ރާއްޖެ ކުޅިވަރު

މެސީ ދެ މަހަށް ކުޅުމާ ދުރަށް، މިއީ އެހެން ޓީމުތަކަށް އުފާވެރި ހަބަރެއް: ކޯޗު

Sep 26, 2015

ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލަޔޮނަލް މެސީ އަށް އަނިޔާގެ ކުޅުމާ ދެ މަހަށް ދުރަށް ދާން ޖެހުމަކީ އެހެން ޓީމުތަކުން ވަރަށް އުފާވާނެ ކަމެއް ކަމަށް ބާސެލޯނާއިން ބުނެފި އެވެ.

ލުއިސް ސުއަރޭޒް ޖެހި ދެ ގޯލުން އަލަށް ޕްރޮމޯތްވި ލަސް ޕަލްމަސް އަތުން ބާސެލޯނާ 2-1އިން މޮޅުވި މެޗުގައި މެސީގެ ވާތު ކަކުލުގެ ލިގަމެންޓް އިރައިގެން ދިޔައީ މެޗުގެ ތިން ވަނަ މިނިޓްގަ އެވެ. ނަމަވެސް ފަރުވާއަށް ފަހު އޭނާ ކުޅެން މަސައްކަތް ކުރި ނަމަވެސް އަމިއްލަ އަށް ބަދަލު ކުރަން އެދުނީ އެވެ. އަދި އެއަށްފަހު ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓްތަކުން އަށް ހަފުތާ އަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަން ވަނީ ޔަގީންވެފަ އެވެ.

މި މުއްދަތުގައި ސްޕެނިޝް ލީގުގެ ފަސް މެޗަކާއި ޗެމްޕިއަންސް ލީގުގެ ތިން މެޗެއް މެސީ އަށް ގެއްލޭނެ އެވެ. ނަމަވެސް ސްޕެނިޝް ލީގާއި ބާސެލޯނާ އަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ އަށް ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ނޮވެމްބަރު ކުޅެވޭނެ ކަމަށް ކުލަބުން ލަފާކުރެ އެވެ.