ކުޅިވަރު

ސެވިއްޔާއާ ބެޓިސް ކުޅޭނީ ތާރީހީ މެޗެއް: ލޮޕެޓެގީ

ކޮރޯނާ ވައިރަސް އާ ގުޅިގެން މެދު ކަނޑާލި ސްޕެނިޝް ލީގްގެ ކުޅުން އަލުން ފަށާއިރު މިރޭ ސެވިއްޔާ އާއި ރެއާލް ބެޓިސްގެ ޑާބީ މެޗު ވެގެން ދާނީ މިދެ ޓީމު ކުރިމަތިލާ ތާރީހީ މެޗަކަށް ކަމަށް ސެވިއްޔާގެ ކޯޗް ހުލެން ލޮޕެޓެގީ ބުނެފި އެވެ.

ގާތްގަނޑަކަށް ތިން މަސް ދުވަހަށް ފަހު މި ދެ ޓީމުގެ މެޗުން ފަށަން ނިންމީ ލީގްގެ އަލުން ފަށާއިރު ވެސް ފޯރިގަދަ މެޗަކުން ފެށުމުގެ ގޮތުންނެވެ. ސެވިއްޔާގެ ހޯމް ދަނޑުގައި ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 1:00 ގަ އެވެ.

"މިއީ ތާރީހަށްޓަކައި ލިޔެވިގެން ދާނެ ޑާބީ މެޗެއް،" މެޗުގެ ޕްރީ މެޗް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ލޮޕެޓެގީ ބުންޏެވެ. "މި ހާލަތުގައި ސަޕޯޓަރުން ނެތި ކުޅެން މި މެޗުން ދަސް ވެގެން ދާނެ، މިކަހަލަ މެޗަކަށް ކުރިމަތީގައި މިއޮތީ ވެސް ވަރަށް ވަރުގަަދަ ޓީމެއް، މިކަހަލަ ހާލަތެއްގައި މިކަހަލަ މެޗަކުން ފެންނާނެ ކަމަށް މީހުން އުންމީދު ކޮށްފާނެ ރަނގަޅު ކަންކަން ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެއް."

އޭނާ ބުނީ، އެނބުރި އައިސް ވަކި އުސޫލަކުން ޓްރެއިންތައް ފަށަން ޖެހުމުން، ފަރިތަ ކުރުންތައް ގެންދިޔައީ ވަރަށް މަޑުމަޑުން ކެތްތެރި ކަމާއެކު ކަމަށެވެ. އެހެންވެ ބޭނުންވި ވަރުގެ ހަލުވި މިނުގައި ޝެޝަންތައް ނުގެންދެވުނުކަން އޭނާ ފާހަގަ ކުރި އެވެ.

"އެންމެ މުހިންމު ކަމަކީ ޕްރެކްޓިސް ކުރެވުމުން އަހަރެމެން މި ވަނީ މެޗަށް ތައްޔާރު ވެފައި."

ރެއާލް ބެޓިސްގެ ކޯޗް ރުބީ ބުނީ، މުޅި ދުނިޔެ އިންތިޒާރު ކުރާނެ މެޗަކަށް މިރޭގެ މެޗު ވެގެންދާނެ ކަމަށެވެ. އެހެންވެ އެކަހަލަ މެޗަކުން ބަލިވެގެން ދާ މަންޒަރު ބަލަން އުނދަގޫ ވާނެ ކަމަށް އޭނާ ބުންޏެވެ.

މި ސީޒަންގައި މި ދެޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ސެވިއްޔާ އިންނެވެ.