މާވެޔޮ މަގުގައި، ކުރީގައި ހުރި މިސްކިތް ތަޅާލުމަށްފަހު ހަތް ބުރީގެ ފުރިހަމަ މިސްކިތެއް އަޅައި، ސަރުކާރާ ހަވާލުކޮށްފި އެވެ.
މާވެޔޮ މިސްކިތް ފަރުމާކޮށް އަދި އިމާރާތް ކުރުމުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އެވެ. އަދި މި މިސްކިތުގެ ކޮންޓްރެކްޓަރެއްގެ ގޮތުން ހަރަކާތްތެރިވީ ޖަނާހުގެ އެޗްއާރުސީ ކުންފުނިންނެވެ.
އެނގިފައިވާ ގޮތުގައި މާވެޔޮ މިސްކިތް ސަރުކާރާ ހަވާލުކޮށްފައިވަނީ ލޮކްޑައުންގެ ކުރީގަ އެވެ. މިސްކިތް ހެދި ފަރާތުން ހުރިހާ މަސައްކަތެއް ނިންމައި ހަވާލު ކުރިއިރު މިހާރު އެތަނުގައި ކުރަމުން ދަނީ ދިރާގުން މިސްކިތުގެ ހަރިންމަ ތެރޭގައި ކުރިން ބަހައްޓާފައި ހުރި ޕެނަލް ބޯޑެއް ނެގުމުގެ މަސައްކަތެވެ. އަދި އެތަނުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރެއް ވެސް ނަގަން ޖެހެ އެވެ.
މާވެޔޮ މިސްކިތުގައި ހިމެނޭ ހާއްސަ ސިފަތަކުގެ ތެރޭގައި މުޅި މިސްކިތަކީ އެއްކޮށް އެއާކޮންޑިޝަން ކޮށްފައިވާ ތަނެކެވެ. އަދި މިސްކިތަށް ގެނައި ބަދަލުތަކާއެކު މިސްކިތް ޓެރަސްއާއެކު ހަތް ބުރިއަށް ހަދާފަ އެވެ. އަދި މީހުންނަށް ލިފްޓް ބޭނުން ކޮށްގެން އަރައި ފޭބޭ ގޮތަށް ފަރުމާ ކޮށްފައިވެ އެވެ.
މިސްކިތުގައި އެއް ފަހަރާ 1،800 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި އަންހެނުންނަށް ހާއްސަ ނަމާދު ކުރާނެ ބަޔަކާއި ފާހާނާ ހަދާފައިވެ އެވެ. މުޅި މިސްކިތުގައި ސީސީ ޓީވީ ހަރުކޮށްފައިވާއިރު، މިސްކިތުގައި ހަތަރު ގުއްބު ހުރެ އެވެ.