ލައިފްސްޓައިލް

އަންބަކު ހޯދަން ކެތްމަދުވެގެން އުޅުނު މީހަކަށް އަންހެނަކު ލަނޑުދީފި

އިންޑިޔާގެ އަހުމަދުއާބާދުގެ ނަރޯޑާގައި ދިރިއުޅޭ ޖަޔޭޝް އަކީ ގާމެންޓް ފެކްޓްރީއެއްގައި ފަހައިގެން އާމްދަނީ ހޯދައިގެން ދިރިއުޅެމުން އައި މީހެކެވެ.

ޖަޔޭޝް ރާތޯޑް ދިރިއުޅޭ މުޖުތަމައުގައި އޭނާއަކީ އެހާބޮޑަށް މީހުން ކައިވެނިކުރަން ބޭނުންވާ ސިފަތަކެއް ހުރި މީހެއް ނޫނެވެ. ފުރަތަމަ ކަމަކަށް އޭނާގެ އަމިއްލަ ގެދޮރެއް ނެތެވެ. ދެ ވަނަ ކަމަކަށް އިންނާނެ މީހަކު ނުވެ އެހެން ހުރެހުރެ އޭނާ ހުރީ އުމުރުން ފުދޭ ވަރަކަށް ދުވަސްވެފަ އެވެ.

މިހެން ހުއްޓާ އާއިލާއިން އޭނާ ކައިވެނިކުރަން ރަނގަޅު އަންހެންކުއްޖަކު ހޯދުމުން ޖަޔޭޝް ވަރަށް އުފާވި އެވެ. ނަމަވެސް އޭނާގެ މި އުފާވެރިކަން ދެމި އޮތީ ކުޑަ ދުވަސްކޮޅަކަށެވެ. ކައިވެންޏަށް މަހެއްވީ ތަނާ އަންހެނުން ފިލާ ރައްކާވީ އެވެ.
އަހުމަދުއާބާދު މިރާގައިވާ މި ރިޕޯޓު ބުނާ ގޮތުގައި ޖަޔޭޝް އަތުން މަކަރުން 1.55 ލައްކަ ރުޕީސް އަތުލައިގެން އަންހެނުން ފިލިއިރު އޭނާގެ އަންހެނުންނަކީ މަކަރުވެރި ހީލަތްތެރިއެއް ކަމެއް އެއްގޮތަކަށް ވެސް ފިރިހެންމީހާ ހިއެއް ނުކުރެ އެވެ.

"އަހަރެމެން ދިރިއުޅޭ ހިސާބުގަނޑުގައި ކައިވެނި ކުރަން ޝަރުތު ފުރިހަމަވާ ކަމަށް ވަނީ ގެދޮރު ހުރިއްޔާ. އެހެންވެ އަހަންނަށް އިންނާނެ މީހަކު ނުލިބި ހުރީ. ދިރިއުޅޭ ހިސާބުން ނުލިބުނަސް ތަންކޮޅެއް ދުރު ހިސާބަކުން އިންނާނެ މީހަކު ވޭތޯ އާއިލާގެ މީހުން ކުރި މަސައްކަތުން ރާޖަސްތާނުން އެންމެ ފަހުން އިންނާނެ ކުއްޖަކު ލިބުނީ،" ޖަޔޭޝް ބުންޏެވެ.

ކަލާވަތީ ނަމަކަށް ކިޔާ މި އަންހެންކުއްޖާ އާ ޖަޔޭޝް ކައިވެނިކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އަންހެންމީހާގެ އާއިލާއިން ބުނީ އެމީހުންނަކީ ވަރަށް ފަގީރު ބައެއް ކަމަށާއި ކައިވެނީގެ ތައްޔާރީތަކަށް ފައިސާ ބޭނުންވާ ކަމަށެވެ. އެހެންވެ ކަލާވަތީގެ މައިންބަފައިންނަށް ޖަޔޭޝް ވަނީ 1.55 ލައްކަ ރުފިޔާ އަނބުރާ ދައްކާ ގޮތަށް ދީފަ އެވެ. ކަލާވަތީގެ ބޭބެ ސަންޖީތު ފަސް މަސް ތެރޭގައި އެ ފައިސާ އަނބުރާ ޖަޔޭޝް އަށް ދޭ ގޮތަށެވެ.

ނަމަވެސް ކައިވެންޏަށް އެންމެ މަހެއް ވީތަނާ ކަލާވަތީ ގެއިން ފިލައިގެން ދިޔައީ އެވެ. ފައިސާ އަނބުރާ ހޯދަން ކަލާވަތީގެ ބޭބެއަށް ގުޅުމުން ދިނީ މަރުގެ އިންޒާރު ކަމަށް ޖަޔޭޝް ބުންޏެވެ.

ލޮކްޑައުން ނެގުމުން ވެސް އަންހެނުން އަނބުރާ އަތުވެދާނެ ކަމާ މެދު މިހާރު ޖަޔޭޝް އަށް އެއްވެސް ޔަގީންކަމެއް ނެތެވެ. އެހެން މިހާރު އޭނާ ވަނީ އެ ސަރަހައްދުގެ ފުލުހުންނަށް ވެސް މި މައްސަލަ ހުށަހަޅާފަ އެވެ.