އިޓަލީ

ކަޕްގެ ސެމީން އިޓަލީ ފުޓުބޯޅަ މިރޭ ފަށަނީ

އިޓަލިއަން ކަޕްގެ ސެމީ ފައިނަލު މެޗުގައި ޔުވެންޓަސް އާއި އެސީ މިލާން ބައްދަލު ކުރާ މެޗުން އިޓަލީގެ ފުޓްބޯޅަ މިރޭ ފަށަން ތައްޔާރު ވެއްޖެ އެވެ.

ކޮރާނޯ ވައިރަސް އާ ގުޅިގެން، އެންމެ ފުރަތަމަ ފުޓްބޯޅަ މުބާރާތްތައް މެދުކަނޑާލި ޔޫރަޕްގެ ގައުމަކީ އިޓަލީ އެވެ. ތިން މަސް ފަހުން އިޓލީގައި އަލުން ފުޓްބޯޅަ ފެށި ނަމަވެސް މައި ލީގް ފަށާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ޔުވެންޓަސްގެ ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗަކީ އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގައި މި ދެޓީމު ވާދަ ކުރަ ދެ ވަނަ ލެގް މެޗެވެ. ފެބްރުއަރީ މަހު މިލާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގަ އެވެ.

ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މާދަމާ ރޭ ނުކުންނާނީ ނަޕޯލީ އާއި އިންޓަ މިލާނެވެ. މިދެ ޓީމު ކުޅުނު ފުރަތަމަ ލެގް މެޗު އިންޓަގެ ދަނޑުގައި ކުޅެ ނަޕޯލީ ކާމިޔާބު ކުރީ 1-0 ންނެވެ.

އިޓާލިއަން ކަޕްގެ ފައިނަލު މެޗު ކުޅުމަށް މިހާރު ތާވަލު ކޮށްފައި ވަނީ މި މަހު 18 ވަނަ ދުވަހު އެވެ. އޭގެ އެއް ދުވަސް ފަހުން އިޓާލިއަން ލީގް ފަށާނެ އެވެ. ލީގްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓޮރިނޯ އާއި ޕާމާ އެވެ.