ބަޔާން މިއުނިކް

ބަޔާނަށް މިރޭ ލީގް ޗެމްޕިއަންކަން ހޯދިދާނެ

ބުންޑެސް ލީގާގައި މިރޭ ކުޅޭ މެޗުތަކުގެ ތެރެއިން ދެ މެޗެއްގެ ނަތީޖާ ނުކުންނަ ގޮތަކުން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ބުންޑެސް ލީގާގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު މިރޭ ބަޔާން މިޔުނިކަށް ލިބެނޭ އެވެ.

ބުންޑެސް ލީގާގެ ތާވަލުގެ އެއް ވަނައިގައި ބަޔާން އޮތީ ހަތް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި އޮތް ވާދަވެރި ބުރޫޝިއާ ޑޯޓަމުންޑުން މިރޭ ފޯޓޫނާ ޑުސާޑޯފް އާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެ، ބަޔާއިން ބުރޫޝިއާ މޮންޗެންގްލެޖްބާކް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއް ޖަނަމަ ޗެމްޕިއަންކަން ބަޔާން އަށް ލިބިގެންދާނެ އެވެ. އޭރުން ބަޔާން އަށް އެއް ވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ލިބުނީ އެވެ. ބަޔާން އާއި ޑޯޓަމަންޑަށް ވެސް ލީގްގައި ބާކީ އޮތީ ހަތަރު މެޗެވެ.

ނޮވެމްބަރު މަހު މިޔުނިކްގެ ކުލަބު އޮތީ ހަތަރު ވަނައިގަ އެވެ. އެ ޓީމުގެ ނަތީޖާތައް ގޯސް ވުމުން އޭރު ކޯޗަކަށް ހުރި ނިކޯ ކޮވާކް މަގާމުން ވަކި ކުރި އެވެ. ވަގުތީ ކޯޗެއްގެ ގޮތުގައި ހެޑްކޯޗް ކަމަށް ޕްރަމޯޓް ކުރީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރި ހަންސީ ފްލިކް އެވެ. އޭނާ ހަވަލުވެ ކުޅުނު 27 މެޗުގެ ތެރެއިން 24 މެޗުން މޮޅުވި އެވެ. އަދި މިހާރު ވަނީ ބަލި ނުވެ ޖެހިޖެހިގެން 21 މެޗު ފުރިހަމަ ކޮށްފަ އެވެ.

އޭނާ އާއެކު ޓީމުގެ ނަތީޖާތައް ރަނގަޅު ވުމުން، މިދިޔަ މާޗް މަހު ޓީމުގެ ކޯޗްގެ މަގާމުގައި އޭނާ ދާއިމީ ކުރި އެވެ.

ޑުސާޑޯފް އާއި ޑޯޓަމަންޑް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 6:30 ގަ އެވެ. ބަޔާން އާއި ގުލެޖްބާކްގެ މެޗު ފަށާނީ 9:30 ގަ އެވެ.

ބަޔާން ވަނީ ޖަރުމަން ކަޕްގެ ފައިނަލުގަ އެވެ. މި އަހަރުގެ ޑޮމެސްޓިކް ދެ މުބާރާތާއި ޔޫއެފާ ޗެމްޕިއަންސް ލީގް ހޯދުމުގެ ފުރުސަތުވެސް އެ ޓީމަށް އެބައޮތެވެ.