ހަބަރު

އެދެނީ ބޯހިޔާވެހިކަން، ކޮންމެ މީހަކަށް ވޯޓެއް ނުދޭނަން: އެމްޕީ ޝަހީމް

ހައުސިން މިނިސްޓަރުގެ މަގާމަށް ކުރިމަތިލާ ކޮންމެ މީހަކަށް ރުހުން ދޭން ވޯޓު ނުދެއްވާނެ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓަަރުގެ މަގާމުން އާމިނަތު އާތިފާ އިސްތިއުފާ ދެއްވުމަށް ފަހު އެ މާގަމަށް ދެން ގެންނާނެ ބޭފުޅަކާމެދު ސޯޝަލް މިޑިއާގައި އެކި އަޑުތައް ފެތުރެމުންދާއިރު އެކަމަށް އިޝާރާތް ކުރައްވާ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދެނީ ބޯހިޔާވެހިކަން ކަމަށެވެ. އަދި ހައުސިން މިނިސްޓަރު ކަމަށް ވަޑައިގަންނަވާ ކޮންމެ ކޮންމެ މީހަކަށް މަޖިލީހުގައި ރުހުމުގެ ވޯޓު ދެވެން ނެތް ކަމަށެވެ.

އެމްޕީ ޝަހީމް ކުރެއްވި ޓުވީޓް

ޝަހީމް މިހެން ވިދާޅުވިއިރު ހައުސިން މިނިސްޓަރު އާތިފާ އެ މަގާމުން އިސްތިއުފާ ދެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ" ފްލެޓުތައް ދިނުން ލަސްވުމާއި ދޭނެ ތާރީހު އޮޅުވާލައިގެން ވިދާޅުވި މައްސަލާގައި އެކަމަނާއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އާތިފާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ، އެމްއާރްއެމްގެ ސްލޮޓެއްގައި ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ދެން ވެސް އެމަގާމަށް ވަޑައިގަންނަވާނީ އެ ޕާޓީގެ މެންބަރެއް ކަމަށް އެމްއާރްއެމުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރޭ އެމްއާރްއެމްގެ ކުއްލި ބައްދަލުވުމެއް ވެސް ބޭއްވި އެވެ.