ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފިޔަވަޅުތައް ޓެސްޓުކުރަން ލަންކާގައި މޮކް އިންތިހާބެއް ބާއްވައިފި

Jun 15, 2020

ކޮލޮމްބޯ (ޖޫން 15) - ސްރީލަންކާގައި ވޯޓުލާ މަރުކަޒުތަކުގައި އަޅަން ޖެހޭ ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ބަލަން މޮކް އިންތިހާބެއް ބާއްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސް ކުރަން ޖެހުނު އެ ގައުމުގެ އާއްމު އިންތިހާބު އަންނަ އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމުގެ ހުއްދަ ސިއްހީ އިދާރާތަކުން ވަނީ ދީފަ އެވެ.

ނަމަވެސް، އިންތިހާބާއެކު ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑަކުރަން، ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ޓެސްޓު ކުރުމަށް 22 ސަރަހައްދެއްގައި އިއްޔެ ވަނީ މޮކް އިންތިހާބެއް ބާއްވައިފަ އެވެ.

އެގޮތުން، ތިން ފޫޓުގެ ދުރުމިނުގައި އެންމެން މާސްކު އަޅައިގެން ވޯޓުލާން ކިޔު ހެދިއިރު، ފާހަގަޖަހަން އަމިއްލައަށް ގަލަން ހިފައިގެން އަންނަން އޮތީ އަންގައިފަ އެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުން ފޭސް ޝީލްޑު އަޅައިގެންތިބެ، ވޯޓުލާން އަންނަ މީހުންގެ ގަޔަށް ޑިސްއިންފެކްޓަންޓުވެސް ސްޕްރޭ ކުރަމުން ދިއަ އެވެ.

އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނީ، މޮކް އިންތިހާބެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މީހުން އަހުލުވެރިކުރުމުގެ އިތުރުން، އިންތިހާބުގައި ވޯޓުލާ ގަޑި އިތުރުކުރަންޖެހޭނެތޯ ބެލުން ކަމަށެވެ.

ލަންކާގައި އާއްމު އިންތިހާބެއް ބާއްވަން ޖެހުނީ ރައީސް ގޮތާބޭ ރާޖަޕަކްސަ، މާޗް ދެވަނަ ދުވަހު ޕާލަމަންޓު އުވާލައި، އާ އިންތިހާބެއް ބޭއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. އެގޮތުން، ފުރަތަމަ އޭޕްރީލް 25 ވަނަ ތާވަލުކުރި އިންތިހާބު ކޮވިޑް-19 އާ ގުޅިގެން ފަސް ކުރުމަށް ފަހު، މި މަހުގެ 20 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުމުން އެ ކަމުގެ ހުއްދަ ދޭން ސިއްހީ އިދާރާތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، ލޮކްޑައުންގެ ފިޔަވަޅުތައް އަންނަނީ ލުއި ކުރަމުންނެވެ. އެގޮތުން، މި މަހުގެ ފަހުކޮޅު އަލުން ސްކޫލްތަކުގެ ކިޔެވުން ފަށާއިރު، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލަން އަންނަނީ ތައްޔާރު ވަމުންނެވެ.

ލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 2،000 އާ ގާތް ކުރާއިރު، އޭގެ ތެރެއިން 11 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑާ ހެދި އާއްމު އިންތިހާބު ނުބޭއްވި ދިގު ލައިގެން ދިއުމުގެ ސަބަބުން، ދުސްތޫރީ ހުސް ކަމެއްގެ ތެރެއަށް ލަންކާ ވެއްޓިފައިވާ ކަމަށް އެ ގައުމުގެ އިދިކޮޅުން ދަނީ ބުނަމުންނެވެ.

ލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕާލަމަންޓެއް އުވާލާތާ ގިނަ ވެގެން ތިން މަސް ދުވަހުގެ ތެރޭގައި އާ އާއްމު އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ. ގާނޫނު އަސާސީ ގައި ބުނާ މުއްދަތު ވަނީ މި މަހު ދެވަނަ ދުވަހު ހަމަވެފަ އެވެ.

އެކަމާ ގުޅިގެން، ރައީސްގެ ނިންމުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ދުސްތޫރީ މައްސަލަ، ސުޕްރީމު ކޯޓުން ވަނީ ބޭރު ކޮށްލައިފަ އެވެ.