ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގޭގައި ކަރަންޓީނުވާ މީހުން ބޭރަށް ނުކުތުން އަނެއްކާ މަނާކޮށްފި

މާލޭގައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ދާ މީހުން، ގޭގައި ކަރަންޓީނުގައި ތިބޭއިރު ބޭރަށް ނިކުމެ އުޅެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް އެގެތަކަށް މީހުން ވަދެ ނިކުމެ އުޅުން އަނެއްކާވެސް މަނާކޮށްފި އެވެ.

މާލޭގައި ރަށްރަށަށް ނުދެވިފައި ތިބި މީހުން ރަށްރަށުގައި ކަރަންޓީނު ކުރުމާ ބެހޭ އުސޫލެއް ނެރެ އަމަލު ކުރަން ފަށާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ރަށްރަށުގައި ކަރަންޓީނުވުމަށް ފުރުސަތު ދެވޭނީ ކައުންސިލްގައި އެކަމަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އަދި އެމީހުން ކަރަންޓީނުވުމަށް އެދޭ ގެއަކީ ހޯމް ކަރަންޓީނުގެ އުސޫލަށް ފެތޭ ތަނެއްތޯ ކައުންސިލްތަކުން ބަލާނެ ކަމަށެވެ. އަދި މިގޮތަށް 24 ދުވަހު ކަރަންޓީނުގައި ތިބެންޖެހެ އެވެ. އެއަށްފަހު ކޮވިޑަށް ތޭސްޓް ކުރުމަށްފަހު ނަތީޖީާ ނެގަޓިވް ވުމުން ނޫނީ އެ ގެތަކަށް ވަދެ ނިކުމަެ އުޅުމަކީ މަނާކަމެއްގެ ގޮތުގައި އެޗްޕީއޭ އިން ވަނީ ކަނޑައަޅާފަ އެވެ.

ނަމަވެސް ރޭ ވަނީ އެ އުސޫލު ބަދަލުކޮށް ކަރަންޓީނުގައި ހުންނަ މީހާ އަށާއި އެ ގެ ތަކުގެ މީހުންނަށް ބެރަށް ނިކުމެވޭނެ ގޮތަށް ކަނޑައަޅައި އުސުލު ބަދަލުކޮށްފަ އެވެ. އަދި ބޭރަށް ނިކުމެވޭނެ އުސޫލުތަކެއްވެސް ވަނީ ކަނޑައަޅަފަ އެވެ.

މިގޮތަށް ކަރަންޓީނު އުސޫލު އިސްލާހު ކުރުމަށްފަހު އަނެއްކާވެސް މިއަދު ވަނީ ކުރީގެ ގޮތަށް މި އުސޫލު ބަދަލުކޮށްފަ އެވެ. މި އުސޫލުގައިވާ ގޮތުން، ކަރަންޓީން ކޮށްފައިވާ މީހާ، އެ މުއްދަތުގައި ގެއިން ބޭރަށް ނުކުމެގެން ނުވާނެ އެވެ. މިއީ ކުރިން ވެސް އަމަލުކުރަމުން އައި ގޮތެވެ. ނަމަވެސް އެ ގޭގައި ދިރިއުޅޭ އެހެން މީހުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ބޭރަށް ނުކުމެވޭނެ ކަމަށް އުސޫލުގައި ބުނެ އެވެ. އެގޮތަށް ނުކުންނައިރު ވެސް އެހެން ގެތަކަށް ދިއުމާއި އެހެން މީހުންނާއެކު އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.

މިގޮތަށް ގޭގައި ކަރަންޓީނުވުމަށް ރަށްރަށަށް ފޮނުވާނީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް މީހުންނެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން ގެންނަ ދިވެހިންނަށްވެސް ގޭގައި ކަރަންޓީން ވެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި އުސޫލުގެ ދަށުންވެސް ގިނަ ބަޔަކު ވަނީ މިހާރު ކަރަންޓީން ކޮށްފައެވެ. އެގޮތުން މިމަހުގެ 10 ވަނަ ދުވަހު ލަންކާއިން އައި 153 މީހަކު ވަނީ ގޭގައި ކަރަންޓީން ކޮށްފައެވެ.