ކުޅިވަރު

ވެލެންސިއާ މޮޅުވިޔަ ނުދީ ލެވެންޓޭއިން ހުއްޓުވައފި

ލަލީގާ ގައި ވެލެންސިއާއިން މެޗުން މޮޅުވާން ދަނިކޮށް މެޗުގެ އެންމެ ފަހު ވަގުތުގައި އެކަކު މަދުކޮށް ކުޅެމުންދިޔަ ލެވަންޓޭއިން ލަނޑު ކާމިޔާބު ކޮށް، ވެލެންސިއާ ހުއްޓުވައިފި އެވެ.

މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ޑާބީ ޑެލް ޓޫރިއާގެ ނަމުން މަޝްހޫރު ވެފައިވާ، ވެލެންސިއާ ސިޓީގެ ޑާބީ މެޗު އަމިއްލަ ދަނޑު މެސްޓެޔާ ސްޓޭޑިއަމްގައި ވެލެންސިއާއިން ފެށީ ވެސް ރަނގަޅު ރޫހެއްގަ އެވެ. މެކްސީ ގޯމޭޒް ނަގައިދިން ހުރަހެއް ކާލޯސް ސޯލާ ނުރައްކާތެރިކޮށް ފޮނުވާލި އެވެ. އެ ބޯޅަ އަމާޒުވީ ހުރަސް ދަނޑި އަށެވެ.

މެޗު ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް ލެވަންޓޭގެ ރޮޖާ މާޓީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. ވެލެންސިއާއިން ލަނޑު ކާމިޔާބު ކުރީވެސް އޭގެ ފަހުންނެވެ. މެޗުގެ 89 ވަނަ މިނެޓްގައި ހޯޒޭ ގަޔާ ތަނަވަސް ކޮށްދިން ފުރުސަތަކުން ރޮޑްރިގޯ މޮރޭނޯ ވަނީ ވެލެންސިއާ އަށް ލީޑް ނަގައި ދީފަ އެވެ.

ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން އެ ޓީމުގެ މުކްޓާރ ޑިއަކަބީ ލެވަންޓޭގެ ރުބެން މެޒޯއަށް ފައުލު ކުރުމުން ރެފްރީ ދެއްކީ އޭރިއާގެ ރޮނގުމަތިން ހިލޭ ޖެހުމެއް ކަމަށެވެ. އެހެންނަމަވެސް ޕެނަލްޓީ އެއް ދިނީ ވީއޭއާރު މެދުވެރިކޮށް ބެލުމަށް ފަހު އެވެ.

ލެވަންޓޭގެ ގޮންޒާލޯ މެލޭރޯ ޕެނަލްޓީ ސްޕޮޓް މަތީގައި ބޯޅަ ބާއްވައި، ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލީ ވެލެންސިއާަގެ ހޮލެންޑް ކީޕަރު ޔަސްޕާ ސިލެސަން އަށް އޮޅުވާލުމަށް ފަހު އެވެ.

ހަތް ވަނައިގައި އޮތް ވެލެންސިއާ މޮޅު ނުވެވުމުން ހަ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ކައިރއަށް ޖެހިލުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ރޭ ގްރަނާޑާއިން ވަނީ ގެޓާފޭގެ މައްޗަށް 2-1 ން މޮޅު ވެފަ އެވެ.