އެއިބާގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެއް ރެއާލް މެޑްރިޑުން، ވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި އެވެ.
ކޮރޯނާ ވައިރަސް އާ ގުޅިގެން ސްޕެއިންގައި އެންމެ ފުރަތަމަ ކަރަންޓީން ކުރަން ޖެހުނު ޓީމަކީ ރެއާލް އެވެ. އެ ކުލަބުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ޓްރޭ ތޮމްކިންސް، މާޗް މަހު ވައިރަހަށް ޕޮޒިޓިވް ވުމުން ބާސްކެޓްބޯޅަ ޓީމާއެކު ފުޓްބޯޅަ ޓީމުވެސް ކަރަންޓީން ކުރި އެވެ. ޓްރޭނިން ސެންޓަރުގެ ގޮތުގައި ދެ ޓީމުންވެސް ބޭނުން ކުރަނީ މެޑްރިޑްގެ ވެލްޑަބެބަސް ޓްރޭނިން ސެންޓަރެވެ.
އޭގެ ފަހުން އެނބުރި އައިސް ރޭ ކުޅުނު މެޗު ކުޅުނީ، އެ ޓީމުގެ ބީ ޓީމުގެ ދަނޑު އަލްފްރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގަ އެވެ. އެ ދަނޑަކީ ސްޕެއިންގެ އެންމެ ޓޮޕް ޑިވިޝަން މެޗު ކުޅުނު 100 ވަނަ ދަނޑެވެ. ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅަ މެދުކަނޑާލުމުން ރެއާލްގެ ރަސްމީ ދަނޑު ސެންޓިއާގޯ ބާނެބެއު މަރާމާތު ކުރާތީ ސީޒަންގެ ބާކީ ހުރި ބައިގައި ރެއާލްގެ ހޯމް މެޗުތައް ކުޅޭނީ ޑި ސްޓެފަނޯ ސްޓޭޑިއަމްގަ އެވެ.
މެޗުގައި ރެއާލްއިން ވަނީ ވަރަށް ކުރީކޮޅު ލީޑް ނަގާފަ އެވެ. މެޗުގެ ހަތަރު ވަނަ މިނެޓްގައި އެޑެން ހަޒާޑް އާއި ބެންޒެމާ ކޮމްބިނޭޝަން ބޭނުން ކޮށްގެން ފޮނުވާލި ބޯޅަ އެއިބާގެ ކީޕަރު މާކޯ ޑިމްޓރޮވިޗް ދިފާއު ކުރި އެވެ. އޭނާ ދިފާއު ކުރި ބޯޅަ ރީބައުންސް ވުމުން ލިބުނީ ރެއާލްގެ މިޑްފީލްޑަރު ޓޯނީ ކުރޫޒް އަށެވެ. ކުރޫޒް ގޯލް ތެރެއަށް ފޮނުވާލީ ޕެނަލްޓީ އޭރިއާގެ ކަނާ ދިމާލުންނެވެ.
އަނިޔާއިން ރަނގަޅުވެ އެނބުރި އައި ހަޒާޑް ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ރެއާލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރަން ކެޕްޓަން ސާޖިއޮ ރާމޯސްއަށް ބޯޅަ ދިނީވެސް އޭނާ އެވެ. އެ ގޯލް ޖަހަން ކަރީމް ބެންޒެމާ ފުރުސަތު ތަނަވަސް ކޮށްދިނީ ހަޒާޑަށެވެ. ހަޒާޑަށް އޭރިއާ ތެރޭގައި ކީޕަރު ކަޓުވާލުމަށް ފަހު އެބޯޅަ ކާމިޔާބުވެސް ކުރެވެން ފުރުސަތު އޮތްވައި އޭނާ ބޯޅަ ދިނީ ރާމޯސް އަށެވެ. ރާމޯސް ވަނީ އެއްފަހަރު އެ ބޯޅަ ހުހަށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
އޭގެ ހަތް މިނެޓް ފަހުން މާސެލޯ ލަނޑު ކާމިޔާބު ކުރީވެސް ކްރޫޒް ލަނޑު ކާމިޔާބު ކުރި އޭންގަލުންނެވެ. ހަޒާޑް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ރޮޑްރީގޯ ހޮއިސް ފޮނުވާލުމުގެ ކުރިން އެއިބާގެ ޑިފެންޑަރުން އެ ބޯޅަ ދިފާ ކުރި އެވެ. ދިފާއު ކުރި ބޯޅަ ލިބުނީ މާސެލޯ އަށެވެ. އޭނާ ވަނީ ބޯޅަ ގޯލްގެ ދުރު ކަނަށް ވައްދާލާފަ އެވެ.
ފުރަތަމަ ހާފުގައިވެސް ވަރަށް ބޮޑަށް ޕްރެސިން ގޭމެއް ކުޅުނު އެއިބާއިން ވަނީ ދެ ވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ދެ ވަނަ ހާފުގައި ރެއާލްއަށް ވުރެ ރަނގަޅަށް ކުޅުނީވެސް އެ ޓީމުންނެވެ. ދެ ވަނަ ހާފުގައި ރެއާލްއިން ދެއްކި ކުޅުމާމެދު ހިތްހަމަ ނުޖެހި ރެއާލްގެ ކުޅުންތެރިންނަށް ނިސްބަތް ކޮށް ޒިދާން ވަނީ ވަރަށް ބާރަށް ވާހަކަ ދައްކާފަ އެވެ. ރޭ ގެ މެޗަކީ ރެއާލްގެ ސީނިއާ ޓީމުގެ ކޯޗްގެ ގޮތުގައި އެ ޓީމަށް ޒިދާން ކޯޗް ކޮށްދިން 200 ވަނަ މެޗެވެ.
މެެޗުގައި އެއިބާގެ ލަނޑު 60 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބިގާސް އެވެ. އެތުލެޓިކޯ މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ އިއްޔަ ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.