ކާނާ

ކަނދޮޅުދޫން ދުވާފަރަށް ދިޔަ މަޖާގަނޑު!

ރ. ދުވާފަރަކީ 2004 ގެ ސުނާމީގެ އުސް ރާޅު، އެ އަތޮޅު ކަނދޮޅުދޫ އެކަށް ދޮވެލައި ސުންނާފަތި ކޮށްލި އިރު، ކުރިންސުރެ ކުޑަކުޑަ އަދި ފުރިފައިވާ ކަނދޮޅުދޫގައި ތޮއްޖެހިގެން އުޅުނު އާބާދީ އަލުން އާބާދުވެ މިހާރު ދިރިއުޅެމުން އަންނަ ރަށެވެ. މިހާރު ވެސް ދުވާފަރުގައި ގާތްގަނޑަކަށް 5000 އާ ކައިރި ކުރާ އަދެއްގެ އާބާދީއެއް އެބަ އޮތެވެ.

ކަނދޮޅުދޫ މީހުން ރަށުން ފޭބީ ވަރަށް ގިނަ ހަނދާންތައް އެ ފަސްގަނޑާ ހަވާލު ކޮށްފަ އެވެ. ނަމަވެސް އެ މީހުންގެ ސަގާފާތާއި ބައެއް ކަންކަން އެ މީހުނާއެކު ދުވާފަރަށް ގެންދިޔަ އެވެ. މިއަދުވެސް އެމީހުންގެ އެ ސަގާފަތް ހިހަފައްޓައި އެކަން ދުވާފަރުގައި ދިރުވާ އާލާ ކުރެ އެވެ. އޭގެ ތެރެއިން ހާއްސަ އެއް ކަމަކީ ކަނދޮޅުދޫން ދުވާފަރަށް ބަދަލު ކުރި ބައެއް ކެއުންތަކެވެ.

ދުވާފަރު މީހުންގެ މަޖާ ގަނޑާ "ހުތްމަސްކާއްޓަ"ކީ ފަހަކަށް އައިސް ވަރަށް ނަން މަޝްހޫރު ވެގެން އުޅޭ ދެ ބާވަތެކެވެ. މީގެ އިތުރުން އެރަށު މީހުންގެ "ހޮބަލިހޮއްޔެ" އާއި "ތެޔޮމިރުސް ބަތް" މިއީ ވެސް މަޝްހޫރުކަން ކުޑަ ދެ ބަވާތަކަށް ނުވެއެވެ.

ކަނދޮޅުދޫ / ދުވާފަރު މީހުން ނޫނަސް މަޖާ ހެދުމަކީ ދިވެހީންގެ ތެރޭ ހުރިހާ ރަށެއްގައިހެން ވައިގަ ހިފައި ހިނގަ ހިނގާ އޮންނަ އާދައެކެވެ. އާއިލާ އާއި ރައްޓެހީން ދަތުރެއް ނުވަތަ މޫދަށް އެރިލަން ދިޔައަސް ކޮންމެވެސް ވައްތަރަކުން މަޖާގަނޑެއް ނުހެދުނިއްޔާ ފުރިހަމެއް ނުވެ އެވެ. އެކަމަކު މަޖާ ހެދުމަށް މައިގަނޑު އެއްޗެއްގެ ގޮތުގައި ދިވެހިން އާންމުކޮށް ބޭނުން ކުރަމުން އައީ ފަޅޮލާއި ކިހައް، ހުތް އަނބާއި ހެލެނބެއްޔެވެ. މިހާރު އެކަމަކު ބައެއް ބަދަލުތައް އައިސްފައި ވެއެވެ. ކިހައް ނުވަތަ ފަޅޯ ލިބެން ނެތި، ފެހި އާފަލާއި ކެރެޓާ ހުއްޓަސް މިހާރު މަޖާގަނޑަކަށް ފުދެ އެވެ.

އެކަމަކު ދުވާފަރު މީހުން މި ބުނަނީ މުޅީން އެހެން ވާހަކައެވެ. މަޖާ ހެދޭނީ ވެސް އޭގެ ޒާތުގަ އެވެ. މަޖަލަށް ބޭނުންވާ ހުރިހާ ސާމާނު ހަމަވެގެން ނޫނީ އޭގެ ފޯރި ނާންނާނެ އެވެ.

ދުވާފަރުގެ ވަރަށް ގިނަ މީހުން ބުނާ ގޮތުގައި އެ ރަށު މަޖާގެ ރަހަ ބަލައިފިނަމަ ދެވަނަ ފަހަރުވެސް އެ މަޖާގަނޑު ކާހިތްވާނެ އެވެ. އެއީ ތެދު ވާހަކަޔަކަށް ވެދާނެ އެވެ. ގައިމުވެސް ދުވާފަރު މަޖާގަނޑެއް ކާހިތުން، ނޫނީ އެއްފަހަރު ރަހަ ބަލައިލެވި ދެވަނަ ފަހަރަށް ރަހަ ބަލަން ބޭނުންވެގެން ސޯޝަލް މީޑިއާގައި އެ ވާހަކަތައް ލިޔެ ޓެގް ކުރާ މީހުން އުޅެ އެވެ.

ވަރަށް ގިނަ މީހުން ބުނާ ގޮތުގައި ދުވާފަރު ރައްޓެއްސެއް ދަންނަ މީހެއް ނެތުމުން އެ ރަށުގެ މަޖާގަނޑު ތައްޔާރު ކުރާނެ ގޮތެއް ނޭނގެ އެވެ. އެހެންވެ މިފަހަރު މިއޮތީ ކަނދޮޅުދޫން ދުވާފަރަށް ގެންދިޔަ މަޖާގަނޑު އަމިއްލަ އަތުން މޮޑެލައިގެން އަރުތެރޭގައި ރަހަ ލައްވާލަން އެ ރެސިޕީ ހޯދާލާފަ އެވެ. ޓްރައިކޮށްލާށެވެ.

ދުވާފަރު މަޖާގަނޑު

1 - ކިހައް
2 - ހުތް އަނބު
3 - ފަޅޯ
4 - އޮރެންޖު
5 - ލުނބޯ
6 - އަނބުޅަ
7 - ޖަނބުރޯލު
8 - ޖުމްހޫރީ މޭވާ
9 - ފެހި އާފަލު
10 - އަސާރަ
11 - ކަދުރު
12 - ޓޮމާޓޯ ޕޭސްޓު
13 - ޗިލީ ސޯސް
14 - ރިހާކުރު
15 - ހަކުރު
16 - ސޫޕް ޕެކެޓު
17 - ލޮނުމިރުސް ހަވާދު (ހިކި މިރުސް، ފިޔާ، އިނގުރު، ލޮނުމެދު، ހިކަނދިފަތް، ކުދި ދިރި، ދަވިއްގަނދު އަދި ލޮނު ލައިގެން ފުނޑާފައި)
18 - ކުންނާރު
19 - ހެލެނބެލި

ރިހާކުރާއި ހެލެނބެއްޔާއި ޓޮމާޓޯ ޕޭސްޓާއި ހަކުރާއި ޗިލީ ސޯސް، ލޮނު މިރުސް ހަވާދު އަދި ސޫޕް ޕެކެޓާއި އޮރެންޖް އަޅާފައި ރަނގަޅަށް މޮޑެލާށެވެ. އެއަށް ފަހު ބާކީ ހުރި އެއްޗެހި، ކޮށައި މި ޕޭސްޓުގަނޑާ އެއްކޮށްލުމުން އެހުރީ ދުވާފަރުގެ ފައްކާ މަޖާގަނޑެއް ތައްޔާރު ކޮށްލެވިފަ އެވެ.

ދުވާފަރު ހުތްމަސްކާށި

ދުވާފަރު މީހުން ބުނާ ގޮތުގައި އެ ރަށަށް ހާއްސަ ހުތްމަސް ކާއްޓަކީ ރޯދަމަހަށް ހާއްސަކޮށް ދުވާފަރުގައި ތައްޔާރުކުރާ ބާވަތެކެވެ. ދިވެހީންގެ ތެރޭގައި ބަތްޕެނާއި ފެންފޮޅިއަކީ ވެސް ރޯދަމަހަށް ހާއްސަ އެއްޗަކަށް ވެފައިވާއިރު ހުތް މަސް ކާއްޓާއެކު ކާލަން އެންމެ ކަމުދަނީ ވެސް ފެންފޮޅިއާއި ބަތްޕެން ކަމަށް އެރަށު މީހުން ބުނެއެވެ. ރޯދަ މަހެއް ދެން އަހަރުމެނާ ބައްދަލު ކުރާނީ އަދި އަހަރެއްހާ ދުވަހަށް ފަހު އެވެ. ރޯދަމަހަށް މަޑުނުކޮށް ދުވާފަރުގެ ހުތްމަސްކާށީގެ ރަހަ ބަލައިލަން ރަނގަޅުވާނެ އެވެ.

ހުތްމަސްކާށި ތައްޔާރުކުރަން ބޭނުންވާ ތަކެތި

1 - 1 ގަނޑު ވަޅޯމަސް
2 - 1 ކާށި (ކުޑަ)
3 - 1 ފިޔާ
4 - ލުނބޯ
5 - އަސޭމިރުސް
6 - ގިތެޔޮ މިރުސް
7 - ހިކި މިރުސް (ފޮޅިކޮށްފައި)
8 - ލޮނު

ހުތްމަސްކާށި ތައްޔާރު ކުރުމަށް ކާށިކޮޅު ތުނިތުނިކޮށް އުތުވާލާށެވެ. މަހާއި މިރުސް އަދި ފިޔާކޮޅު ކޮށާލާފައި ބަހައްޓާށެވެ. އެއަށްފަހު ފިޔާ އާއި ގިތެޔޮ މިރުހާއި ހިކި މިރުސް އަދި އަސޭމިރުސް، ލޮނު އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. މިތަކެތިން ރަހަ ނުކުންނަ ވަރަށް ރަނގަޅަށް މޮޑެލުމަށް ފަހު އުތުވާލާފައި ހުރި ކާށިކޮޅާއި މަސްކޮޅު އަޅައި ކާށިކޮޅުން ކިރު ނުކުންނަ ވަރަށް އަނެއްކާ ވެސް ރަނގަޅަށް މޮޑެލާށެވެ. އޭގެ ފަހަށް ލުނބޯހުތް ޖަހައި ރަހަ ހެޔޮވަރުކޮށްލުމުން އެހުރީ ހުތްމަސްކާށި ތައްޔާރު ވެފައެވެ.

ދުވާފަރު ހޮބަލިހޮއްޔެ

ތައްޔާރު ކުރަން ބޭނުންވާ ބާވަތްތައް

1 - 1 ވަޅޯ މަސް (ދިގަށްވާގޮތަށް ކޮށާފައި)
2 - 1 ކާށި (ހަވާދު ހެދުމަށް ގާނާފައި)
3 - ކޮތަނބިރި
4 - ދަވިއްގަނދު
5 - ކުދި ދިރި
6 - ފިޔާ
7 - ހިކަނދިފަތް
8 - ރާނބާފަތް
9 - ކުޑަ ބޯކިރުކޮޅެއް
10 - ކުޑަ ރީނދޫ ކޮޅެއް
11 - ކުޑަ ތެޔޮ ފޮދެއް (ފިޔާކޮޅު ވަޅޯ ކޮށްލުމަށް)

ފުރަތަމަ ހަވާދުކޮޅު ތައްޔާރު ކޮށްލުމަށް ކޮތަނބިރި އާއި ދަވިއްގަނދު އަދި ކުދިދިރި ކޮޅު ދަވާލާށެވެ. އެއަށްފަހު ހުނި، ހިކަނދިފަތް، ފިޔާ، އިނގުރު، ލޮނުމެދު އަދި ރީނދޫ ކޮޅާއެކު ކުރިން ދެވި ހަވާދުގެ ބާވަތްތައް ފުނޑާލައި ހަވާދުގަނޑު ތައްޔާރު ކޮށްލާށެވެ.

މަސްކޮޅު ތެރެއަށް ލޮނުކޮޅެއް ލުމަށްފަހު ބޯކިރުކޮޅު އަޅާފައި އެކުވެލާ ވަރަށް ކުޑަކޮށް މޮޑެލާށެވެ. އެއަށްފަހު ފުނޑި ހަވާދުގަނޑާ އެއްކޮށްލާށެވެ. ދެން ތެޔޮ ފޮދެއްގެ ތެރޭގައި ފިޔާ، ހިކަނދިފަތް އަދި ރާނބާފަތްކޮޅު ވަޅޯ ކޮށްލުމަށް ފަހު ކުރިން ހަވާދާއި ކިރުކޮޅާ އެއްކޮށްލި މަސްކޮޅު މީގެ ތެރެއަށް އަޅާ ލޮނު ހެޔޮވަރުކޮށް ކައްކާލާށެވެ.

ދުވާފަރު ތެޔޮމިރުސް ބަތް

1 - 1 ވަޅޯމަސް ގަނޑު (ފޮތިކޮށް ކޮށާފައި)
2 - 2 ޖޯޑު ބަތް
3 - 2 ފިޔާ (ބޮޑު)
4 - ހިކި މިރުސް
5 - ގިތެޔޮ މިރުސް
6 - ހިކަނދި ފަތް
7 - ސޫޕް ޕެކެޓް
8 - 2 ސަމްސާ ފެން (މޭޒުމަތީ ސަމްސާ)
9 - 1 ދަޅު ޓޮމާޓޯ ޕޭސްޓް (ކުޑަ)
10 - 3 ސަމްސާ ރިހާކުރު (މޭޒުމަތީ ސަމްސާ)
11 - 2 ސަމްސާ އޮއިސްޓަރ ސޯސް (މޭޒުމަތީ ސަމްސާ)
12 - ކުޑަ ތެޔޮ ފޮދެއް (ފިޔާކޮޅު ވަޅޯ ކޮށްލުމަށް)

ތެޔޮ ފޮދެއްގެ ތެރެއަށް ފިޔާކޮޅު އަޅައި ކުޑަކޮށް މިލުމުން ގިތެޔޮ މިރުސް، ހިކި މިރުސް އަދި ހިކަނދިފަތްކޮޅު އަޅާ ވަޅޯ ކޮށްލާށެވެ. އެއަށް ފަހު ސޫޕް ޕެކެޓާއި ކޮށާފައި ހުރި މަސްކޮޅު އަޅައި މަސްކޮޅު ހަރުވަންދެން ހަލަމުން ގެންދާށެވެ. މަސްކޮޅު ހަރުވުމުން އޭގެ ތެރެއަށް ރިހާކުރު، ޓޮމާޓޯ ޕޭސްޓު، އޮއިސްޓާ ސޯސް އާއެކު ފެންފޮދު އަޅައި ކައްކާލާށެވެ. ޕޭސްޓުގަނޑު ރޯފިލުމުން ބަތްކޮޅު އެއްކޮށްލާނީ އެވެ. އިތުރަށް ފުރިހަމަކޮށްލުމަށް ފެނުކެއްކި ބިސް ތެޔޮގަނޑެއްގައި ކުޑަކޮށް ތެލުލާލުމަށްފަހު މި ބަތާއެކު ކާލާށެވެ. ވަރަށް މީރުވާނެ އެވެ.