ދުނިޔެ

އައިއެސް އާ ދެކޮޅަށް އީރާން، އިރާގު، ސީރިޔާ އަދި ރަޝިޔާ

Sep 27, 2015

ބަގްދާދު (ރޮއިޓާރސް) އިސްލާމިކް ސްޓޭޓް އާއި ދެކޮޅަށް ޖާސޫސީ އަދި ސެކިއުރިޓީ ކަންކަމުގައި ގުޅިގެން މަސައްކަތް ތަކެއް ކުރުމަށް އީރާން، ސީރިޔާ އަދި ރަޝިޔާއާ އެކު މަޝްވަރާ ކުރަމުން ދާ ކަމަށް އިރާގުން އިއްޔެ ބުނެފިއެވެ.

މި ކޯލިޝަންގެ ސަބަބުން ރަޝިޔާގެ ބާރު މެދު އިރުމަތީގައި ގަދަ ވާނެއެވެ. މި ދިޔަ ހަފްތާ ތަކުގެ ތެރޭގައި ރަޝިޔާއިން ވަނީ ސީރިޔާގައި އަދާ ކުރާ އަސްކަރީ ދައުރު ފުޅާ ކޮއްފައެވެ.

ރަޝިޔާގެ ބައިވެރިވުން އިރާގުގައި ބޮޑު ވުމަކީ އެމެރިކާއަށް އެ ސަރަހައްދުގައި ފިނި ހަނގުރާމައިގެ ދުޝްމަނަކާ އެކު ވާދަކުރަން ޖެހޭ ކަމަކަށް ވާނެއެވެ. އެމެރިކާއިން އިރާގުން ފޭބިތާ މިވީ މަދު އަހަރު ތަކުގެ ތެރޭގައި ޝީއީ ހަނގުރާމަވެރިންނާއެކު ދުވަސްވީ ދުޝަމަން އީރާނުން ވެސް ވަނީ ބާރު އިތުރު ކޮއްފައެވެ. އަދި އައިއެސް އާއި ކުރިމަތި ލުމުގައި ވެސް އެމެރިކާއަށް ވަނީ ނުސީދާ ނާކާމިޔާބީ އަކާ ކުރިމަތިވެފައެވެ. އިރާގުގެ އަސްކަރިއްޔާ ތަމްރީނުކުރުމަށާއި ހަތިޔާރުގެ އެހީއަށް ވިހި ބިލިއަނަށްވުރެ ގިނަ ޑޮލަރު އެމެރިކާއިން ހަރަދު ކޮއްފައި ވާއިރު ވެސް އައި އެސް ގެ ކުރިމަތީގައި އިރާގު ސިފައިން ފެންނަނީ މާ ބޮޑު ބާރެއް ނެތް ބައެއްގެ ގޮތުގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމެރިކާއިން ބޭނުން ވަނީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ސީރިޔާގެ މައްސަލައަށް ސިޔާސީ ހައްލެއް ހޯދާށެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ މެދުއިރުމަތީގެ މައްސަލަތަކުގައި އެމެރިކާއިން މިހާރަށްވުރެ ސާފު ނިންމުން ތަކެއް އަވަހަށް ނިންމަން ޖެހޭ ކަމަށެވެ. އެމެރިކާ ދުރު ދުރުން އުޅޭތީ އައިއެސް އިތުރަށް ފުޅާވެ ވަރުގަދަ ވާން ވަގުތު ލިބޭ ކަމަށް މި ފަރާތްތައް ދެކެއެވެ.

ރަޝިޔާއިން ބުނަނީ އައިއެސް އާއި ދެކޮޅަށް އދ. ގެ ހުއްދައާއި އެކު އެމެރިކާއިން ލީޑުކުރާ ފޯހެއްގައި އުސޫލެއްގެ ގޮތުން ރަޝިޔާ ބައިވެރި ވާނެ ކަމަށެވެ. އެކަމަކު ޝަރުތަކީ އަސަދުގެ ސަރުކާރު އެ ފޯސްގައި ހިމެނުން ކަމަށް ރަޝިޔާ ބުނެއެވެ. ސީރިޔާގައި އޮންނަ ބައްޝާރުލް އަސަދާއެކު އެއްވެސް ކަމެއްގައި ބައިވެރިވެ އެއްބާރުލުން ދޭން އެމެރިކާ ބޭނުމެއް ނުވެއެވެ.