ދުނިޔެ

ޗައިނާގައި ތެޔޮ ބައުޒަރެއް ގޮވައި 18 މީހުން މަރުވެއްޖެ

Jun 14, 2020

ބެއިޖިންގް (ޖޫން 14) - ޗައިނާގެ ޒެޖިއަންގް ޕްރޮވިންސްގައި އެކްސްޕްރެސް ވޭ ގައި ދަތުރު ކުރަމުން ދިއަ ތެޔޮ ބައުޒަރެއް ގޮވުމުގެ ސަބަބުން، 18 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމް ވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ބައުޒަރު ގޮވުމާއެކު، އެ ސަރަހައްދުގައި ހުރި ގިނަ އިމާރާތްތަކުގައި ހުޅު ހިފައި ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. އެ ހާދިސާގައި، މިހާތަނަށް 189 މީހުން ޒަހަމް ވެގެން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ގޮވުމުގެ ބާރުގަދަ ކަމުން އެ ސަރަހައްދުގައި ހުރި ބައެއް ގެތަކުގެ ބައިތައް ވެޓިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަހުގީގު ފަށާފައިވާއިރު، ވީއެންމެ އަވަހަކަށް ތަހުގީގު ފުރިހަމަ ކުރުމަށް ސަރުކާރުގެ ކަމާބެހޭ ކޮމިޝަނުން އަންގާފައިވާ ކަމަށް ވެސް ޗައިނާގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އަދި ނުރައްކާތެރި ކެމިކަލް އުފުލާ އުޅަނދުތަައް ރައްކާތެރިތޯ މިހާރަށް ވުރެ ރަނގަޅަށް ބެލުމަށް، ޓްރެފިކް ފުލުހުންނަށް އެ ކޮމިޝަނުން ވަނީ އަންގައިފަ އެވެ.