ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޔުވެންޓަސްގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ނަޕޯލީ ހޯދައިފި އެވެ.
އެ މުބާރާތް ނަޕޯލީ ކާމިޔާބު ކުރުމުން، އެ ތައްޓަކީ ހަ އަހަރުތެރޭ ފުރަތަމަ ފަހަރަށް އެ ޓީމަށް ލިބުނު ތައްޓެވެ. މެޗަށް ނުކުތުމުގެ ކުރިން މެޗު އެންމެ ހާއްސަވި ކުޅުންތެރިޔަކީ ޔުވެންޓަަސްގެ ތަޖުރިބާކާރު ކީޕަރު ޖިއާންލުއީޖީ ބުފޯން އެވެ. ޔުވެންޓަސްއަށް ތަށި ކާމިޔާބު ކުރެވުނު ނަމަ، ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރަށް ހޯދި ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުނީހެވެ. އުމުރުން 42 އަހަރުގެ ބުފޯން ވަނީ މެޗުގައި ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނަޕޯލީގެ ލޮރެންޒޯ އިންސީނިއާ ފޮނުވާލި ހަމަލާ ދިފާއު ކުރުމަށް ބުފޯން ވަނީ މޮޅު ސޭވެއް ކޮށްފަ އެވެ.
އެހެން ނަމަވެސް ޕެނަލްޓީ ޝޫޓުއައުޓްގައި ނަޕޯލީ ހުއްޓުވުމުގައި އޭނާއަށް ކާމިޔާބެއް ނުހޯދުނެވެ. މެޗުގެ ފުރިހަމަ ވަގުތު ލަނޑެއް ނުޖެހި އެއްވަރު ވުމުން އެކްސްޓްރާ ޓައިމް ނުކުޅެ ސީދާ ދިޔައީ ޕެނަލްޓީ އަށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ޔުވެންޓަސްގެ ޕައުލޯ ޑިބާލާ ފޮނުވާލި ޕެނަލްޓީ ނަޕޯލީގެ ކީޕަރު އެލެކްސް މެރިޓް ދިފާއު ކުރީ އެވެ. ޑަނިލޯ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ޔުވެންޓަސްގެ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނެލްޓީ ކާމިޔާބު ކުރީ ލިއަނާޑޯ ބަނޫޗީ އާއި އާރޮން ރަމްސީ އެވެ. ނަޕޯލީގެ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ އިންސީނިއާ، މަޓޭއޯ ޕޮލިޓާނޯ، ނިކޮލާ މަކްސިމޮވިޗް އަދި އަރުކާޒިއުޒް މިލިކް އެވެ.
މި ތައްޓަކީ، ނަޕޯލީގެ ކޯޗް ޖެނާރޯ ގަޓޫސޯގެ ކޯޗިން ކެރިއަރުގައި ހޯދި ފުރަތަމަ ތައްޓެވެ. އޭނާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި 2003 ވަނަ އަހަރު އޭސީ މިލާން އާއެކު އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ފައިނަލުގެ ހިތްދަތި ކަމުން އަރައިގަންނަށް ޔުވެންޓަސްއަށް ތިން ދުވަސް ލިބޭނެ އެވެ.