ލައިފްސްޓައިލް

އެކުގައި ކުޅުނު އެކުވެރިޔާ މަރުވުން އަސަރުގަދަ އަލްވަދާއެއް

ސޯޝަލް މީޑިއާގައި މިހާރު ކޮންމެ ދުވަހަކުވެސް ތަފާތު އެތައް ވީޑިއޯއެއް ވައިރަލް ވެއެވެ. އެގޮތުން މިފަހަރު ޓުވިޓާގައި ވައިރަލްވެފައިވާ ވީޑިއޯ އަކީ ޓީންއޭޖް ފިރިހެން ކުދިންތަކެއް އެކުދިންގެ އެކުވެރި ފިރިހެންކުއްޖަކު މަރުވުމުން އޭނާއަށް ކީ އަސަރުގަދަ އަލްވަދާއުގެ މަންޒަރުތަކެއް ފެންނަ ވީޑިއޯ އެކެވެ.

އެލެކްސް ސްޓޯން ނަމަކަށް ކިޔާ ކުއްޖަކު ޓުވީޓްކުރި މި ވީޑިއޯ އަކީ މެކްސިކޯގެ ރަށެއްގައި ދާދި ފަހުން ފުލުހުން އަނިޔާކޮށް މަރާލި 16 އަހަރުގެ ފިރިހެން ކުއްޖަކަށް އޭނާ އާއެކު ފުޓުބޯޅަ ކުޅެން އުޅުނު އެކުވެރިން ކީ ހިތްދަތި އަލްވަދާއުގެ މަންޒަރު ތަކެކެވެ.

މި 54 ސިކުންތުގެ ވީޑިއޯގައި ފެންނަނީ ފުޓުބޯޅަ ދަނޑެއްގައި ސަންދޯކެއް ބަހައްޓައިގެން ޒުވާން ފިރިހެން ކުދިންތަކެއް އެއް ކުއްޖަކު އަނެއް ކުއްޖަކަށް ބޯޅަ ޕާސް ކުރާ މަންޒަރެވެ. އެތަނުން އެ ކުއްޖަކު މަޑުމަޑުން ބޯޅަ ސަންދޯކާ ދިމާލަށް ޕާސްކޮށްލުމުން މަޑުމަޑުން ގޮސް ސަންދޯކުގައި ބޯޅަ ޖެހިފައި ގޮސް ގޯލު ތެރެއަށް ބޯޅަ ވަދެ އެވެ. އެއާއެކު މި ގްރޫޕްގެ ހުރިހާ ކުދިން ތަރުހީބުގެ އަތްތިލަބަޑިން މުޅި ތަން ގުގުމާލަ އެވެ. ދެން ހުރިހާ ކުދިން ސަންދޯއް ވަށާލައި އެކުދިންގެ އެކުވެރިޔާއަށް ކަރުނައިގެ އަލްވަދާއެއް ކިއުމުން ވަޅުލަން ސަންދޯއް ގެންދެ އެވެ.

އެކުވެރިޔާގެ އެންމެ ފަހު ވަގުތުކޮޅު ވެސް އޭނާއަށް ގޯލެއް ޖެހުމުގެ ފުރުސަތު މި ކުދިން ހޯދައިދިނީ ކަމަށް މި ވީޑިއޯގެ ކެޕްޝަންގައި ބުނެފައި ވެއެވެ.

ބައިނަލްއަގުވާމީ މީޑިއާއިން ބުނި ގޮތުގައި މި ކުއްޖާއަކީ އެލެޑެންޑާ މާޓިނޭޒް ނަމަކަށް ކިޔާ މެކްސިކޯ ކުއްޖެކެވެ. މި ކުއްޖާގެ ކުއްލި މަރު ގިނަ ބަޔަކު އަޅުވަނީ ފުލުހުންގެ ބޮލުގަ އެވެ. އޭނާއަކީ މެކްސިކޯ-ޔޫއެސް ދެ ގައުމުގެ ޕާސްޕޯޓް އޮންނަ ކުއްޖެއް ކަމަށާއި މެކްސިކޯއަށް އޭނާ ހިޖުރަ ކުރީ މީގެ ހަތަރު އަހަރު ކުރިން ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.
ފުލުހުން އެ ކުއްޖާގެ ގަޔަށް ބަޑިޖަހާ މަރާލާފައިވަނީ ފިނި ބުއިމެއް ގަންނަން ކައިރި ފިހާރައަކަށް ދަނިކޮށް ކަމަށް ވެއެވެ.