ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބަލި ކޮންޓްރޯލްކޮށް ލަންކާއިން ލޮކްޑައުން އުވާލައިފި

Jun 28, 2020

ކޮލޮމްބޯ (ޖޫން 28) - މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، މިއަދުން ފެށިގެން ސްރީލަންކާގައި އަޅާފައިވާ ލޮކްޑައުން އުވާލެވިފައިވާކަމަށް އެ ގައުމުގެ ރައީސް ގޮތާބޭ ރާޖަޕަކްސަ އިއުލާނު ކުރައްވައިފި އެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން، ލަންކާ ލޮކްޑައުންކުރީ މިދިއަ މާޗް މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް، ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވެން ފެށުމާއެކު، ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ލަންކާ ސަރުކާރުން ދިއައީ ލޮކްޑައުނަށް ލުއިތަކެއް ދެމުންނެވެ.

ނަމަވެސް، މިދިއަ މަހުގެ ފަހު ކޮޅު، ބަލީގެ ކޭސްތައް ފެންނަ މިންވަރު އިތުރުވުމާއެކު އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރި އެވެ. އެގޮތުން، ފަހުން ކޭސްތައް ފެނިފައިވަނީ، އަނބުރާ ގައުމަށް ގެނައި މެދުއިރުމަތީގައި ވަޒީފާ ކުރަމުންދިއަ ލަންކާ ރައްޔިތުންގެ ކިބައިންކަމަށް ސިއްހީ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އަދި ފަހުން ލަންކާގެ ނޭވީ ކޭމްޕަކުން އެ ބައްޔަށް ޕޮޒިޓިވް ކޭސްތައް ފެނުމާއެކު، އެ ކޭމްޕުވެސް ލޮކްޑައުންކޮށް، އިތުރަށް އެ ބަލި ފެތުރިގެން ދިއުން މިހާރު ހުއްޓުވިފައިވާކަމަށް ކަމާބެހޭ ސިއްހީ އިދާރާއިން ވަނީ ބުނެފަ އެވެ.

"މިއަދުން ފެށިގެން ލޮކްޑައުން ވަނީ އެކީގައި އުވާލެވިފައި،" ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ރާޖަޕަކްސަ ވަނީ ވިދާޅުވެފަ އެވެ.

ލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2،000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 11 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މިދިއަ މާޗު މަހުން ފެށިގެން ބޭރު ގައުމުތަކުގެ މީހުން އެތެރެވުން މަނާކޮށް ލަންކާގެ ހުރިހާ އެއާޕޯޓުތައް ވަނީ ބޭރުގެ ފްލައިޓުތަކަށް ބަންދު ކޮށްފަ އެވެ.

ނަމަވެސް، ކުރިން ތާވަލް ކުރި ގޮތަށް އޯގަސްޓް މަހުގެ އެއް ވަނަ ދުވަހުގެ ކުރިން، ސްރީލަންކާގެ އެއާޕޯޓުތައް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސްރީލަންކާގެ ބޯޑަރުތައް އަލުން ދުނިޔެއަށް ހުޅުވާލާއިރު، ލަންކާއަށް އެތެރެވާ ޓޫރިސްޓުން ތިން ފަހަރު މަތިން އެ ބައްޔަށް ޓެސްޓު ކުރަން އެ ގައުމުން ވަނީ ނިންމައިފަ އެވެ.