ދުނިޔެ

އަފްޣާނިސްތާނު: ހުކުރު ނަމާދާ ދިމާކޮށް ބޮމުގެ ހަމަލާއެއް

Jun 13, 2020

ކާބުލް (ޖޫން 13) - ހުކުރު ވަގުތާ ދިމާކޮށް، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި މިހާތަނަށް ހަތަރު މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިސްކިތުގެ ތެރޭގައި ބޮން ގޮއްވާލަން ރާވާފައިވަނީ ހުކުރު ނަމާދުގެ ތެރޭގައި ކަމަށެވެ. އަދި އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެ މިސްކިތުގެ އިމާމު ހިމެނޭއިރު، އެ ހަމަލާގައި އިތުރު އަށް މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވި ނަމަވެސް، އަފްޣާނުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައި އައިސިލް (އައިސިސް) އިން ވަނީ މިސްކިތަކަށް އަމާޒުކޮށް ހަމަ މިފަދަ ބޮމުގެ ހަމަލާއެއް މިދިއަ ހަފުތާގެ ތެރޭގައި ވެސް ދީފަ އެވެ.

އަދި މިދިއަ މަހު ވެސް އަފްޣާނިސްތާނުގެ ޕަރުވާން ސަރަހައްދުގައި ހުރި މިސްކިތަކަށް ބަޑި ހިފައިގެން ތިބި ބައަކު ވަދެ ހަމަލާދީ، ގިނަ ބައަކު ވަނީ މަރާލައިފަ އެވެ.

އަފްޣާނުގައި އާއްމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވަމުން ދާތީ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިދިއަ މަހު ވެރިރަށް ކާބުލްގައި ހުރި ހޮސްޕިޓަލަކަށް ވެސް ހަމަލާދީ 24 މީހަކު މަރާލައިފައި ވެއެވެ. އޭގެ ތެރޭގައި އަލަށް ވިހޭ ތުއްތު ކުދިންނާއި، ވިހައިގެން ތިބި އަންހެނުން ވެސް ހިމެނެ އެވެ.

އާއްމުންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް އިތުރުވެފައި މިވަނީ، ހަނގުރާމަވެރި ތާލިބާނު ޖަމާއަތާއެކު ސުލްހައިގެ މަޝްވަރާތައް ސަރުކާރުން ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އައިސިލްގެ މަގުސަދަކީ، ހަމައެކަނި ތާލިބާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިގެން އަފްޣާނިސްތާނުގައި ހަމަޖެހުން ގާއިމުކޮށްފައި ނުބޭއްވޭނެކަން އަންގައި ދިނުން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.