މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނޫޅޭ ކަމަށް އޯގަސްޓް މަހު 36 އަހަރު ފުރޭ ޔުވެންޓަސްގެ ކެޕްޓަން ޖޯޖިއޯ ކިއަލީނީ ބުނެފި އެވެ.
ކިއަލީނީގެ ރިޓަޔާމެންޓާ ބެހޭ ގޮތުން އިންސްޓްގްރާމްގައި ސުވާލު ކުރީ އިޓަލީގެ އެކްޓަރެސްއެއް ކަމަށްވާ މާޓިނާ ކޮލަމްބާރީ އެވެ. އޭނާ އެ ސުވާލު ކުރީ މިދިޔަ އަހަރު ކަކުލުގެ ބޮޑު އޮޕަރޭޝަނެއް އޭނާ ކޮށްފައި ވުމުންނެވެ. އެ އޮޕަރޭޝަނާއި ގުޅިގެން ހަ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަށް ކިއަލީނީ އަށް ޖެހުނެވެ. އެ އަނިޔާ އާ ގުޅިގެން ދެން އޭނާއަށް އަލުން ދަނޑަށް އާދެވޭނެތޯ ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ.
ކިއަލީނީ ބުނީ، 10 އަހަރު ކުރިން އެ އަނިޔާ އޭނާއަށް ކުރިމަތިވި ނަމަ، އެކަމާ މާބޮޑަށް ކަންބޮޑުވާން ޖެހުނީސް ކަމަށެވެ. އޭނާ ބުނީ އުމުރުން 35 އަހަރުވިއރު ލިބުނު ތަޖުރިބާތަކަށް ވިސްނާއިރު އެ އަނިޔާއިން އަރައިގަތުމަށް ފަސޭހަ ވެގެންދިޔަ ކަމަށެވެ.
"އަހަރެން އިތުރު އެއް ސީޒަންގައި ކުޅޭނަން، އަހަރެން ބަލާނަށް އަހަރެންގެ ފައިގައި ކިހާ ސްޓްރެންތެއްތޯ ހުރީވެސް،" އިންސްޓަގްރާމްގައި އޭނާ ބުނެފައި ވެއެވެ. "އަންނަ އަހަރުގެ ހޫނު މޫސުމުގައި އަހަންނަށް ކުޅުން ހުއްޓާލެވިދާނެ ނޫނީ އެއަށް ފަހު ވެސް އިތުރު އެއް ސީޒަންގައި އަނެއްކާ ވެސް ކުޅެފާނަން، ފުޓްބޯޅައިގައި އަހަރެން އުޅޭނަން، ފަހަރެއްގައި ކޯޗެއްގެ ގޮތުގައި ފެނުމަށް ވުރެ ޑައިރެކްޓަރު ލެވަލްގެ މަގާމަކުން ފެނިދާނެ."
ކުރިން މި އަހަރު ބާއްވާ ގޮތަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސް ކުރުމުން އެ މުބާރާތުގައި ކުޅެން ގަސްތު ކުރާކަމަށްވެސް ކިއަލީނީ ބުންޏެވެ.
ކިއަލީނީ އަކީ ދުނިޔޭގެ ފެންވަރު މޮޅު ޑިފެންޑަރެއް ނޫނެވެ. އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ޑިގްރީއެއްވެސް ހާސިލު ކޮށްފަ އެވެ.
"އުމުރުން 19 އަހަރުގައި އަހަރެން ކުޅުނީ ދެ ވަނަ ޑިވިޝަންގައި އެހެންވެ އަހަންނަކަށް ކިޔަވާކަށް ފުރުސަތެއް ނުލިބުނު، މާސްޓާސް ޑިގްރީ ހެދުމަށް ޕްލޭން ކުރިގޮތް ކިއަލީނީ ކިޔައި ދިނެވެ. "ވަގުތު ލިބުނީމަ އަހަރެން ހިތައް އެރި ޕްލޭސްޓޭޝަނުން ގޭމް ކުޅުމުގެ ބަަލުގައި އަހަރެން ކުރާނީ އެހެން ކަމެކޭ، އެހެންވެ އަހަރެން ކިޔަވަން ފެށީ، ތިން އަހަރުން ހެދޭ ޑިގްރީ އަހަރެން ހެދީ ހަތަރު އަހަރަށް ފައްތައިގެން."