ރާއްޖެ ކުޅިވަރު

މިއީ ސާންތީގެ ދަރިވަރެއް، އެންމެ ބޮޑު ޝުކުރެއް އޮތީ ބަލަކަށް: ސޮބާ

Sep 26, 2015

އޭނާ އަކީ އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ)ގެ ދަރިވަރެއް ކަމަށާއި ނިއުގެ ކޯޗުކަން ލިބުމުގައި އެންމެ ބޮޑު ޝުކުރެއް އޮތީ ޗެއާމަން އަލީ ވަހީދު (ބަލަކް) އަށް ކަމަށް ކޯޗު ސޮބާހު މުހައްމަދު މިއަދު ބުނެފި އެވެ.

އީގަލްސް ބަލިކޮށް އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއު އަނެއްކާ ވެސް މުބާރާތުގެ ފައިނަލަށް ގެންގޮސްދިން މެޗަށް ފަހު ސޮބާ ބުނީ އިދިކޮޅު ޓީމުތަކަށް އޭނާ އިހްތިރާމްކުރާ ކަމަށާއި އެފަދައިން އޭނާއަށް ވެސް އިހުތިރާމް ދޭން އެދޭ ކަމަށެވެ.

"މިއީ ފަސޭހަ ކަމެއްނޫން. އަޅުގަނޑަށް މިއީ ވަރަށް ބޮޑު ޗެލެންޖެއް (ނިއުގެ ކޯޗުކަން ކުރުމަކީ). އަޅުގަނޑަކީ ސާންތީގެ ދަރިވަރެއް. އަޅުގަނޑު ރެސްޕެކްޓް ކުރަން އިދިކޮޅު ފަރާތްތަކަށް ވެސް. ހަމައެފަދައިން އަޅުގަނޑު މި ބުނަނީ މިތަނުގައި (ނިއުގެ ބެންޗުގައި) ކޮންމެ މީހަކު ހުއްޓަސް އެއިހްތިރާމް ކުރާށޭ. އަޅުގަނޑުގެ (ކޯޗިންގެ) ފެށުން މިއީ. ތެދެއް އަޅުގަނޑު އަތަކު ނެތް އޭލައިސަންސެއް ނުވަތަ ޕްރޯ ލައިސަންސެއް،" ނިއުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ލިސްޓުގައި ޖަހާފައިވީ ނަމަވެސް ކޯޗެއްގެ ޒިންމާ އަދާކުރަމުން އަންނަ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.

ސޮބާ ނިއުގެ ކޯޗުކަން އޭނާއާ ހަވާލުކުރީ ވަރަށް ގިނަބަޔަކު އެގޮތަކަށް އެކަން ކުރަން ބޭނުންނުވެފައި ތިއްބާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑު ޝުކުރެއް އަދާކުރަން ހުރިހާ ކުޅުންތެރިންނަށް. ހާއްސަކޮށް ސީނިއާ ޕްލޭޔަރުންނަށް އޮއްޕޮމެން އަޑޭމެންކަހަލަ ކުޅުންތެރިންނަށް. އޮއްޕޮ މިއަދު ވެސް އިންޖަރީގައި ހުރެ، ވަރަށް ބޮޑު ގުރުބާނީއެއްއެވީ. އެހެންވީމަ ޓީމުގެ އެންމެ ސީނިއާ ކުޅުންތެރިންނާ ހިސާބުންގޮސް އެންމެ ޖޫނިއާ ޕްލޭޔަރަކަށް ވެސް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. ދެން މީގައި އެންމެ ބޮޑަށް ޝުކުރުއަދާކުރާނީ ޗެއާމަން (ބަލަކް) އަށް. އެއީ ވަރަށް ގިނަ މީހުން މިކަން މިގޮތަށްކުރަން (އޭނާއާ ޓީމު ހަވާލުކުރަން) ދެކޮޅަށް ތިއްބާ އަޅުގަނޑާ ހަވާލުކުރީ އިތުބާރުކޮށްފަ،" ނިއު އާއި ވިކްޓަރީގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.

ސޮބާ ބުނީ އީގަލްސްއާ ދެކޮޅަށް ކުޅުނުއިރު ދެ ޓީމުން ވެސް ފެނުނީ ނޭވާ ހިފަހައްޓާލަން ޖެހުނު ކުޅުމެއް ކަމަށާއި މި މެޗުން މޮޅުވުމުން އޭނާގެ ކޯޗިން ކެރިއަރުގައި ވަރަށް ބޮޑު އެއްޗެއް ހާސިލްވީ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކާމިޔާބު ހޯދާނަން. ވަރަށް ބޮޑު އުއްމީދެއް އެބައޮތް ޓީމާމެދު،" ސޮބާ ބުންޏެވެ.

ފައިތުވެދިޔަ ތިން އަހަރު ނިއު ހޯދި ތަށި ދިފާއު ކުރަން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކުޅޭ ފައިނަލުގައި ކުޅެން ޖެހޭނީ ސެމީގެ ފަހު މެޗުގައި މާދަމާ މާޒިޔާ އާއި ޓީސީ ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.