ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގައި ކޮވިޑް ކަވަރުކުރާ ނޫސްވެރިންނަށް ބިރުދައްކާކަމުގެ ތުހުމަތު

Jun 15, 2020
3

ނިއު ދިއްލީ (ޖޫން 15) - އިންޑިއާގެ ސަރުކާރު ނުރުހޭ ގޮތަށް ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ބިރު ދައްކައި، ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމުގެ ތުހުމަތުތަކެއް އަމާޒުވެއްޖެ އެވެ.

އެގޮތުން، މާޗް 25 އިން ފެށިގެން މެއި 30 އާ ހަމައަށް މުޅި އިންޑިއާ ލޮކްޑައުންކުރި މުއްދަތުގެ ތެރޭގައި، 55 ނޫސްވެރިއަކަށް ބިރު ދެއްކުމާއި، މުދަލަށް ގެއްލުން ދިނުމާއި، އިންޒާރު ދިނުން ފަދަ މައްސަލަތަކެއް ފާހަގަވެފައިވާކަމަށް ރައިޓްސް އެންޑް ރިސްކް އެނެލިސިސް ގްރޫޕު (އާރުއާރުއޭޖީ) އިން ބުނެފައިވެ އެވެ.

އެފަދަ އަމަލުތަކުގެ ސަބަބުން، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެއްލި، މުޅި ދުނިޔޭގައި ވެސް ނޫސްވެރިންނަށް އެންމެ ނުރައްކާތެރި މާހައުލެއް އޮތް ގައުމަކަށް އިންޑިއާވެފައިވާކަމަށް އެ ގުރޫޕުން އިތުރަށް ބުންޏެވެ.

އިންޑިއާގައި އަމަލުކުރަމުންދާ އަބުރުގެ ގާނޫނުގެ ދަށުން ސިޔާސީ ފަރާތްތަކުން މީގެ ކުރިންވެސް ނޫސްވެރިންނަށް ދައުވާކުރާނެކަމުގެ ޕްރެޝަރު މީގެ ކުރިންވެސް ކުރަމުން އައި ނަމަވެސް، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން، އާއްމު ސިއްހަތު ރައްކާތެރިކަމުގެ ގާނޫނު ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ނޫސްވެރިންގެ ޔޫނިއަނުން ދާދި ފަހުން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިލްތިމާސްކޮށްފަ އެވެ. އަދި ޖިނާއީ ދައުވާގެ ބިރު ދައްކައިގެން، ނޫސްވެރިކަމަށް ހުރަސްއަޅަން މަސައްކަތް ނުކުރުމަށް ސިޔާސީ ފަރާތްތަކަށް އެ ޔޫނިއަނުން ވަނީ ގޮވާލައިފަ އެވެ.