އަންނަ ހޯމަ ދުވަހުން ފެށިގެން ފުލުހުންގެ ހުއްދަ ނުނަގައި، ބޭރަަށް ނުކުވެނަސް، ބީއެމްއެލްގެ ހިދުމަތް ލިބޭނީ އެޕޮއިންޓްމަންޓް ހަދައިގެން އައުމުން ކަމަށް ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ މިމަހުގެ ފަހު ފަނަރައިގައި ވެސް ހިދުމަތް ދެމުން ގެންދާނީ އެޕޮއިންޓްމަންޓް ހަދައިގެން އަންނަ މީހުންނަށްކަމަށެވެ. ހަމައެހެންމެ ދެމުންދާނީ އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކެވެ.
އެ ކުންފުނިން ބުނީ މި މަހުގެ 15 އިން 30 ގެ ނިޔަލަށް ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އާއި އަންގާރަ އަދި ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ. ކޮންމެ ދުވަހަކަށް ވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެ އެވެ. އެއް ދުވަސް ކުރިން އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު މި ސިސްޓަމުން ލިބެ އެވެ.
"އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށެވެ. މާލޭ ސިޓީގެ ފުރަބަންދަށް ބޮޑު ލުއިތަކެއްލިބިފައިވީ ނަމަވެސް އަޅުގަނޑުމެން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިން ހިދުމަތް ބޭނުންކުރައްވައި، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރެއްވުމަށެވެ،" ބީއެމްއެލް އިން ބުނެފައިވެ އެވެ.
ބީއެމްއެލް އިން ބުނީ ތިރީގައި ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިންކޮށެވެ. ބޭންކު ހުޅުވޭ ކޮންމެ ދުވަހެއްގައި ވެސް މި ހިދުމަތްތައް ދެމުންދާނެ އެންމެފަހު ވަގުތުތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށެވެ.
- ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން
- ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން)
- ލޯކަލް ބޭންކް ޓްރާންސްފާ
- މީރާ އަށް ފައިސާ ދެއްކެމުގެ ހިދުމަތް
- ޕީއޯއެސްގެ ހިދުމަތައް އެދި ހުށަހެޅުން
ބީއެމްއެލް އިން ވަނީ ވިޔަފާރި އެކައުންޓްތަކަށް ދުވާލަކު ފަސް ލައްކަ ރުފިޔާ އަދި އަމިއްލަ ފަރުދުންގެ އެކައުންޓްތަކަށް ދުވާލަކު އެއް ލައްކަ ރުފިޔާ ޖަމާ ކުރެވޭ ގޮތަށް ބަދަލު ގެނެސްފަ އެވެ. މީގެ އިތުރުން ބީއެމްއެލް އޭޓީއެމް އިން ޗެކު ވެސް ޖަމާ ކުރެވެ އެވެ.