ކޮވިޑާ ގުޅިގެން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން އެސްޓީއޯއަށް ޑޮލަރުން ދިން ލޯނުގެ ސަބަބުން ރާއްޖޭގައި ފޮރިން ކަރަންސީ މެނޭޖު ކުރަން ލުއި ވެގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ ސާމާނު ހޯދަން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން އެސްޓީއޯއަށް ވަނީ 15 މިލިއަން ޑޮލަރު (232 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފަ އެވެ.
އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއީއޯ) މުހައްމަދު މިހާދު ވިދާޅުވީ އެ ކުންފުނީގެ ބެލެންސް ޝީޓަކީ ވަރަށް ވަރުގަދަ އެއްޗެއް ކަމަށާ، އެހެންވެ ގިނަ މާލީ އިދާރާ ތަކުން ލޯނު ދޭން ފަސް ނުޖެހޭ ކަމަށެވެ. އަދި އައިޓީއެފްސީން ދިން ލޯނުގެ ސަބަބުން ކޮވިޑާ ގުޅިގެން އައިސްފައިވާ ހާލަތުގައި ދައުލަތުގެ ކޭޝް ފްލޯއަށް ބާރު ކުޑަވެ، ރާއްޖޭގައި ފޮރިން އެކްސްޗޭޖް މެނޭޖު ކުރަން ލުއި ލިބިގެން ދާނެ ކަމަށެވެ.
"މިއި ރާއްޖޭގައި އިންފްލޯ [ބޭރު ފައިސާ ލިބޭނެ ގޮތް] މަދު ދުވަސް ވަރެއް. ޓޫރިސްޓު އެރައިވަލެއް ނެތް، އެހެންވެ ދައުލަތަށް އިންކަމް ލިބޭނެ ގޮތްތައް ވަނީ މަދުވެފައި. މި ލޯނުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މެނޭޖު ކުރަން ވެސް ފަސޭ ހަވާނެ،" ސަރުކާރު ޓީވީ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން މިހާދު ވިދާޅުވި އެވެ.
އެސްޓީއޯއަށް އައިޓީއެފްސީން 2017 ވަަނަ އަހަރު ވެސް މި ފަދަ ލޯނެއް ދީފައިވެ އެވެ.
އެސްޓީއޯއަކީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ އެންމެ ގިނަ ބާވަތްތައް އެތެރެކުރި އެއް ކުންފުންޏެވެ. ރާްއްޖެ އެތެރެ ކުރި ސިއްހީ ސާމާނާއި އާލާތުގެ 70 ޕަސެންޓް އެތެރެ ކޮށްފައި ވަނީ އެ ކުންފުނިންނެވެ. އަދި މިދިޔަ ކްއާޓަރުގައި އެސްޓީއޯ އިން 699،924 ބަސްތާ ކާޑު ވެސް ރާއްޖެ އެތެރެ ކޮށްފައިވެ އެވެ. އެވަރަށް ކާޑު އެތެރެ ކުރީ ރާއްޖޭގައި ކާޑުގެ ސްޓޮކެއް ގާއިމް ކުރާށެވެ.