ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އޯގަސްޓުގެ ކުރިން ލަންކާގެ އެއާޕޯޓުތައް ހުޅުވާލެވޭތޯ ބަލަނީ

Jun 17, 2020

ކޮލޮމްބޯ (ޖޫން 17) - ކުރިން ތާވަލް ކުރި ގޮތަށް އޯގަސްޓް މަހުގެ އެއް ވަނަ ދުވަހުގެ ކުރިން، ސްރީލަންކާގެ އެއާޕޯޓުތައް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަކަމަށް އެ ގައުމުގެ ޓޫރިޒަމް އަދި އޭޥިއޭޝަން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މިދިއަ މާޗު މަހުން ފެށިގެން ބޭރު ގައުމުތަކުގެ މީހުން އެތެރެވުން މަނާކޮށް ލަންކާގެ ހުރިހާ އެއާޕޯޓުތައް ވަނީ ބޭރުގެ ފްލައިޓުތަކަށް ބަންދު ކޮށްފަ އެވެ.

އަދި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވުމާ ގުޅިގެން އަންނަ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސްރީލަންކާގެ އެއާޕޯޓު ބޭރުގެ ފަތުރުވެރިންނަށް ހުޅުވާލަން އޮތީ ނިންމައިފަ އެވެ.

ނަމަވެސް، މުޖުތަމައު ތެރޭގައި މިދިއަ އޭޕްރީލް މަހުން ފެށިގެން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިފައިވާތީ، އޯގަސްޓުގެ ކުރިން އެއާޕޯޓުތައް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޓޫރިޒަމް އަދި އޭވިއޭޝަން މިނިސްޓަރު ޕްރަސަންނަ ރަނަތުންގަ ވަނީ ވިދާޅުވެފަ އެވެ.

"ބޭރު ފަތުރުވެރިންނަށް ހުޅުވާލަނީ، ބޭރު ގައުމުތަކުގައި ތާށިވެފައިތިބި ލަންކާ ރައްޔިތުން އަނބުރާ ގެނެވުނުހާ އަވަހަކަށް،" ރަނަތުންގަ މީޑިއާތަކަށް ވިދާޅުވި އެވެ.

އެގޮތުން، މިހާތަނަށް 10،000 އެއްހާ ރައްޔިތުން އަނބުރާ ގެންދެވިފައިވާއިރު، އަދިވެސް 20،000 އެއްހާ މީހުން އެކި ގައުމުތަކުގައި ތާށިވެފައިތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، އެ މީހުން ވެސް ކުރިން އަންދާޒާ ކުރެވުނު މުއްދަތުގެ ކުރިން އަނބުރާ ގެންދެވޭނެ ކަމަށް ލަފާ ކުރެވޭތީ، އަންނަ މަހުގެ ތެރޭގައި އެއާޕޯޓުތައް ބޭރުގެ ފަތުރުވެރިންނަށް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރަނަތުންގަ އިތުރަށް ވިދާޅުވި އެވެ.

ސްރީލަންކާގެ ބޯޑަރުތައް އަލުން ދުނިޔެއަށް ހުޅުވާލާއިރު، ލަންކާއަށް އެތެރެވާ ޓޫރިސްޓުން ތިން ފަހަރު މަތިން އެ ބައްޔަށް ޓެސްޓު ކުރަން އެ ގައުމުން ވަނީ ނިންމައިފަ އެވެ.

އެގޮތުން، ލަންކާއަށް ދާ ޓޫރިސްޓުންނަށް އެތެރެ ވެވޭނީ، ފްލައިޓަށް އެރުމުގެ 72 ގަޑިއިރު ކުރިން ދޫކޮށްފައިވާ ކޮވިޑް-19 ނެތް ކަމުގެ ސެޓުފިކެޓެއް އޮތް ނަމަ އެވެ. އަދި އޭގެ ސެޓުފިކެޓެއް އޮތް ފަރާތްތައް ވެސް، އެއާޕޯޓުގައި އެ ބައްޔަށް ޓެސްޓު ކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ ހަތަރު ވަރަކަށް ދުވަސް ފަހުން ދެ ވަނަ ޓެސްޓެއް ހަދާއިރު، 10 ދުވަހަށް ވުރެ ގިނައިން ލަންކާގައި ތިބޭ ނަމަ، ތިންވަނަ ޓެސްޓެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މިދިއަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ފުރަތަމަ ކޭސް ފެނުނު ފަހުން، ލަންކާގައި މިހާތަނަށް 1،895 މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 11 މީހަކު ވަނީ މަރުވެފަ އެވެ.