ސެލްޓަ ވީގޯ

ސެލެޓަ ވީގޯގެ މިތަރިން ކިޔައިދެނީ ރާއްޖޭގެ ވާހަކަ

ޔޫރަޕް ހޫނު މޫސުމަށް އެޅެނީ އެވެ. މިއީ މީހުން ޔޫރަޕުން ފުރައިގެން ދުނިޔޭގެ އެކިތަންތަނަށް ދަތުރު ފަށާ ދުވަސްވަރެވެ. ޔޫރަޕްގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލެގެ ގޮތުގައި އޮތް ރާއްޖެ ވެސް ފަތުރުވެރިންނަށްޓަކައި އަންނަ މަހު ހުޅުވާލަން ވަނީ ތައްޔާރު ވެފަ އެވެ.

މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ހިޔަނިން ނެއްޓި ދުނިޔެއާ ކުރިމަތިލާން ރާއްޖެ ތައްޔާރު ވުމުން ދާއިރު، ރާއްޖޭގެ މި ވާހަކަތައް ކިޔައި ދެނީ، ވިޒިޓް މޯލްޑިވްސްގެ ޕާޓްނާ ލަލީގާގެ ކުލަބު ސެލްޓަ ވީގޯއިންނެވެ. އެ ކުލަބުގެ ތަރިން ކިޔައިދެނީ ރާއްޖޭގެ އިރު އަލުން ވިދާލާނެ ވާހަކަ އެވެ.

ސެލްޓަގެ ވައިސް ކެޕްޓަން އިއާގޯ އެސްޕަސް އާއި ފޯވަޑް ފޭޑާ ސްމޮލޯވް ގެ އިތުރުން ދެ މިޑްފީލްޑަރުން ކަމަށްވާ ރަފީނިއާ އަދި ޑެނިސް ސުއަރޭޒް ކިޔައިދެނީ ރާއްޖޭގެ ފަތުރުވެރި ކަމުގެ އިރު ދުނިޔެއަށް ވިދާލާނެ ވާހަކަ އެވެ.

ސެލްޓަ ވީގޯ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓްކޮށްފައިވާ ވީޑިއޯގައި ބުނެދެނީ ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީން ވުމެއް ނެތި ދާން ބޭނުންވާ މަންޒިލަށް ދެވޭނެ ވާހަކަވެ. އެ ވާހަކަ މުޅި ޔޫރަށް އިއްވައި ދިނުމުގެ އަޑަކީ ސެލްޓަގެ މި ތަރިންނެވެ.

ސެލްޓަ ވީގޯއިން ޕޯސްތް ކޮށްފައިވާ ވީޑިއޯ

ސެލްޓަ ވީގޯ އާއެކު ރާއްޖެ ޕްރަމޯޓް ކުރުމަށް މިދިޔަ އަހަރު ޓުއަރިޒަމް މިނިސްޓްރީން ވަނީ ސެލްޓަގެ ޖޯޒީގައި ވިޒިޓް މޯލްޑިވެސްގެ އިސްތިހާރު ޖަހާފަ އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ތިން މަސް ވަންދެން މެދުކަނޑާލި ސްޕެއިންގެ ލަލީގާގެ ކުޅުން މިރޭ ފަށާނެ އެވެ. ސެލްޓަ ވީގޯ ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ ވިޔަރެއާލް އާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން ހޮނިހިރު ދުވަހުގެ ރޭ 8:00 ގަ އެވެ. ޖަނަވަރީ މަހު ރެލިގޭޝަން ޒޯންގައި އޮތް ނަމަވެސް ފަހުން ނަތީޖާތައް ރަނގަޅު ކޮށް ސެލްޓައިން ވަނީ ރެލިގޭޝަން ޒޯން ފަހަނައަޅައި ލީގްގެ 16 ވަނަ މަގާމަށް ކުރިއަށް ޖެހިލާފަ އެވެ. ފެބްރުއަރީގައި ސެލްޓައިން ވަނީ ސެވިއްޔާ އާއި ލެގަނޭޒް ބަލިކޮށް ވަރުގަދަ ރެއާލް މެޑްރިޑާ އެއްވަރު ކޮށްފަ އެވެ.