ކޮވިޑް 19 އާއި ގުޅިގެން މިވަގުތު ޖަމާއަތުގައި ނަމާދު ކުރުން މަނާ ކޮށްފައި ވަނީ މާލެ ސިޓީގެ އިތުރުން ދެ ރަށެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މާލެ އާއި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލީ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސުރު ނަމާދަށް ފަހު އެވެ. އޭގެ ދެ ހަފުތާއެއްހާ ފަހުން މާލެ ސިޓީ ލޮކްޑައުން ކުރި އެވެ. އެ ލޮކްޑައުނާއެކު މިސްކިތްތައް ބަންދުކޮށް ނަމާދު ޖަމާއަތްތައް ހެދުން ހުއްޓުނެވެ. މުޅި ރާއްޖެއަށް މި ފިޔަވަޅު އައީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ މާލެ ސިޓީގެ މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑްގެ ބަލި މީހަކު ފެނިގެނެވެ.
އޭގެ މަސް ދުވަސްފަހުން ބަލި ނެތް ރަށްރަށުގައި ޖަމާއަތުގެ ނަމާދު ކުރުމުގެ ހުއްދަ ދިނެވެ. އަދި ބަލި މީހަކު ފެނިގެން އެޗްޕީއޭގެ މޮނިޓަރިންއަށް ލީ ރަށްތަކަށް ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނީ މޮނިޓަރިންއިން ނެގިތާ 14 ދުވަސް ފަހުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޖަމާޢަތުގައި ނަމާދު ކުރުން މަނާ ކޮށްފައި ވަނީ މާލެ ސިޓީއާއި ނ. މަނަދޫ އަދި ށ. ނަރުދޫގައި ކަމަށެވެ. ނަމަވެސް މަސް ދުވަހަށްފަހު އެ ރަށްތައް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފަ އެވެ. އަދި މޮނިޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސް އަންނަ ހޯމަ ދުވަހު ހަމަވާތީ އެ ދުވަހުން ފެށިގެން އެ ދެ ރަށުގައި ވެސް މިސްކިތްތައް ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށެވެ.
ކުރިން ފެނުނު ވަރަށް ކޮވިޑްގެ ބަލި މީހުން ނުފެނުނު ނަމަވެސް މާލެ ސިޓީން ކޮންމެ ދުވަހަކު ވެސް ކޮވިޑްގެ ބަލި މީހުން ދަނީ ފެންނަމުންނެވެ. އެހެން ކަމުން މާލެ ސިޓީގެ މިސްކިތްތައް ހުޅުވޭނެ ދުވަހެއް އަދި ނޭންގެ އެވެ.
މާދަމާއަކީ މާލެ ސިޓީގައި ހުކުރު ނަމާދުގެ ޖަމާއަތް ނުބާއްވާތާ 13 ވަނަ ހުކުރެވެ.