ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޕާކިސްތާނު އަލުން ލޮކްޑައުން ކުރަން ޑަބްލިޔުއެޗްއޯއިން ލަފާ ދީފި

Jun 11, 2020

އިސްލާމްއާބާދު (ޖޫން 11) - ކޮވިޑް-19 އާ ގުޅިގެން ޕާކިސްތާނުގައި އެޅި ލޮކްޑައުން ލުއި ކުރުމާއެކު، އަނެއްކާވެސް ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެން ބަލި އެންމެ ބާރަށް ފެތުރޭ ސަރަހައްދުތައް އަލުން ލޮކްޑައުން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ލަފާ ދީފި އެވެ.

ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ޑަބްލިޔުއެޗްއޯގެ އެންމެ އިސް މަންދޫބު ޕާލިތަ މަހިޕާލަ، ޕާކިސްތާނުގެ ސަރުކާރަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، ލޮކްޑައުން ނެގުމަށް ފުރިހަމަވާން ޖެހޭ މައިގަނޑު ހަ ކަމެއް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ ކަމަށެވެ.

"ނަމަވެސް، މިއަދާ ހަމައަށް އެއިން އެއްވެސް ކަމެއް ޕާކިސްތާނުގައި ހާސިލު ވެފައެއް ނުވޭ،" އެ ސިޓީގައި މަހިޕާލަ ވިދާޅުވެފައިވެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އިސްވެ ވަނީ އެ ގައުމުގެ އެކި ޕްރޮވިންސްތަކުގައި ލޮކްޑައުން އިއުލާނު ކުރައްވައިފަ އެވެ. ނަމަވެސް، ފިތުރު އީދަށް ފަހު، ގިނަ ސަރަހައްދުތަކުގައި ވަނީ ލޮކްޑައުންގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ލުއި ކޮށްފަ އެވެ.

މީގެ ކުރިން އާންމުކޮށް ދުވާލަކު 1،700 އެއްހާ ކޭސް ފެންނަމުން ދިޔަ ނަމަވެސް، ލޮކްޑައުން ލުއި ކުރުމާއެކު ބަލި ޖެހޭ ނިސްބަތް މިހާރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. އެގޮތުން، މިދިއަ އަންގާރަ ދުވަހު 5،385 އާ މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ޕާކިސްތާނުގައި މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 113،702 ގައި ހުރި އިރު، އޭގެ ތެރެއިން 2،312 މީހުން ވަނީ އެ ބަލީގެ ޝިކާރައަކަށްވެފަ އެވެ.

އަލުން ލޮކްޑައުން ކުރުމުގެ އިތުރުން، އެ ބައްޔަށް ޓެސްޓު ކުރާ މިންވަރު އިތުރުކުރުމަށް ވެސް ޑަބްލިޔުއެޗްއޯ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން، ދުވާލަކު ޓެސްޓު ކުރާ އަދަދު މަދުވެގެން ބައި ލައްކަ އަށް އިތުރު ކުރަންޖެހޭ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެ އެވެ.

ނަމަވެސް، ޕާކިސްތާނު ފަދަ ފަގީރުން ގިނަ ގައުމެއް ލޮކްޑައުން ކޮށްފައި ނުބޭއްވޭނެކަމަށް އިމްރާން ހާން މިދިޔަ ހޯމަ ދުވަހު ވެސް ވަނީ ވިދާޅުވެފަ އެވެ.

އަލުން ލޮކްޑައުނަކަށް ނުގޮސް، ޕާކިސްތާނުގައި 800،000 އެއްހާ މީހުނަށް ބަލި ޖެހެނޭ ކަމަށް ޑަބްލިޔުއެޗްއޯ އިން ލަފާ ކުރެ އެވެ. އަދި އެ އަދަދަށް ފަރުވާ ދެވޭނެ ގާބިލުކަމެއް ނެތި، އޭގެ ތެރެއިން ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު ބޮޑުކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.