ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޕެންޝަނާއި އެއާޕޯޓް ކައުންޓަރު ފީ ފަސްކޮށްދޭން މަޓާޓޯ އިން އެދިއްޖެ

Jun 15, 2020
3

ޕެންޝަނަށް ދައްކަން ޖެހޭ ފައިސާ އާއި އެއާޕޯޓް ގެސްޓް ކައުންޓަރު ތަކުގެ ފީ، ފަސްކޮށްދޭން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އެދިއްޖެ އެވެ.

މަޓާޓޯ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި (އެސްއެމްއީ) ވިޔަފާރި ތަކަށް ލިބެމުންދާ ގެއްލުމަށް އެހީތެރިކަން ހޯދަން ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނީ މި ހާލަތުގައި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އެސްއެމްއީ ވިޔަފާރި ތަކުން ދައްކާ ޕެންޝަން ފައިސާ ހަ މަހަށް ފަސްކޮށްދޭން އެދިފައިވަނީ ކުންފުނި ތަކަށް އާމްދަނި ލިބުން ދަތިވެ، ކޭޝް ފްލޯ އަށް ބޮޑު ލޮޅުމެއް އަރާފައިވާތީ، ޕެންޝަނަަށް ފައިސާ ދެއްކުމުން ވަޒީފާގައި ތިބޭ މުވައްޒަފުންނާއި ކުންފުނި ތަކަށް ވެސް ދަތިވެފައިވާތީ ކަމަށެވެ.

ޕެންޝަން ގާނޫނު އޮންނަ ގޮތުން ޕެންޝަނަށް ވަޒީފާ އަދާ ކުރާ މީހާގެ އަތުން މުސާރައިގެ ހަތް ޕަސެންޓް އަދި ވަޒީފާދޭ ފަރާތުން ހަތް ޕަސެންޓް ދައްކަން ޖެހެ އެވެ. ކުންފުނިތަކުން ޖުމްލަ 14 ޕަސެންޓް ޕެންޝަނުގެ ގޮތުގަައި މުވައްޒަފުންގެ ރިޓަޔަމަންޓް ސްކީމްއަށް ޖަމާ ކުރަން ޖެހެ އެވެ.

މަޓާޓޯ އިން މީގެ އިތުރުން ވަނީ އެމްއޭސީއެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބަހައްޓާފައި ހުންނަ އެއާޕޯޓް ގެސްޓް ކައުންޓަރު ތަކަށް ނަގާ ފީވެސް ހަ މަސް ދުވަހަށް ފަސްކޮށްދޭން އެދިފަ އެވެ. އެއާޕޯޓް ކައުންޓަރު ފީގެ ގޮތުގައި ކުންފުނިތަކުގެ އަތުން މަހަކު 700ރ. ނަގަ އެވެ.

ވީއައިއޭ އެރައިވަލް ހޯލްގެ ބޭރުގައި ގާތްގަނޑަކަށް 70 ކައުންޓަރު ބަހައްޓާފައި ހުރެ އެވެ. ނަމަވެސް ޓޫރިޒަމް ހުއްޓިފައި އޮންނަތާ ތިން މަސްވެފައިވީ ނަމަވެސް މި ކައުންޓަރު ތަކުން ދަނީ އެމްއޭސީއެލް އަށް ކައުންޓަރު ފީ ދައްކަމުންނެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަ ކުރަން 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. މި ޕެކޭޖުގައި ކަރަންޓާއި ފެން ބިލުން ދޭ ޑިސްކައުންޓާއި ލޯނުތައް ފަސްކޮށް ދިނުން އަދި ލޯނުގެ ގޮތުގައި އެހީ ދިނުން ވެސް ހިމެނެ އެވެ.