ސްޕެއިން

ސްޕޭންގެ އެފްއޭގެ އިންތިހާބު ކަސިއަސް ދޫކޮށްލައިފި

ސްޕެއެއިންގެ ރޯޔަލް ފުޓްބޯލް ފެޑްރޭޝަންގެ ކުރިއަށް އޮތް އިންތިހާބުގައ، އެ ފެޑްރޭޝަންގެ ރައީސް ކަމަށް ވާދަ ކުރާނެ ކަމަށް، އެ ގައުމުގެ ވޯލްޑް ކަޕް ވިނިން ކެޕްޓަން އިކާ ކަސިއަސް ކުރިން އިއުލާން ކުރި ނަމަވެސް މިހާރު އިންތިހާބުގައި ވާދަ ނުކުރަން އޭނާ ނިންމައިފި އެވެ.

މި އަހަރު ކުރީ ކޮޅު، ކުޅުން ހުއްޓާލިކަން އިއުލާން ކުރުމަށް ފަހު، ކަސިއަސް ވަނީ މި އަހަރު ބާއްވާ އިންތިހާބުގައި ސްޕެއޭންގެ އެފްއޭގެ ރައީސް ކަމަށް ކުރިމަތިލަނެ ކަމަށް ބުނެފަ އެވެ. ސްޕެއިންގެ ރޭޑިއޯ ޗެނަލެއް ކަމަށްވާ އޮންޑަ ސެރޯއިން ރިޕޯޓް ކޮށްފައި ވަނީ އިންތިހާބުގައި ވާދަ ނުކުރަން ކަސިއަސް ނިންމާފައިވާ ކަމަށެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދީ އެ ޓީމުގެ ގޯލް ބެލެހެއްޓި ކަސިއަސްގެ ބޮޑު ހިއްސާ އާއެކު އެވެ. ރެއާލް މެޑްރިޑްގެ ކެޕްޓަންކަންވެސް ކުރި ކަސިއަސް ކުރިން ވަނީ ކޮރޯނާ ވައިރަސްގެ ކަންކަން މެދުވެރިވެފައި އޮތް ވަގުތެއްގައި އިންތިހާބާ މެދު އޭނާ ނުވިސްނާ ކަމަށެވެ.

އޭނާ އިންތިހާބުގައި ވާދަ ނުކުރާނަމަ، އޯގަސްޓް މަހު ބާއްވަން އޮތް އިންތިހާބުގައި ވާދަ ކުރާނީ މިހާރުގެ ރައީސް ލުއިސް ރުބިއެލެސް އެކަންޏެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ އިންތިހާބުގައި ވާދަ ނުކުރަން ކަސިއަސް ނިންމީ، ރުބިއަލެސް އާ ވާދަ ކުރެވޭވަރުގެ ސަޕޯޓެއް ކަސިއަސްއަށް ބިނާ ކުރެވިފައި ނެތުމުން ކަމަށެވެ.

ކުރިން ތާވަލު ކޮށްފައި އޮތް ގޮތުން އެންމެ ލަސްވެގެންވެސް އޯގަސްޓް 18 ގައި އިންތިހާބު ބާއްވަން ޖެހޭނެ އެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ކަންތައްތަކާ ހުރެ އިންތިހާބު ފަސް ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ކަސިއަސް އެންމެ ފަހުން ކުޅުނީ ޕޯޓޯ އަށެވެ. މިދިޔަ އަހަރު އެ ޓީމުގެ ޕްރެކްޓިހުގައި އުޅެނިކޮށް އޭނާ އަށް ހާޓް އެޓޭކެއް ޖެހުނު ފަހުން ފުޓްބޯޅަ ކުޅެން ދަނޑަށް ނުކުމެފަ އެއް ނުވެ އެވެ. ކުޅުން ހުއްޓާލިކަން އިއުލާން ކުރީ ފެބްރުއަރީ މަހު އެވެ.