ރާއްޖެ ކުޅިވަރު

ދަނޑުގެ އެޑްވާންޓޭޖް އޮތީ މާޒިޔާ އަށް: ސުޒޭން

Sep 27, 2015

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގެ ފަހު ޖާގަ ހޯދަން މިއަދު ޓީސީއާ ދެކޮޅަށް ނުކުންނައިރު ދަނޑުގެ އެޑްވާންޓޭޖް އޮތީ މާޒިޔާ އަށް ކަމަށް އެ ޓީމުން ބުނެފި އެވެ.

ކޯޗު އަލީ ސުޒޭން ބުނީ އައްޑޫ ސިޓީގެ ރަސްމީ ދަނޑަކީ "ކުއްލިއަކަށް އައިސް ކުޅެލަން ފަސޭހަ ދަނޑެއްނޫން،" ކަމަށެވެ.

"އެހެންވީމަ ކޮންމެ ޓީމަކާ ކުޅެން ޖެހުނު ނަމަވެސް މާޒިޔާ އަށް އެޑްވާންޓޭޖް އޮންނާނެ މާޒިޔާގެ ހުރިހާ މެޗެއް މި ދަނޑުގައި ކުޅެން ޖެހުމުން،" ސުޒޭން ބުންޏެވެ.

މުބާރާތުގައި މާޒިޔާ ހިމެނުނު ގްރޫޕް ބީގެ މެޗުގައް ކުޅުނީ އައްޑޫ ސިޓީގެ ދަނޑުގަ އެވެ. ޓީސީ މުބާރާތުގައި ކުޅުނު ތިން މެޗު ވެސް ކުޅުނީ ހދ. ކުޅުދުއްފުށީ ރަސްމީ ދަނޑުގަ އެވެ.

ނަމަވެސް އެ ޓީމުން ވެސް ފައިނަލާމެދު ވަރަށް ބޮޑަށް އުއްމީދު ކުރެ އެވެ. ކޯޗު މުހައްމަދު ނިޒާމް ބުނީ ޓީސީ އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކުޅޭ މުބާރާތުގެ ފައިނަލުގައި މި މެޗުން މޮޅުވާ ޓީމެއް ވާދަކުރާނީ އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓެވެ. ނިއު ފައިނަލަށް ދިޔައީ އިއްޔެ އީގަލްސް 2-1އިން ބަލިކޮށްފަ އެވެ.