އޮފްބީޓް

ގެސްޓުން ނެތީމަ އަޔަލެންޑް ހޮޓަލެއްގައި ދެ މުސަޅެއް ކައިވެނި ބާއްވައިފި

މި ކައިވެނީގައި އަގުބޮޑު އަނގޮޓި އެޅުވުމާއި އެނޫންވެސް އިންސާނުން ކައިވެނިކުރާއިރު ކުރާ މާ ގިނަ ކަންތައްތަކެއް ނެތެވެ. ނަމަވެސް އަޔަލެންޑްގެ ހޮޓަލެއްގައި ބޭއްވި ދެ މުސަޅުގެ ކައިވެނީގެ ވީޑިއޯއަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.

ކިލްކެނީގެ ނިއުޕާކް ހޮޓަލުގައި ބޭއްވި މި ކައިވެނީގެ މަންޒަރުތައް ފެނިފައި ވަރަށް ގިނަ ބައެއްގެ މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވި އެވެ. މިއީ މިކަން ކުރުމަށް ހޮޓަލުގެ މެނޭޖަރު ނިންމި ސަބަބު ވެސް މެއެވެ. ބަގްސީ އާއި ރޮޖާގެ ނަން ދީފައިވާ މި ދެ މުސަޅުގެ ކައިވެނި ބަލާފައި އެތައް ހާސް ބަޔަކު އުފަލުން ތަފާތު ކޮމެންޓުތައް ކޮށްފައިވުމުން މިކަން ކުރި މަގްސަދު ހާސިލު ވެއްޖެ ކަމަށް މެނޭޖަރު ބުންޏެވެ.

ކޮރޯނާވައިރަހުގެ ވަބާ އާ ގުޅިގެން އަޔަލެންޑް ވެސް ލޮކްޑައުން ކުރުމުން ހޮޓާތައް ހިންގާ ފަރާތްތަކަށް ވެސް އެމީހުންގެ ހޮޓާތަކުގެ ވިޔަފާރި ހުއްޓާލަން ވަނީ މަޖްބޫރުވެފަ އެވެ. އަދި އަޔަލެންޑްގެ އެކި ހިސާބުތަކުން އެ ހޮޓަލުގެ ވަޒީފާތަކަށް އައިސް ތިބި ގިނަ މުވައްޒަފުން ވެސް އެމީހުންގެ އަމިއްލަ ވަޒަނަށް ވަނީ ގޮއްސަ އެވެ. އަދި އެއްވެސް މެހެމާނެއް ނެތުމުން މުޅި ހޮޓާ އޮތީ ފަޅަށެވެ.

ނިއުޕާކް ހޮޓަލަށް މީހުން ވަނުން ބަންދުވެފައި އޮތަސް އެ ހޮޓަލާ ޖެހިގެން އެމީހުން ގެންގުޅޭ ޖަނަވާރުތައް ލާފައި އޮންނަ ސަރަހައްދެއްގައި ތިބި ޖަނަވާރުތައް ބެލެހެއްޓުމުގައި ހޮޓަލުގެ ބައެއް މުވައްޒަފުން އަދިވެސް މަސައްކަތް ކުރެ އެވެ.

އަންނަ ޖުލައި 20 ގައި މި ހޮޓާ އަލުން ގެސްޓުން ހުޅުވާލަން ތައްޔާރުވަމުންދާއިރު އެކަން ފެށުމަށް މެނޭޖަރު ނިއާލް ޑޫނޭ ނިންމީ ވަރަށް ހާއްސަ ރަސްމިއްޔާތަކުންނެވެ. އެއީ އެ ހޮޓަލުގެ ފާމްގައި ގެންގުޅޭ މުސަޅެއްގެ ކައިވެނިންނެވެ. މުސަޅާ ކައިވެނި ކުރާނެ އެހެން މުސަޅެއް މެނޭޖަރު ހޯދީ އޮންލައިންކޮށް މުސަޅުގެ ވިޔަފާރިކުރާ ބަޔަކާ ގުޅައިގެންނެވެ.

މި ދެ މުސަޅުގެ ކައިވެނި ސޯޝަލް މީޑިއާގައި ވަރަށް ހިޓެވެ. ހޮޓަލުގެ ފޭސްބުކް ޕޭޖްގައި ލައިވްކުރި މި ދެ މުސަޅުގެ ލޯބީގެ ވާހަކަ އެތައް ލައްކަ ބަޔަކު ވަގުތުން ބަލާފައި ވެއެވެ.

މެނޭޖަރު ނިއާލް، 37، ބުނީ މި މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޝެއާ ކުރީ މި ދުވަސްވަރަކީ ބޮޑު ވަބާއެއް ދުނިޔޭގައި ފެތުރި ގިނަ ބަޔަކަށް މާޔޫސްކަމާއި ހިތްދަތިކަން ލިބިފައިވާ ދުވަސްވަރަކަށް ވާތީ މީހުންގެ ހިތްހަމަޖައްސާދެވޭނެ ފަދަ ކަމެއް ކޮށްލުމުގެ ގޮތުންނެވެ. އަދި ހޮޓަލުގެ މުވައްޒަފުން ވެސް ތިބީ ވާނުވާ ނޭނގި އުންމީދު ގެއްލިފައި ކަމުން އެމީހުންނަށް ވެސް ހޮޓާ އަލުން ހުޅުވޭ ކަމާއި ހޮޓަލުގެ ވިޔަފާރި ރަނގަޅުވެ އެމީހުންގެ ވަޒީފާތައް ނުގެއްލޭނެކަމުގެ ޔަގީންކަން ހޯދައިދިނުމުގެ ގޮތުންނެވެ.
އަލުން ހޮޓާ ހުޅުވަން ތައްޔާރުވާއިރު މުސަޅުގެ ކައިވެނީގެ ވީޑިއޯއިން ހޮޓާ އިޝްތިހާރުވެގެން ދިއުމަކީ ވެސް މެނޭޖަރު މިކަންކުރުމުގެ އެއް މަގްސަދު ކަމަށް އޭނާ ބުންޏެވެ.