ކޮރޮނާ ވައިރަސް އާ ގުޅިގެން މެދުކަނޑާލި އިޓަލިއަން ލީގް އަލުން ފެށުމަށް ފަހު ދެވަނަ ފަހަރަށް ވައިރަސް ފެނިއްޖެނަމަ ޗެމްޕިއަނެއް ނެތް ގޮތަށް ލީގް ނިންމާލަން ޖެހިދާނެ ކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަނުން ބުނެފި އެވެ.
ސެރީ އޭ އިން ކުރިން ނިންމާފައި ވަނީ، ދެވަނަ ފަހަރަށް ވައިރަސް ފެނިއްޖެނަމަ ލީގްގެ ޗެމްޕިއަން ޓީމާއި ޔޫރަޕްގެ މުބާރާތްތަކަށް ކޮލިފައި ވާނެ ޓީމު ކަނޑައެޅުމަށާއި ރެލިގޭޓް ވާނެ ޓީމު ކަނޑައެޅުމަށް ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ. ނުވަތަ ހުރިހާ ކަންކަމެއް ބަލައި ކަލްކިއުލޭޓް ކުރުމަށް ފަހު ޔޫރަޕްގެ މުބާރާތްތަކަށް ކޮލިފައިވާ ޓީމާއި ރެލިގޭޓް ވާނެ ޓީމުތައް ކަނޑައެޅުމަށެވެ. އެކަމާ ބައެއް ކުލަބުތައް ދެކޮޅެވެ.
ލީގު ފެށުމަށް ހަމަޖެހިފައި ވަނީ މިމަހު 20 ގަ އެވެ. ސީޒަނަށް ނިންމާލުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް ދޭއް ގަ އެވެ. ފުޓްބޯލް ފެޑްރޭޝަނުން ނިންމާފައި ވަނީ ވައިރަސްގެ ކަންކަން އިތުރަށް ގޯސްވެ ޕްލޭޮފް ވެސް ކުރިއަށް ނުގެންދެވޭނެ ހާލަތެއް މެދުވެރި ވެއްޖެނަމަ ޕާފޯމަންސަށް ބަލައި ނަތީޖާތައް ކަލްކިއުލޭޓް ކޮށްގެން ލީގްގެ މަގާމުތައް ކަނޑައެޅުމަށެވެ.
އެގޮތުން ޔޫރަޕްގެ މުބާރާތްތަކަށް ކޮލިފައިވާ ޓީމާއި ރެލިގޭޓް ވާނެ ޓީމުތަކަކީ ކޮބައިކަން ކަލްކިއުލޭޝަން ސިސްޓަމު ބޭނުން ކޮށްގެން ކަނޑައެޅި ނަމަވެސް ލީގްގެ ޗެމްޕިއަން ޓީމު ކަނޑަނާޅާނެ އެވެ. ލީގްގެ އެއް ވަނައިގައި މިދިޔަ ހަ އަހަރުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ އެއް ޕޮއިންޓްގެ ލީޑަކާއެކު އެވެ. އެ ޓީމަށް ލިބިފައި ވަނީ 63 ޕޮއިންޓެވެ. ދެ ވަނައިގައި ލާޒިއޯ އޮތީ 62 ޕޮއިންޓާއެކު އެވެ.