އަމިއްލަ ބިމެއް ނުވަތަ ޓެރަހެއްގައި އާބަން ގާޑެނިންގެ މޮޑެލްއެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އެގްރިކަލްޗަރު މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އާބަން ގާޑެނިން ނުވަތަ ކުދިކުދި ކަންކޮޅުތަކުގައި ގަސް ހެއްދުމުގެ ޕްރޮގްރާމް މާލޭގައި ކުރިއަށް ގެންދަން އެކަމުގެ ނަމޫނާ ތައްޔާރު ކޮށްދޭން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އިއުލާނުގައި ބުނެފައި ވަނީ އެ މިނިސްޓްރީއަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް މަސައްކަތް ކުރަން ބޭނުންވާ ސާމާނު ދޭނެ ކަމަށާއި މި މޮޑެލް ތައްޔާރު ކުރުމަށް ބޭނުންކުރާ އަމިއްލަ ބިން ނުވަތަ ޓެރެސް ފަދަ ތަންތަނުގައި ޝަރުތުތަކެއް ފުރިހަމަ ވާން ޖެހޭނެ ކަމަށެވެ.
ޝަރުތުތަކުގައި ލޮނުގެ އަސަރު ކުރާނެ މިންވަރާއި އަވި ލިބޭ މިންވަރަށާއި، އެފަދަ ތަނަކަށް ވަދެ ނިކުމެ އުޅުމަށް ފަސޭހަވާ މިންވަރަށާއި، ތައްޔާރުކުރާ މޮޑެލްއެއް އާންމުންނަށް ދައްކާ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރުމަށް ޖާގަ އޮތް މިންވަރަށާއި އަދި އެތަނެއްގެ ސަލާމަތީ ކަންތައް ބަލަހައްޓާ މިންވަރު ހިމެނެ އެވެ. މީގެ އިތުރުންވެސް މޮޑެލް އެއް ގާއިމްކުރަން ވެރިފަރާތުން ބައިވެރިވާނެ މިންވަރާއި އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ ތަޖުރިބާ ހޯދަން އަވަށްޓެރިންނަށް ފުރުސަތު ދޭނެ މިންވަރުވެސް ބަލާނެ އެވެ.
މިނިސްޓްރީން ބުނީ މިއީ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމުގައި ދަނޑުވެރިންގެ ހިއްސާކުރާ މިންވަރު އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.