ވާހަކަ

ލޯބިން ބުނެލަން

(11 ޖޫން 2020 އާ ގުޅޭ)

ޔާދިން ހުރީ ބަދިގޭގައި ކެންޒާ ހަރަކާތްތެރިވަމުންދިޔަ ދިމާގެ އަރިމަތިން ކަބަޑުސެޓުގައި ޖެހިލައިގެންނެވެ. ބަދިގެއަށް ވަން ލައިތުގެ މޫނުގެ ކުލަވަރު އެކީ ބަދަލުވިއެވެ. އިހު ހުރި ބޮލުމުގެ ރިހުމަށްވުރެ އެތައްގުނައެއް އޭނާގެ ބޮލަށް ބަރުވި ކަހަލައެވެ. ޔާދިން ހީނލާ ކެންޒާއަށް ބަލާލި ގޮތާއި އެ ދެމެދުގައި ކެންޒާ ބަދަލުކޮށްލު ލުއި ހިނިތުންވުން ލައިތުގެ ލޭ ހޫނުކުރުވީ އެއްވެސް އިޚްތިޔާރަކާނުލައެވެ. ލައިތު ފެނުމާއެކު ޔާދިން އަވަސްވެލީ އެތަނުން ނުކުތުމަށެވެ.

"ސީ ޔޫ..." މަޑުމަޑުން ޔާދިން ބުނެލިއެވެ. އެ އަޑު ވެސް ދޮރުމަތީ ހުރި ލައިތަށް އިވުނެވެ. އޭނާއަށް ބަލާލުމެއްނެތި އޭނާގެ ކައިރިން އަޅާފައި ބަދިގެއިން ނުކުމެގެން ޔާދިން ދިޔައީއެވެ.

"މޯނިންގް" ތަފާތު ރާގެއްގައި ހިނިތުންވުމަކާއެކު ކެންޒާ ބުނެލީ ލައިތަށެވެ.

ހެނދުނުގެ އެގަޑީގައި އެހެންޏާ ކެންޒާއާ ބައްދަލުކުރާ ލައިތާއި މިއަދު ބަދިގެއަށް ވަދެގެން އައި ލައިތު ތަފާތުވެއްޖެއެވެ. ހިތްހަމަޖެހުން ގެނެސްދޭ ހިނިތުންވުމާއި ލާނެތްކަން އެކުލެވޭ މާނަވީ ބެލުންތަކާއި ސަމާސާގެ ބަސްތައް އިއްވާލުމެއް އޭނާގެ ފުށުން ނުފެނުނެވެ. ކެންޒާ ކޮށްލި ހެދުނުގެ ސަލާމަށް ވެސް ލައިތުގެ ޖަވާބެއް ނުލިބުނެވެ.

"ބަލީތަ؟" އިރުކޮޅަކު ބަލަން ހުރުމަށް ފަހު ކެންޒާ އަހާލިއެވެ. ލައިތުގެ ޠަބީޢަތް ގޯސްވެއްޖެހެން ހީވިޔަސް އެކަމާ ސުވާލެއް ކުރަން އޭނާއަށް ނުކެރުނީއެވެ. ދެން ވެސް ލައިތު އަނގަޔަކުން ނުބުންޏެވެ. ވަދެގެން އައިސް އައިލެންޑްގެ އެއްފަރާތުން ހުއްޓުނު ގޮތަށް ކެންޒާއަށް ބަލަން ހުރީއެވެ.

ވާހަކަދައްކަން ބޭނުންނުވާ މީހަކު ލައްވައި ވާހަކައެއް ނުދެއްކޭނެއެވެ. ކެންޒާއަށް ވަގުތަކީ މުހިންމު އެއްޗެކެވެ. ލައިތު އަނގައިން ބުނޭތޯ ހިމޭންވެ އިންތިޒާރުގައި ހުރެވޭކަށް އޭނާއަކަށް ނޯންނާނެއެވެ. ހެނދުނުގެ ނާސްތާގެ ހުރިހާ ތަށިތައް ތައްޔާރުކުރުމަށްފަހު އޭނާ ކިޔަވަންދާން ތައްޔާރުވާން ޖެހޭނެއެވެ. އެހެންވިޔަސް ލައިތަށް މިއައި ބަދަލުގެ ހަޤީޤަތް ނޭނގި ހުރެ ވެސް ކެންޒާގެ ހިތަށް ނުތަނަވަސްކަން ވެރިވެއްޖެއެވެ. އެކަން މޫނުން ފާޅުކުރުމެއްނެތި ހުއްޓިފައި ހުރި މަސައްކަތަށް ކެންޒާ އެނބުރުނީއެވެ.

އެތައް ވާހަކައެއް ކެންޒާއާ ދައްކަން ލައިތު ބޭނުމެވެ. އެކަމަކު ޖެހިލުންވަނީ އިންތިހާއަށެވެ. މީ ކުރިން އޭނާއަށް ނުވާ އާގޮތެވެ. ބުނެވޭ އެންމެ ލަފުޒަކުން ކެންޒާއާ މުޅިއުމުރު ވަކިން ހޭދަކުރަން ޖެހިދާނޭތީ ލައިތަށް ވިސްނެންފެށުނީ ކޮންއިރަކުކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. މީ ދުވަހަކުވެސް އޭނާގެ ސިކުނޑީގައި އުފެދުނު ޚިޔާލުތަކެއް ނޫނެވެ. މުސްތަޤުބަލާއި ކައިވެންޏާއި ޢާއިލާއެއް ބިނަކުރުމުގެ ވިސްނުމަކީ ލައިތަށް ބީރައްޓެހި ކަންކަމެވެ. ހަޔާތަށް ގެންނާނޭ ޚާއްޞަ އަންހެންކުއްޖަކު ހޯދުމަށް ވެސް އޭނާ ހިތަކަށް ނާރައެވެ. އެހެންވިޔަސް ކުއްލިއަކަށް ލޯމެރިފައި ހުޅުވުނުއިރު، މުޅިން އާ ދުނިޔެއަކަށް އޭނާއަށް އާދެވިފައި ހުރި ކަހަލައެވެ. އެ ހަނދާންތަކުން ފައިދާއެއްނުކުރާނޭކަން އެނގި ހުރިހާ ޚިޔާލެއް މާޒީއަށް ދޫކޮށްލި ނަމަވެސް އެ ހަޤީޤަތް އޭނާއާ ވަތްކެއްނުވިއެވެ. ނޭނގިހުއްޓާ ހިތުގައި ކޮއްޓަން ފެށުމުން ކުރިއަށް ފިޔަވަޅު އެޅީ، އަލުން އަނބުރާ އެ މާޒީގެ ދޮރުފަތުން ވަދެވެނީކަން ލައިތަށް ޔަގީންނުވެ ހުރެއެވެ.

ކެންޒާ އެނބުރި ލައިތަށް ބަލާލިއެވެ. ކަންފަތް ކައިރިން ޖެހިލި ވައިރޯޅިއެއް ފަދައިން ސިއްރު އަޑަކުން ކެންޒާގެ ނަން ލައިތު ކިޔާލިހެން އޭނާއަށް ހީވީއެވެ. ނަމަވެސް ލައިތު ހުރިތަނުން ގުޑައިވެސް ނުލައެވެ. ބެލުން ތިރިކޮށްލައިގެން އޭނާ ހުރި ގޮތުން ހީވަނީ ކޮންމެވެސް ބޮޑު ފިކުރެއް އޭނާ ކުރަނީ ހެންނެވެ. ކެންޒާ ކައްކާ ނިމި އެންމެ ފަހުގެ ތައްޔާރީތައް ކުރިއިރު ވެސް ލައިތު ހުރީއެވެ. އަޅައިގެން ހުރި އޭޕްރަންގައި ދެއަތް ފުހެލުމާއެކު ގަޔާ ވަކިކޮށްލިއެވެ. އެ ހުންނަންވާ ތަނުގައި އެޅުވުމަށްފަހު ކެންޒާ އިރުކޮޅަކު މަޑުކޮށްލިއެވެ. ލައިތަށް ބަލަން ހުރެ ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ. ހީވީ ހިތާއި ސިކުނޑީގައި ކަމެއް ނިންމާލީ ހެންނެވެ. މަޑުމަޑުން އައިސް ލައިތުގެ ކުރިމަތީ ކެންޒާ މަޑުކޮށްލިއެވެ. އެހިނދު ލައިތުގެ ނަޒަރު ވަގުތުން އޭނާއާ އަމާޒުވެލައިފިއެވެ. އެ ލޮލުގައިވީ އަސަރުތައް ތަރުޖަމާކުރަން ބޭނުންވިޔަސް އެއީ ކެންޒާއަށް ވާނޭކަމެއްނޫންކަން އޭނާ ދެނެގަތެވެ. ލައިތު ދުލުން ހާމަނުކުރާހާ ހިނދަކު އޭނާއަށް އެކައްޗެއް ވެސް ނޭނގޭނެއެވެ.

"ރުޅި އައިސްފަތަ؟... އަހަރެންދެކެތަ؟" ޖެހިލުންވެފައި ހުރެ ވެސް ކެންޒާ އަހާލިއެވެ. ވަގުތުކޮޅަކަށް ހިމޭނުން ހުރެފައި ލައިތު ދެފަރާތަށް ބޯހޫރާލިއެވެ. މަޑުމަޑުން ކެންޒާގެ އުޅަންބޮށްޓާ ހަމައިން ތިރިއަށް ހިންގާލި ލައިތުގެ ކަނާއަތްތިލައިގެ ތެރެއަށް ކެންޒާގެ އަތްތިލަ ހެޔޮވަރުކޮށްލިއެވެ. އައިލެންޑުގައި ލެނގިލުމާއެކު މަޑުމަޑުން ލައިތާ ގާތަށް ކެންޒާ ދަމާލިއެވެ. ހިތުގެ ތެޅުން އަވަސްވެލުމުން ލޭގެ ދައުރުވުން އިތުރުވި ކަހަލައެވެ. އެ ހަރަކާތްތަކުން ހަށިގަނޑަށް ހޫނުކަމެއް ވެރިވެ ދާހިތްލާ ގޮތް ކެންޒާވިއެވެ. ދެން އިވުނީ ލައިތުގެ އަޑެވެ. އެއަޑު މަޑުވެ ބަރުވެލި ގޮތުން ކެންޒާގެ ޚިއްސުތަކަށް ބާރުފޯރުވާހެން ހީވިއެވެ. އޭގެ އިތުރުން ލައިތު ވާހަކަދައްކަން ފެށީ އޭނާއަށް އެނގޭ ބަހުރުވައަކުންނޫނެވެ. އަކުރުތައް ކިޔުމުގައި އެ ތުންފަތަށް ގެންނަ ބަދަލާއި އަޑުގައި ވެސް ހިތްދަމައިގަންނަ ފަދަ އަސަރެއްވާކަން ޔަގީނެވެ. އެއާއެކު ލައިތު މީގެ ކުރިން ވެސް އޭނާއާ އެބަހުން ވާހަކަދެއްކިކަން ކެންޒާ ހަނދާންވިއެވެ.

"އޭރުގެ އެ ލޯބީގައި މައުސޫމްކަންވި. ތި މޫނު ފެނުމުން ފުދޭ، ކަރުނައެއްނުވާ ދެލޮލާ ތި ތުންފަތުގެ ހިނިތުންވުމުގައި ބައިވެރިވާތަން ފެނި ހިތްހަމަޖެހޭ، އެކަމަކު އެ ޖަޒުބާތާއި އިޙްސާސްތައް ބަދަލުވެއްޖެ. އޭރު ނުކުރެވޭ އެތައްހާސް އިޙްސާސެއް މިހާރު ކުރެވޭކަން އެނގޭތަ؟. އޭރު ހިތަށް ވެސް ނާރާ އެތައްކަމެއް މިހާރު އަހަރެން ތި އަންހެންކުއްޖާއާއެކު ކުރަން ބޭނުންވާކަން އެނގޭތަ؟. ތި އަންހެންކުއްޖާއާ ބަދަލުވި ފަހުން އަހަރެންނަށް ގިނައިން ހިނިތުންވެވޭ. އުފާވެރިކަމާއި ހިތްހަމަޖެހުމަށް އެދެވޭ. އަހަރެން އެދެފިނަމަ އަހަންނަށް ޓަކައި ހުރިހާ އެއްޗެއް ދޫކޮށްލާފަ އަހަރެންގެ މިލްކަކަށް ވާނަންތަ؟ އުމުރުގެ ބާކީބައި އަހަންނާއެކު ހޭދަކުރަން އެއްބަސްވާނަންތަ؟... ތިހެން ތިބަލަނީ އަހަރެންގެ ނަފްސުގެ ހިފެހެއްޓުން ގެއްލުވާލަންތަ؟. ތުންފަތުގައި ދަތްނާޅަބަލަ... ހަރަކާތެއްނުކޮށް ވަގުތުކޮޅަކަށް ހުރެދީބަލަ. އަހަންނަކީ ތިހީކުރާހާ ކެތްތެރި އިންސާނެއްނޫނޭ. ތި އަންހެންކުއްޖާ އެނގި ޚާއްޞަވީ ދުވަހުން ފެށިގެން އަހަރެންގެ ކެތްތެރިކަން ގެއްލިއްޖެ. އަހަރެންނަށް ކުރެވިދާނެކަމަކާމެދު އަހަރެން ވެސް ބިރުގަންނަކަން އެނގޭތަ؟ އެއަށްވުރެ ބޮޑަށް އަހަރެންނަށް މިހާރު ވިސްނެނީ ކޮންކަމަކާކަން އެނގޭތަ؟. އަހަންނަށް ނުލިބިދާނެތީ..." ލައިތު ވާހަކަދެއްކީ އިޓަލީ ބަހުންނެވެ.

"އަހަންނަށް އެނގޭގޮތަށް ބުނެބަލަ" ލައިތު ވާހަކަދައްކަދައްކާ ހުއްޓައި ކެންޒާ ބުނެލިއެވެ. ލައިތުގެ ތުންފަތް އެއްމިޔަކަނުން މައްޗަށް ހިއްލުނެވެ. ނަމަވެސް ފުރިހަމަ ހިނިތުންވުމެއް ނުފެނުނެވެ.

"އޭނަ އައީ ކީއްކުރަން؟" ލައިތު ސުވާލުކުރިއެވެ. އެހިނދު ވަގުތުން ކެންޒާއަށް ޤަބޫލުކުރެވުނީ ޔާދިން ފެނުމުން ލައިތު ހިތްހަމަނުޖެހުނީ ކަމެވެ.

"ނޭނގެ" ދެކޮނޑު ކުޑަކޮށް ހިއްލާލުމާއެކު ކެންޒާ ބުނެލިއެވެ.

"ކީކޭ އޭނާ ކީ. ތި ދެމީހުން ތިބީ ވާހަކަދައްކަން." ލައިތު ބުންޏެވެ.

"އެކަމާތަ ހިތްހަމަނުޖެހުނީތަ؟" ކެންޒާ އަހާލިއެވެ.

"އޭނާއާ ކައި..." ލައިތު ބުނަން އުޅެފައި ވެސް ހުއްޓާލިއެވެ. ކެންޒާގެ ލޮލަށް އައި ބަދަލަކާއެކު އޭނާ އެނގެން ބޭނުންވިކަން ދޭހަވިއެވެ. ނަމަވެސް ލައިތު އިތުރަށް އެއްޗެކޭ ނުބުނީ ކެންޒާއާ މެދު ވިސްނާފައެވެ. ޔާދިންއާ ގުޅުވާ، ކެންޒާ ސުވާލު އުފެދޭނޭ ފަދަ އެއްޗެކޭ ބުނަން ލައިތު ބޭނުންނުވީއެވެ.

"ކުރިން ފެންނަ ލައިތު މިއަދު ނުފެންނަނީ ކީއްވެތަ؟" ލައިތު ހިމޭންވެލުމުން ކެންޒާ ސުވާލުކުރިއެވެ. ލައިތުގެ އިނގިލިތަކުގެ ދޭތެރެއަށް އަމިއްލަ އަތުގެ އިނގިލިތައް މަހާލެވިފައިވީއިރު، އެގޮތް ކެންޒާއަށް ކަމުދާ ކަހަލައެވެ. ދެކޮޅުހެދުމުގެ ހަރަކާތެއް އޭނާ ނުގެނައީ އެހެންވެއެވެ.

"ފެނުނީ ލައިތުކަން ޔަގީންތަ؟... ޕެންޑާއަށް ހަޤީޤީ ލައިތު ފެނިއްޖެއްޔާ އެނގޭނެތަ؟" ހަޤީޤީ ސުވާލު އޮތީ ލައިތުގެ ހިތުގައެވެ.

"މިއަދު މިފެންނަނީ ޔަގީނުން ވެސް އޭނާއެއްނޫން. އޭނާ މިހާ މޫޑީއެއްނުވާނެ." ކެންޒާ ވާހަކަދެއްކީ ލައިތު ބުނި އެއްޗެއްގެ އަސްލު ނޭނގި ހުރެއެވެ. ފުރަތަމަ ފަހަރަށް ލައިތުގެ ލުއި ހީނލުމުގެ އަޑު ކެންޒާގެ ކަންފަތަށް އިވިގެންދިޔައެވެ.

"މި މޫޑީކަން ކަނޑުވާލަދޭން އަންނަންވީނު އަހަންނާއެކު" ލައިތު ބުނެލިއެވެ. އަދި ކެންޒާގެ މަސްޖަހާފައިވާ ދެއަތުގެ ހިކަނދިމަސްގަނޑުގައި ލައިތު ހިފާލީ ތަންކޮޅެއް ބާރަށެވެ. ހީނގަތުމާއެކު ކެންޒާ ދުރަށް ޖެހިލީ ރެކިލާ ފަދައިންނެވެ.

"ވެލްކަމްބެކް... ކިންގް" ނިކަން ފުޅާ ހިނިތުންވުމަކާއެކު ކެންޒާ ހުރީ ލައިތަށް ބަލާށެވެ. އެމަންޒަރު ބަދިގެއަށް ވަންނަން އައި ކަސްތޫރީގެ ލޮލުގައި އަޅައިގަތެވެ. އެކަކުއަނެކަކަށް ހިނިތުންވެލައިގެން ދުރުގައި ބަލަން ތިބި ކެންޒާއާއި ލައިތަށް މޫނު އަނބުރާލެވުނީ އެކީގައެވެ. ބަދިގެއަށް ވަން ކަސްތޫރީ ފެނުމުން ލައިތުގެ ހަށިގަނޑު ވަގުތުން ސީދާކޮށްލިއެވެ. ހިނިތުންވާން ނޭނގޭ މީހެއްފަދަ ސީރިއަސްކަން އެ މޫނަށް ވެރިވިއެވެ. ކުލަބަދަލުވާ ބޯއަކަށްވުރެ ވެސް ލައިތުގެ މޫނުން އަސަރުތައް ފިލާލެއް އަވަހެވެ. އެހެން ހިތަށް އެރި ކެންޒާއަށް ހުރެވުނީ ހައިރާންކަންމަތީއެވެ.

"ދެ ކުދީން ކޮންވާހައެއްގައި" ކަސްތޫރީ ބުނެލި އާދައިގެ ގޮތުން ދެ ޒުވާނުންނަށް ވެސް އެކަކުއަނެކަކަށް ބަލާލެވުނީ އަޖައިބުވެފައެވެ. ނަމަވެސް ލައިތު ގަސްދުކުރީ އެކަމުން އޭނާގެ އަމިއްލަ އެދުމެއް ހާސިލުކުރުމަށެވެ. މާމަގެ ގާތަށް ލެފިލައި އަތުގައި ހިފާލައިގެން އައިސް ގޮނޑީގައި އިށީނުމަށް ލައިތު އެހީތެރިވިއެވެ.

"މާމާ، މިރޭގެ ކެއުމާ ގުޅޭގޮތުން އަޅުގަނޑު ކެންޒާއާ ވާހަކައެއްދައްކާލީ" ލައިތު މިހެން ބުނިއިރު ވެސް ކަސްތޫރީގެ ސުވާލު އަންނާނޭކަން އޭނާ ދެނަހުއްޓެވެ.

"މިރޭގެ ކެއުން ކިހިނެއްވީ. އަދި އަވަހެއްނު އެކަމާ އުޅެން" ކަސްތޫރީ ބުނެލިއެވެ.

"މިރޭ އަޅުގަނޑު ގެއަކު ނުހުންނާނެ. ވަރަށް އިމްޕޯޓެންޓް ކްލައިންޓެއް މާލެ އެބާދޭ... އެކަމަކު އެހާއިރުވާއިރު ކައިގެން ހުންނަން ބޭނުންވަނީ. އެގަޑިއަކީ ކެންޒާ ވޯކްނިންމާފަ ދާ ވަގުތު... އަޅުގަނޑު ކެންޒާ ގާތުން މިއެދުނީ ގެއަށްދާ މަގުމަތީ ދެ މީހުންގެ ޑިނާ އަޅުގަނޑުގެ އޮފީހަށް ގެނެސްދެވިދާނެތޯ. އާރިކު ވެސް އަޅުގަނޑު އުޅޭހާއިރު އޮފީހުގައި ހުންނާނީ." ލައިތު ދައްކަން ފެށި ވާހަކައިން ކެންޒާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އެއީ އޭނާއަށް އެނގިފައި އޮތް ކަމެއްނޫންވީމައެވެ.

"ކެންޒާ ނުދިޔަޔަސް ކާއެއްޗެހި ގެންދެއެއްނު" ކަސްތޫރީ ބުންޏެވެ.

"އާރިކަށް އަޅުގަނޑު ދޭ ޑިނާއެއްވީމަ، އޭނާއަށް ވެސް ކެންޒާގެ ކެއްކުމުގެ ރަހަ ދައްކާލަން ކަމަށް. އެހެންނޫނަސް ތަށިތައް އެތުރުމާއި ޑިޝްގެ ރީތިކަން ގެންނަން އެނގޭނީ ކެންޒާއަށް. އެހާވަގުތެއް ނުނަގާނެ. މިގޭ ކާރުގައެއްނު ދާނީ. ނޫނީ އާރިކް ފޮނުވާނަން އަޅުގަނޑުގެ ކާރުގައި. އޭރުން އުނދަގުލެއް ވެސް ނުވާނެ... އެކަމަކު ކެންޒާ ބުނަނީ މާމަ ހުއްދަދެއްވައިފިނަމަ އޭނާ ހެލްޕްވެލަން ހިނގައިދާނަންކަމަށް. މާމާ..." ލައިތުގެ ނަޒަރު ކެންޒާއަށް ދަތުރުކޮށްލިއެވެ. ކަސްތޫރީއަށް ނުފެންނާނޭހެން ސިއްރުން ކެންޒާ އެއްޗެކޭ ބުނެލިއެވެ. ނަމަވެސް ލާނެތް ހިނިތުންވުމެއް ބަދަލުކޮށްލަމުން ލައިތު އެއްލޯ މަރާލިއެވެ.

"މިރޭ ދޯ... މާމައަށް އެންމެ ރަނގަޅު. އެކަމަކު ކެންޒާއަށް ވަގުތު އޮތިއްޔާ އިނގޭ އޭނާ ގެންދާނީ" ކަސްތޫރީ ބުނެލިއެވެ. ކަސްތޫރީއަށް ނުފެނުނު ނަމަވެސް ލައިތުގެ ތުންފަތް މައްޗަށް ދެމިލިއެވެ.

"ތޭންކްސް މާމާ" ލައިތު ބުނެލިއެވެ. އަދި އޭނާ ބަދިގެއިން ނުކުންނަން ހިނގައިގަތެވެ. މިފަހަރު އަޖައިބުވީ ކަސްތޫރީއެވެ. ދުވަހަކުވެސް ލައިތުގެ ދުލުން ނީވޭ ބަސްތަކެއް އިވުނީމައެވެ. ނަފްސު ހިމޭންކުރުވާ ފަދަ ތަފާތު ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. އެހިނދު އޭނާގެ ނަޒަރު ލައިތަށް ދިޔަ ދިމާއަށް ހުއްޓާލެވުނެވެ. ސުވާލުގެ ނަޒަރަކުން ދެ ލޯ ބޮޑުކޮށްލައިގެން ދެބުމަ ކައިރިކޮށްލައިގެން ކެންޒާ ބަލަން ހުއްޓެވެ. ބަދިގޭ ދޮރުމަތިން ހުއްޓިލައި ލައިތު ފަސްއެނބުރި ކެންޒާއަށް ބަލާލި ގޮތް ކަސްތޫރީ ދުށްޓެވެ. އެއީ އާދައިގެ ބަލާލުމެއްނޫންކަން ކަސްތޫރީގެ ތަޖުރިބާކާރު ސިކުނޑި ދެނެގެންފިއެވެ.

* * * * *

އެލެވޭޓާއިން ނުކުމެގެން ލައިތު އައިސް ހުއްޓުނީ ޔާދިންގެ ކޮޓަރި ދޮރުމަތީއެވެ. ހިނދުކޮޅަކަށް މަޑުޖެހިލައިފަ ހިއްލާލި ކަނާއަތުން ދޮރުގައި ލައިތު ޓަކިދީފިއެވެ. އޭރު ވެސް ލައިތަށް ވިސްނެނީ ޔާދިން ފެނުނު އިރު ގޮތެވެ. އެ ލޮލުގައިވާ އައިނު ނެތްކަން އެނގުމަކީ އިތުރަށް އެކަމާމެދު ލައިތު ވިސްނިކަމެވެ. ޔާދިން އައިނު ނެގި މީ ފުރަތަމަ ފަހަރެއްނޫނެވެ. އެ އައިނު އޭނާ ނަގައިފިނަމަ އެކަމުގެ ފަހަތުގައި އޮންނާނީ ކޮންކަމެއްކަން ލައިތަށް ޔަގީންވާ ކަހަލައެވެ. ހިތްނުތަނަވަސްވަމުން ދިޔަ ވަރަކަށް ލައިތަށް ދަތްކުނޑިވިކާލެވެއެވެ.

ދޮރުހުޅުވާލުމާއެކު ލައިތު ފެނުމުން ޔާދިންއަށް އެކަމާ ވިސްނާލެވުނެވެ. އަނގައިން ބުނުމެއްނެތި ލައިތު އެކޮޓަރިއަށް ވަނެވެ.

"އޯކޭ..." ޔާދިން އެއްފަރާތަށް ޖެހިލައި ބުނެލިއެވެ.

"ޔޫ!... ސްޓޭ އަވޭ ފްރޮމް ހާ" ލައިތުގެ އަޑުގައިވި އިންޒާރެވެ. އެއާއެކު ޔާދިންއަށް ހީވާ ހީވުން ޔަގީނަށް ބަދަލުވެއްޖެއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ހިނިތުންވުމެއް ވެރިވިއެވެ.

"އެހެންނޫނީ؟..." ޔާދިންގެ އަޑުގައި ވެސް ވީ ގޮތްދޫނުކުރުމެވެ.

"ޑޯންޓް ޕްރޮވޮކް މީ..." ލައިތު ދެވަނަ ފަހަރަށް އިންޒާރުދިނެވެ.

"ވައި؟... ޔޫ ވޯންޓް ޓު ރޭޕް ހާ ޓޫ" ޔާދިން ބުނެލިއެވެ.

"އަހަރެން ހީކުރިވަރަށްވުރެ ވެސް ކަލޭގެ ގަމާރުކަން ބޮޑު" ލައިތުގެ އަޑުގައިވީ ނުރުހުމެވެ.

"އޯ!... މިހާރު އެ މަރުހަލާ ނިމުނީ ދޯ. ކާރުގަ ގޮވައިގެން ދިޔަ ރޭ ގަތަ އެކަން ނިމުނީ. ތުންފަތް ވެސް މިހާރު ރަނގަޅުވެއްޖެ" ލައިތުގެ މޫނަށް ބޯއަރިކޮށް ޔާދިން ބެލިއެވެ.

"ސްޓޮޕް އިޓް ޔާދިން... ކަލޭ ކުރާކަމެއް އަހަންނަށްކުރޭ. އޭނާއާ ކައިރިނުވާތި" ލައިތު ބުންޏެވެ. ނުރުހުމުގެ އަސަރެއްނުވާ ލައިތު ފާޅުކުރި އެދުމެއް ފަދައެވެ.

"މޭބީ އައި ވިލް ރޭޕް ހާ" ދެއަތްއުރާލައިގެން ހުރެފައި ތުނިކޮށް ހުރި ތުނބުޅީގައި ވައަތުގެ އިނގިލިތައް ހާކާލަމުން ޔާދިން ބުނެލިއެވެ.

"އެންޑް ދެޓް ޑޭ ވިލް ބީ ޔޯ ލާސްޓް ޑޭ" ޔާދިންއާ ކައިރިއަށް އަޅާލި ފިޔަވަޅާއެކު ލައިތު ބުންޏެވެ. ޔާދިން ޖެހިލުންވިއެވެ. ފަހަތަށް އޭނާ އަވަހަށް ފިޔަވަޅެއް އަޅާލީ ލައިތުގެ ލޮލުގައިވި ނުރައްކާތެރި ބެލުމުންނެވެ.

"ވެން ޑިޑް ޔޯ ޓޭސްޓް ފޯ ވޮމެން ޗޭންޖްޑް" ޔާދިން އެއްސެވެ. އެ ސުވާލަށް ޖަވާބު ދިނުން ލައިތަށް މުހިންމެއްނުވިއެވެ.

"ރޭޕިސްޓުން ބޭނުންވާނީ ހަމައެކަނި އެންމެކަމެއް... އެހެންވެ ސިފައެއް އުމުރެއް މުހިންމެއްނުވާނެ، ބަޓް ސްޓިލް މިފަހަރު ކޮންމެވެސް ބަދަލުވެއްޖެ... މޭބީ ކެއްކުމުގެ ރަހަތަކާ އެއްވަރަށް އެހެން ރަހަތައް ވެސް މީރީ. ތިވީ ގޮތުން ރަހަ ނުބަލާ ހުންނާނީ..." ޔާދިންގެ މޫނަށް އެރި ހަމައަލާއާއެކު އޭނާ ވެއްޓި އިނދަޖެހުނެވެ. ނުވަ އަހަރަށްފަހު އަލުން އެ ދެޒުވާނުން މާޒީގެ ވަގުތުކޮޅަކަށް އެނބުރި ދެވުނު ކަހަލައެވެ. ޔާދިން ފުއްމައިގެން ތެދުވި ގޮތަށް ލައިތު ކޮއްޕާލައިފިއެވެ.

ސެހްރާނާއި ފަރުޒީނާއެކު އެލެވޭޓާއިން ލައިރާގެ ދެމައިން ވެސް ނުކުތެވެ. އެމީހުންގެ ކަންފަތުގައި އެއްޗެހިތަކެއް ފުނޑުފުނޑުވާ އަޑުފަށްގަނޑު ޖެހުމާއެކު ތިންމީހުންނަށް ވެސް އެ އަޑާ ދިމާއަށް ދެވުނީ ހަލުވިކޮށެވެ. ހުޅުވިފައި ހުރި ޔާދިންގެ ކޮޓަރިއަށް ފުރަތަމަ ވެސް ސެހްރާނާއި ފަރުޒީނެވެ.

"ލައިތު" ފަރުޒީނުގެ އަޑު ބާރުވިއެވެ. ސެހްރާނު އައިސް ލައިތާއި ޔާދިންއާ ދެމެދަށް ވަނެވެ. ފަރުޒީނު އައިސް ލައިތުގެ ގައިގާ ހިފެހެއްޓިއެވެ. އެތަނުގައި ހިނގާ ކަންތައް އިލިޔާނާއަށް ފެނުމުގެ ކުރީން ދަރިފުޅު ގޮވައިގެން ބޭރުގައި ލައިރާ މަޑުކުރީއެވެ.

"ހިނގާ" ފަރުޒީން ބުނެލީ އިނގިރޭސި ބަހުންނެވެ. ލައިތުގެ ލޮލުން ފާޅުވޭވޭ ހުރި ނަފުރަތުގެ އަސަރު ފަރުޒީނު ކަންބޮޑު ކުރުވިއެވެ. ލައިތު ގުޑައިނުލުމުން އޭނާގެ މެދުހަށީގައި އެއްފަރާތުން ފަރުޒީނު ހިފާލިއެވެ. މަޔަކު ދަރިއަކު ގެންދަން މަސައްކަތް ކުރާ ފަދައިންނެވެ. ލައިތުގެ ނަޒަރު ޔާދިންއާ ވަކިވެ ފަރުޒީނަށް ހުއްޓުނީ އެހިނދުއެވެ. އެމޫނުގައިވި އަސަރު ފިނިވިތަން ފަރުޒީނު ދުށްޓެވެ.

"ސޮރީ..." އިސްޖަހާލަމުން ފަރުޒީނު ގާތު ލައިތު ބުނެލިއެވެ. ބޮޑުކަމެއް ހިނގައިފިކަން ފަރުޒީނަށް ވިސްނުނެވެ. އޭނާ އުފަން ނުކުރި ނަމަވެސް، އަދި އޭނާގެ ބެލުމުގެ ދަށަށް ލައިތު އައީ ފުރާވަރުގެ ކުއްޖެއްގެ ގޮތުގައި ވިޔަސް، އޭނާގެ އުނގު ލައިތަށް ހުޅުވާލީ ސެހްރާނު ފަދައިން ދަރިއަކަށް ޓަކައި މަންމަގެ އުނގުވާ ފަދައިންނެވެ. އެ އޯގާތެރިކަމުގެ ދެއަތުގެ ތެރެއިން ލައިތަށް ހިމާޔާތް ދޭން ވަޢުދުވެ ހުރެއެވެ. ލައިތުގެ ބުމަކައިރިން ފަޅައިގެން ގޮސްފައި ހުރިއިރު އޭނާއަށްވުރެ ބޮޑަށް ޔާދިންއަށް އަނިޔާވެފައި ހުއްޓެވެ.

"ޔޫ އާ ބްލީޑިން" ސެހްރާނު މިހެން ބުނުމުން ވެސް އޭނާގެ އަތް ޔާދިން ފޮޅުވާލައި ދުރަށް ޖެހުނެވެ. އޭރު އެ ކޮޓަރިއަށް ކުޑަވަރެއްގެ ތޫފާނެއް އައިސްފައި އޮތް ކަހަލައެވެ. ލިޔާ މޭޒުމަތީ ހުރި ބައްތި ވެސް ފުނޑުފުނޑުވެ ތަޅުމުގައި އޮތް ރަގުމަތީގައި އޮތެވެ.

"ލީވް މީ އެލޯން" ސެހްރާނާ ދިމާއަށް ޔާދިން ބުނެލީ ތަންކޮޅެއް ބާރަށެވެ. އަދި އޭނާ ހަލުވިކޮށް އައިސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

(ނުނިމޭ)