ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ދެ ވަނަ ރާޅަކާއެކު، ދެ މަސް ދުވަހުގެ ގުރުބާނީ ބޭކާރުވިޔަ ނުދީ

ގިނަ ބަޔަކު ސައްލާކޮށް ޕްލޭންތައް ހަދަމުންދާތާ ދެ ތިން ދުވަހެއް ވެއްޖެ އެވެ. މިހާރު ބީރަށްޓެހިންނަށް ވެފައިވާ އާއިލާގެ މީހުނާ ބައްދަލުވުމަށެވެ. ކޮނޑަށް އަތްވައްޓާލެވޭހާ ގާތުން އެންމެ ގާތް ރަހުމަތްތެރިންނަށް ފެނިލުމެވެ. ބޫޓުން ހިރަފުސް ފޮޅާލައިގެން، ދާ ކޮޅެއް ހިއްލާލަންދެން ދުވެލަން ދާން ކެތްމަދުވެފަ އެވެ. ސައިކަލު ދުއްވަން ހަނދާން ހުރިނަމަ، ބުރިޖު މަތިން ޖެހޭ ނަލަ ވައިރޯޅިތައް އަލުން އިހުސާސް ކޮށްލުމުގެ ވާހަކަ ތަކެވެ. އެކަމުގައި އެ ބަޔަކު މާބޮޑަށް ކުށްވެރިކުރެވޭނެ ޖާގައެއްވެސް ނެތެވެ.

ދެ މަހަށް ވުރެ ގިނަ ދުވަހު ގޭ ބަންދުގައި ތިބުމަށްފަހު މިނިވަންވާއިރު، އެކަހަލަ އިހުސާސްތައް ހުންނާނެކަން ގަބޫލު ކުރެވެ އެވެ. އިންސާނުން ވީމާ އެވެ. އެހެނަސް، އެފަދަ ހާލަތަކަށް މުޅި ދުނިޔެއާއެކު، ރާއްޖެ ވެސް ދާންޖެހުނު ސަބަބު އަދިވެސް އޮތް ގޮތަށް އޮތީ އެވެ. އެންމެން ގެއަށް ވަންނަން މަޖުބޫރުކުރުވި އެ ނުރައްކާތެރި ހާލަތު، އެންމެ ތަންފުކެއްވެސް ކުޑައެއް ނުވެ އެވެ.

ފަތުރުވެރިއެއްގެ ފަރާތުން، މުޅި ދުނިޔޭގައި ފުލުސް ސްޓޮޕެއް ޖަހައި ހުއްޓުވާލާފައިވާ ކޮވިޑް-19 ބަލި ރާއްޖޭން ފެނުނުތާ މިއަދަށް ބަރާބަރު 100 ދުވަސް ވީ އެވެ. އެކަމަކު ބަލީގެ ހަގީގީ ނުރައްކާތެރިކަމާއި، ބިރުވެރިކަން ގިނަ ބަޔަކަށް ފަހުމްވީ، އޭޕްރީލް 15 ވަނަ ދުވަހު، ބައިބޯ މާލެއިން އެ ބައްޔަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެނެވެ. މުޖުތަމައު ތެރޭގައި އެ ބަލި ފެތުރިއްޖެނަމަ ވާނެ ގޮތުގެ އިންޒާރުތަކަށް ބީރު ކަންފަތެއް ދީފައި، މަސް ދަތުރުތައް ގޮސްލައި، ޕާޓީތައް ބާއްވައި، މާލެ ކުޑަކޮށް ބުރު ޖަހަން އުޅުމުގެ ނަތީޖާ މިއޮތީ ސާފުކޮށް ފެންނާންށެވެ. އެންމެ ދެ މަސް ދުވަހުގެ ތެރޭގައި، އެ ބަލި ޖެހުނު މީހުން އެ އުޅެނީ ދެހާހަށް ވުރެ މަތީގަ އެވެ. އެކަމަކު މީގެ 60 ދުވަސް ކުރިން ހިތުގައި އުފެދުނު ބިރުވެރިކަން ގިނަ ބަޔެއްގެ ހަނދާނުގައި މިހާރަކު ނެތެވެ. އެ ބިރުވެރިކަމަށް ވުރެ ގޭގައި ތިބެ ތިބެ ވެފައިވާ ފޫހި އިސްވެއްޖެ އެވެ. އާމްދަނީ ލިބެން އޮތް ހުރިހާ ދޮރުތައް ބަންދުވެ، ހަޔާތަށް ވެރިވެފައިވާ މާޔޫސްކަން އިތުރުވީމަ އެވެ. ގަޑީގެ ކައްޓަށް ބަލަހައްޓައިގެން ތިބެ، ލޮކްޑައުނުން މިނިވަންވާ ސުން ސިކުންތައް ގިނަ ބަޔަކު ދުވެފައި، ބޭރަށް ނުކުންނާނެކަމީ ޔަގީންވާ ކަމެކެވެ.

"މި ދެވޭ ލުއިތަކަކީ އާ ކަންތައްތަކެއް ދަސް ކުރަން ދެވޭ ފުރުސަތެއް ކަމުގައި ދެކި އެގޮތަށް އަމަލު ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ހޮނިހިރު ދުވަހުގެ ރޭ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވި އެވެ.

ޑރ. ނަޒްލާ އާއެކު ހުރިހާ ސިއްހީ މާހިރުންނާއި ސަރުކާރުން ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެއް ވާހަކަ އެކެވެ. ކުރިން އޮތް ގޮތަށް ފުލުހުންގެ ހުއްދައެއް ނަގަން ނުޖެހި، ބޭރަށް ނުކުމެ އުޅެވުނަސް، ލޮކްޑައުން އުވައެއް ނުލަ އެވެ. މުޅި ގައުމުގެ ނާރެސް ކަމުގައި މާލެ އޮތީ އަދިވެސް އޮތީ ރަތް އެލާޓުގައި ކަމެވެ. މުޖުތަމައުގެ ތެރޭގައި އަދިވެސް ބަލި ދެމިއެބަ އޮތެވެ. އާއްމުކޮށް ދުވާލަކު ފެންނަ ކޭސްތަކުގެ އެވަރެޖަށް ވުރެ މިހާރު ކުޑަކޮށް ދަށްވެފައި ވިޔަސް، ފަރުވާއެއް ނެތް އެ ބަލި ފެތުރުން ނުހުއްޓެ އެވެ. ލޮކްޑައުން ލުއި ކުރުމާއެކު، ސަމާލުކަން ނުދެވިއްޖެނަމަ، އެ ބަލި އަލުން ފެތުރިގެން ދިއުމުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ.

ލޮކްޑައުން ނެގުމުން ދެ ވަނަ ރާޅެއްގެ މިސާލުތައް

ރާއްޖެއަށް ވުރެ ކުރިން މި ބަލާއާފާތުގެ ވަރުގަދަ ކޮޅުގަނޑު ލައްވާލި ގައުމުތަކުގައި ބަލި ފެތުރުން ކޮންމެވެސް މިންވަރަކަށް ކޮންޓްރޯލް ކުރެވުމާއެކު، ފުރަތަމަ އެޅި ހަރުކަށި ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކުރަމުންދާތާ ދެ ތިން ހަފްތާއެއް ވަރު ވަނީ ވެފަ އެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ގައުމުތަކުން މިހާރު ފެންނަމުންދަނީ ބިރުގަންނަންޖެހޭ ފަދަ މަންޒަރުތަކެކެވެ. މިއަދު ހިޔާލެއް ފިކުރެއްނެތި މަގުތަކަށް ޖަމާވުމަށް ފަރިވަމުންދާ ދިވެހިންނަށް ފިލާވަޅަކަށެވެ.

ރާއްޖެއެކޭ އެއް ފަދައިން، އާ ކޭސްތައް ފެންނަމުން ދިއަ ނަމަވެސް، މިދިއަ ލޮކްޑައުން ލުއި ކުރި ރާއްޖޭގެ "ބޮޑުބޭބެ" އަދި އަވަށްޓެރި އިންޑިއާގައި ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުން ވަނީ ރެކޯޑު އަދަދުތަކުން އިތުރުވެފަ އެވެ. ކާފިއުތައް އުވާލައި، ދަތުރުފަތުރުގެ ނިޒާމު އަލުން ހުޅުވާލުމާއެކު، މިދިއަ ހުކުރު ދުވަހު ވެސް، ގާތްގަނޑަކަށް އިތުރު 11،000 މީހުނަށް އެ ބަލި ޖެހުނު ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. ޕާކިސްތާނާއި އިރާނާއި ތުރުކީ ފަދަ ގައުމުތަކުގައި ވެސް، ރައްޔިތުންނަށް ލިބުނު މިނިވަންކަމާއެކު އެ ބަލި އަނެއްކާވެސް ވަނީ މުޖުތަމައުގެ ތެރޭގައި ފެތުރިގެން ގޮސްފަ އެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު އެކަމަކު ބަލި ހުއްޓުވުމުގައި މިސާލެއްގެ ގޮތުގައި ބަލަމުން އައި ޗައިނާގައި ވެސް އެ ވައިރަސް ވަނީ އަނެއްކާވެސް ފެންނަން ފަށައިފަ އެވެ. ވެރިރަށް ބެއިޖިންގެ އެންމެ ބާރުބޮޑު މާކެޓާ ގުޅުން އޮތް 50 އެއްހާ އާ ކޭސް ފެނި، މުޅި ޗައިނާއަށް ދެވަނަ ރާޅެއްގައި ސިފާގައި، އަނެއްކާވެސް އެ ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު ދަނީ ބޮޑުވެފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ވެސް ކުރިމަތިލާންޖެހިފައިވަނީ އެފަދަ ބިރުވެރި ހާލަތަކާ އެވެ. ދެވަނަ ފިޔަވަހީގެ ދަށުން ލުއިތައް އިއުލާނުކުރި ފަހުން ވެސް، ދުވާލެއްގެ މައްޗަށް 20 އާއި 25 އާ ދެމެދުގެ މީހުނަށް ބަލި ދަނީ ޖެހެމުންނެވެ. ސިއްހީ މާހިރުން ވިދާޅުވާ ފަދައިން، އޭގެ މާނައަކީ މުޖުތަމައު ތެރޭގައި އެ ބަލި ޖެހިފައިތިބި މީހުން އަދިވެސް ތިބި ކަމެވެ. ތަކުރާރުކޮށް އިންޒާރު ދެމުންދަނީ އެކަމަށް ސަމާލުކަން ލިބޭތޯ އެވެ. ގޭ ބަންދުން ވީއްލުމާއެކު، ބަލި ޖެހިފައި ތިބި މީހުންގެ ފަރާތުން އެހެން މީހުނަށް ބަލި ފެތުރުމުގެ ފުރުސަތު އެތައް ގުނައަކުން އިތުރުވާނެތީ އެވެ. ލޮކްޑައުނާއެކު، ބަލި ޖެހިފައިވާ މީހަކު ބައްދަލުވާ މީހުންގެ އަދަދު ގާތްގަނޑަކަށް 30 އިން ހަތަކަށް ތިރި ކުރެވުނު ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ. ކަންބޮޑުވާންޖެހެނީ އެހެންވީމަ އެވެ. މިއަދުން ފެށިގެން އަނެއްކާވެސް ކުރީގެ ހާލަތަށް ރުޖޫއަ ވެދާނެތީ އެވެ.

ދެވަނަ ލޮކްޑައުނެއް އުފުލޭނެ ވަރެއް ނުހުންނާނެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް އިންޒާރުދޭ ދެވަނަ ރާޅެއް ރާއްޖޭގައި ނެގުން ހުއްޓުވަން ކުރަންޖެހޭ ކަންކަން އެއްވެސް ދިވެއްސަކަށް މިހާރު އޮޅިފައެއް ނޯންނާނެ އެވެ. މާސްކު އެޅުމާބެހޭ މާހިރުންނަށް ވަނީ ވެފަ އެވެ. ގައިދުރުކުރުމޭ ބުނީމާ، ނޭނގޭ މީހަކު މިހާރު ނޫޅޭނެކަން ކަށަވަރެވެ. އަތްދޮވުމަކީ މިހާރު ނިދީގައިވެސް ގިނަ ބަޔަކަށް ކުރެވޭ ކަމެކެވެ. އެހެނަސް، ހަމައެކަނި އެކަންކަން އެނގިގެން އެ ބައްޔާ ދެކޮޅަށް ހަތިޔާރަކަށް ނުވެ އެވެ. އަމަލުން އެކަން ދައްކަންޖެހެ އެވެ. އެންމެ ފުރަތަމަ ކަމަކީ އަދިވެސް ކޮންމެހެން ބޭރަށް ނުކުންނަން ނުޖެހޭ ކަމެވެ. ބޭކާރު ގޮތުގައި މާލޭގެ ހުރިހާ ފިހާރަތަކަށް ދުއްވުން މަޖުބޫރެއް ނޫނެވެ. ހަމައެކަނި ސެލްފީއެއް ނަގާލަން، ޖޮގިންނަށް ނުކުންނާކަށްވެސް ލާޒިމެއް ނޫނެވެ.

"ފިހާރައަށް ފަހަރަކު މީހަކު ވަނުން، ބޭރުގައި އުޅޭނަމަ ގިނަ ބަޔަކު އެކުގައި ނޫޅުން އަދި ބޭރުން އަންނަ ކޮންމެ ފަހަރަކު ވެސް ސައި ބޯނިލައިގެން ރަނގަޅަށް އަތް ދޮވުން. މިއީ ކުރިއަށް އޮތްތާނގައި އަޅުގަނޑުމެން ދާއިމީކޮށް ދެން ކުރާނެ ކަންކަމަށް ހަދަންވީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މަގުގެ ދެކޮޅުވެސް ރަނގަޅަށް ބަލައިނުލާ، މިއަދު ބޭރަށް ދާން މިސްރާބު ޖަހާއިރު، ފާއިތުވި ދެ މަސް ދުވަހު ތަހައްމަލު ކުރަންޖެހުނު ދަތި އުނދަގޫ ހާލަތާމެދު ވިސްނާލުން މުހިއްމެވެ. ރަށްޓެހިންނާ ދުރުގައި ފޫހިވެގެން ހަލާކުވެފައި ގޭގައި އޮތް މީހާ އެވެ. ވަޒީފާއިން ވަކިކޮށްގެން މާޔޫސްވެފައިހުރި މީހާވެސްމެ އެވެ. ފިކުރު ހިންގާލަންވީ މިއަދުން ފެށިގެން ކަންކުރާ ގޮތަކުން، މީގެ ދެ ތިން ހަފްތާ ފަހުން އެ ހާލަތު ތަކުރާރުވުމާ މެދު އެވެ. އެއްވެސް މީހަކު އެ ގޮތެއް ބޭނުމެއް ނުވާނެކަން ކަށަވަރެވެ. މިއަދު ލިބިގެންމިދާ މިނިވަންކަމުގެ އަގެއް އޮންނާނެ އެވެ. ސިއްހީ ބޭފުޅުންގެ އިލްތިމާސްތަކަށް ފުރަގަސްދީފައި، މިއަދު ފަރުވާކުޑަކޮށްފިނަމަ، އަލުން ލޮކްޑައުނަކަށް ދާންޖެހިގެން އަދާކުރަންޖެހޭ އަގު، ރައްޔިތުންނަށްވެސް އަދި މުޅި ގައުމަށްވެސް އުފުލޭ ވަރަށް ވުރެ މާ ބޮޑު ވާނެ އެވެ.