ދުނިޔެ

އދ. ގެ ސެކިއުރިޓީ ކައުންސިލް ބަދަލުކުރަން ވެއްޖެ: ޖަރުމަން

Sep 27, 2015

ޗާންސެލާ ވިދާޅުވީ މިއަދު ދުނިޔޭގެ ބާރުތައް ބެހިފައިވާ ގޮތް، މިއަށްވުރެ ރަނގަޅަށް ސެކިއުރިޓީ ކައުންސިލުން ރަމްޒުވާން ޖެހޭ ކަމަށާއި ބަދަލުކުރަން ވެއްޖެ ކަމަށާއި މިއީ އެކާވީސް ވަނަ ގަރުނު ކަމަށެވެ.

"މައްސަލަތައް ހައްލުކުރަން މިއަށްވުރެ ރަނގަޅު މެތަޑެއް ހޯދަން ވެއްޖެ. އެކަމައްޓަކާ، ސެކިއުރިޓީ ކައުންސިލަށް ބަދަލުގެނައުން ކޮންމެހެން މުހިންމު. މިހާރު ކައުންސިލް އޮތް ގޮތުން މިއަދު ދުނިޔޭގައި ބާރުތައް ބެހިފައިވާ ގޮތެއް ނުފެނޭ." ޖަރުމަނުގެ ޗާންސެލާ ވިދާޅުވިއެވެ.

އދ. ގެ އެންމެ ބާރުގަދަ ގުނަން ކަމައްވާ ސެކިޔުރިޓީ ކައުންސިލްގައި ފަނަރަ މެންބަރު ގައުމު ހިމެނެއެވެ. އެއީ ދާއިމީ މެންބަރު ފަސް ގައުމާއި ވަގުތީ ދިހަ ގައުމެވެ. ދާއިމީ ގައުމު ތަކަކީ އެމެރިކާއާއި، އިނގިރޭސިވިލާތާ، ޗައިނާ، ފްރާންސް އަދި ރަޝިޔާ އެވެ. މިއީ ވީޓޯ ކުރުމުގެ ބާރު އޮންނަ ގައުމުތަކެވެ. ވަގުތީ ދިހަ ގައުމު ހޮވަނީ އދ ގެ ޖެނެރަލް އެސެމްބްލީންނެވެ. މި ގޮތަށް ހޮވާ ގައުމުތަކުގެ ދައުރެއްގެ ދިގު މިނަކީ ދެ އަހަރެވެ.

މި ބަދަލަށް ހުރަސް އެޅުމުގެ ބާރު ސެކިއުރިޓީ ކައުންސިލްގެ ފަސް މެންބަރު ގައުމަށް ވެސް އެބަ އޮތެވެ. އިނގިރޭސި ވިލާތާއި ފްރާންސުން ކައުންސިލަށް ބަދަލު ގެންނަން ރުހެއެވެ. އެމެރިކާ ވެސް ސަމާލުވެއޮވެ ބަދަލެއް ގެންނަން އެއްބަހެވެ. އދ. ގެ ޑިޕްލޮމެޓުން ބުނަނީ ސެކިއުރިޓީ ކައުންސިލަށް އިތުރު ގައުމުތައް ވައްދަން ނުރުހެނީ ޗައިނާ އާއި ރަޝިޔާ ކަމަށެވެ.

ސެކިއުރިޓީ ކައުންސިލަކީ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ، އެ ކައުންސިލުން ނިންމާ ކަންކަން ތަންފީޒު ކުރަން އަސްކަރީ ފިޔަވަޅު ވެސް އެޅުމުގެ ގާނޫނީ ބާރު އޮންނަ ކައުންސިލެކެވެ. ދާއިމީ މެންބަރުންނަކީ ދެވަނަ ބޮޑު ހަނގުރާމައިގާ އެއްފަޅިއަކަށް އަރައި މޮޅުވި ގައުމު ތަކެވެ.