އިޓަލީ

ވޯލްޑް ކަޕް ހޯދި އިޓަލީގެ ރޮސީ މަރުވެއްޖެ

ސްޕެއިންގައި 1982 ގައި ބޭއްވި ވޯލްޑް ކަޕް ޗެމްޕިއަންކަން އިޓަލީއަށް ހޯދައި ދިނުމުގައި އެހީތެރިވި ޕައޮލޯ ރޮސީ މަރުވެއްޖެ އެވެ.

އުމުރުން 64 އަހަރުގައި، ރޮސީ މަރުވިކަން އިއުލާން ކުރީ، ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަމުން އައި އިޓަލީގެ އާރްއައި ސްޕޯޓްސް ޓީވީ އިންނެވެ. އެ ޓީވީގެ ޕްރެޒެންޓާ އެންރީކޯ ވެރިއާލީ ކުރި ޓްވީޓްގައި ބުނެފައި ވަނީ 1982 ގެ ހޫނު މުސުމުގައި އިޓަލީއަށް ހިނިތުންވުން ގެނައި ރޮސީ މަރުވުމަކީ އެ ގައުމަށް ލިބުނު ހިތާމައެއް ކަމަށެވެ.

އޭގެ ފަހުން ރޮސީގެ ހުވަފަތް އަންހެން ކަޕެއްލެޓީ ފެޑެރީކޭ އިންސްޓަގްރާމްގައި ރޮސީގެ ފޮޓޯއެއް ހިއްސާ ކުރުމަށް ފަހަު ލިޔެފައި ވަނީ "އުމުރު ދުވަހަށްވެސް އެކުގައި ވާ" ކަމަށެވެ. ރޮސީ މަރުވި ސަބަބެއް ކަޕެއްލެޓީ ވެސް ހަމަ ކޮށްފަ އެއް ނުވެ އެވެ.

ޔުވެންޓަސް އާއި އޭސީ މިލާނަށް ކުޅުނު، ރޮސީ ފާހަގަ ކުރެވިފައި ވަނީ ވޯލްޑް ކަޕްގެ އެންމެ މޮޅު ފޯވަޑުންގެ ތެރޭގަ އެވެ. ވޯލްޑް ކަޕްގެ ފައިނަލުގައި ހުޅަނގު ޖަރުމަން އަތުން 3-1 ން އިޓަލީ މޮޅުވި މެޗުގައި އިޓަލީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ރޮސީ އެވެ.

އެ މުބާރާތުގެ ދެ ވަނަ ބުރުގައި ބުރެޒިލްގެ މައްޗަށް 3-2 އިޓަލީ މޮޅުވި މެޗުގައި އިޓަލީގެ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކު ހެދީ ރޮސީ އެވެ.