ދުވަސް ތެރޭގައި މަޖިލީހަށް މެންބަރުން އެއްވެ އޭގެ މަސައްކަތް ފަށަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.
އެމްޑީޕީގެ އެ މެންބަރުގެ މި ބިލުގައި ބުނާ ގޮތުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ ކުއްލި ހާލަތުގެ ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރަށް ރުހުން ދިނުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. ގަރާރަށް މަޖިލީހުން ގެންނަން ބޭނުންވާ ބަދަލެއް ގެނެވޭނެ އެވެ. އަދި ގަރާރު ބާތިލު ކުރުމުގެ ބާރު ވެސް މަޖިލީހަށް އޮންނާނެ އެވެ.
ބިލުގައި ބުނާ ގޮތުން، އެ ބިލު ގާނޫނަކަށްވެ އެއަށް އަމަލު ކުރަން ފަށާއިރު ކުއްލި ހާލަތެއް އިއުލާންކޮށް އެ ހާލަތު ނިމުމަކަށް ގެނެސްފައި ނުވާނަމަ އެ ހާލަތުގެ ގަރާރާ މެދުގައި ވެސް އަމަލު ކުރަން ޖެހޭނީ ބިލުގައި ބުނެފައިވާ ގޮތަށެވެ. އެހެން ކަމުން މަޖިލީހުން ބިލު ފާސް ކުރާއިރު، މިހާރު އިއުލާން ކޮށްފައިވާ ކުއްލި ހާލަތު ނިމުމަކަށް ނުގެންނަނަމަ، އެ ގަރާރުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން މަޖިލީހަށް އެ ގަރާރު ފޮނުވައި ރުހުން ހޯދަން ޖެހޭނެ އެވެ.
ބިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ސިއްހީ ކުއްލި ހާލަތުގެ ގަރާރުގައިވާ މުއްދަތު ދިގު ކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިގެން ހެލްތު މިނިސްޓަރަށް އަންގައިފިނަމަ އެ ގަރާރުގެ މުއްދަތު ހަމަވުމުގެ ކުރީން މަޖިލީހަށް ހުށަހަޅައި އެ މުއްދަތު އިތުރު ކުރަން މަޖިލީހުން ފާސް ކުރަން ޖެހޭނެ އެވެ.