ބާސެލޯނާ

މެސީ ބޮޑު ހިއްސާއާއެކު ބާސާ މޮޅު ވެއްޖެ

ކެޕްޓަން ލިއޮނަލް މެސީގެ ބޮޑު ހިއްސާ އާއެކު، ތިން މަހަށް ފަހު ބާސެލޯނާ އެނބުރި އައި މެޗުން ރެއާލް މަޔޯކާ އާ ދެކޮޅަށް 4-0 ން މޮޅުވެއްޖެ އެވެ.

މެޗުގައި ބާސާގެ ހަތަރު ވަނަ ލަނޑު ޖެހުމުގެ އިތުރަށް މެސީ ވަނީ އެ ޓީމުގެ ދޭއް އަދި ތިން ވަނަ ލަނޑު ޖަހަން އެސިސްޓް ކޮށްދީފަ އެވެ. ޖޯޑީ އަލްބާ ވެސް ވަނީ އެސިސްޓް ކޮށްދީ ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ދެއްކި ރީނދޫ ކާޑާ އެކު ދެ ކާޑު ހަމަވުމުން އަންނަ މެޗަށް އޭނާ ސަސްޕެންޑްވެސް ވީ އެވެ.

ބާސާގެ ފުރަތަމަ ލަނޑު މެޗުގެ ދެެ ވަނަ މިނެޓްގައި އާޓޫރޯ ވިޑާލް ކާމިޔާބު ކުރީ އަލްބާ ތަނަވަސް ކޯށްދިން ފުރުސަތަކުންނެވެ. ބާސާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ފެބްރުއަރީ މަހު ލުއިސް ސުއަރޭޒް އަށް އަނިޔާވުމުން ޓްރާންސްފާ ޕީރިއަޑްގެ ބޭރުން ބާސާއަށް ގެނައި ޑެންމާކުގެ މާޓިން ބްރައިތުވެއިޓް އެވެ. މެސީ ތަނަވަސް ކޮށްދިން ލަނޑުން ކާމިޔާބު ކުރި ގޯލަކީ ބާސާގެ ޖޯޒީގައި ބްރައިތުވެއިޓް ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. އެހެންނަމަވެސް ލަނޑު ޖެހުމަށް ފަހު އޭނާ އުފާފާޅު ކޮށްފައެއް ނުވެ އެވެ. ކުރިން ލެގަނޭޒްއަށް ކުޅުނު ފޯވަޑް ވަނީ ލެގަނޭޒްއިން މަޔޯކާ އާ ދެކޮލަށް ކުޅުނު މެޗުގައިވެސް ލަނޑު ޖަހާފަ އެވެ.

ދެ ވަނަ ހާފުގައި އަލްބާ ލަނޑު ކާމިޔާބު ކުރީވެސް މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ބާސާގެ ކޯޗް ކީކޭ ސެޓިއެން ބުނީ މެޗުގައި ބާސާއަށް މެދުވެރިވި އެންމެ ރަނގަޅު ކަމަކީ ލުއިސް ސުއަރޭޒް އެނބުރި އައުމާއި ބްރައިތުވެއިޓް ލަނޑު ކާމިޔަބު ކުރުން ކަމަށެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ސީޒަން ތިން މަސް ދުވަހަށް މެދުކެނޑިގެން ދިއުމަކީ އަނިޔާއިން ރަނގަޅުވެ ސީޒަންގައި ކުޅުމަށް ސުއަރޭޒްއަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ސުއަރޭޒް ކުޅެން ނުކުތީ މެޗުގެ 57 ވަނަ މިނެޓްގައި އެންޓްއާން ގްރީޒްމަންގެ ބަދަލުގަ އެވެ.

މެސީ ލަނޑު ކާމިޔާބު ކުރަން ބޯޅަ ތަނަވަސް ކޮށްދިނީވެސް ސުއަރޭޒް އެވެ. މެސީގެ އެ ލަnޑަކީ މި ސީޒަންގައި ލަލީގާގައި ކާމިޔާބު ކުރި 20 ވަނަ ލަނޑެވެ. އެއާއެކު އޭނާ ވެފައި ވަނީ ޖެހިޖެހިގެން 12 ސީޒަންގައި ލަލީގާގައި 20 ލަނޑު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މެޗުން މޮޅުވެ ބާސާ ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑް މިރޭ ނުކުންނާ އެއިބާ އާ ދެކޮޅަށެވެ.