ރައީސް މުހައްމަދު ނަޝީދު

އަޅުގަނޑު ބަހުސްގައި ބައިވެރިވާން ގިނަ ދިވެހިން ބޭނުންވޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި މައްސަލަތަކުގެ ބަހުސްތަކުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމަށް ދިވެހި ވަރަށް ގިނަ ރައްޔިތުން ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ކުރީގެ ރައީސުންނާ ހިލާފަށް ރައީސް ނަޝީދު ރިޔާސަތުގައި އިންނަވާ ވަރަށް ގިނަ ވާހަކަފުޅު ދައްކަވަ އެވެ. މި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި އާ ގަވާއިދުގައި ވެސް މަޖިލީސް ހިންގަމުންދާ ގޮތާ ގޮތުން މަޖިލީހުގެ ރައީސް ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވުމުގެ ފުރުސަތު ދީފައިވެ އެވެ. ނަމަވެސް އެއީ އާންމު އުސޫލާ ހިލާފު ކަމެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިނުވެވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ އާ ގަވާއިދު އޮންނަ ގޮތުން ބަހުސްގެ މައުޟޫއުގައި މެންބަރުން ވާހަކަ ދައްކަވާކަން ކަށަވަރު ކުރުން ރިޔާސަތަށް ލާޒިމެވެ. ރިޔާސަތުގައި އިންނަވާ އެމަނިކުފާނު ކުރައްވަނީ އެ މަސައްކަތް ކަމަށެވެ. އަދި އެހެން ގައުމުތަކުގެ މަޖިލިސްތަކުގައި ވެސް އެ އުސޫލު އޮންނަ ކަމަށެވެ.

"އަޅުގަނޑަކީ މެންބަރުންގެ ބަހުސް ބަލަހައްޓާ ރިޔާސަތު. މަޖިލީހުގެ ބަހުސް ހިފެހެއްޓުން ރިޔާސަތަށް ލާޒިމުވޭ. އެއީ މެންބަރުން ބަހުސްގެ މައުޟޫއިން ކައްސާލައިގެންދާ ފަހަރުތަކުގައި އެކަން އެންގުން ރިޔާސަތުން އެންގުން. އަދި އެ ބަހުސްގައި ހިމެނޭ ކަންކަން ސާފުކޮށް ދިނުން ވެސް އޮންނަ ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި އެމަނިކުފާނު ތަމްސީލު ކުރައްވާ މައްޗަންގޯޅި މެދު ދާއިރާގެ ރައްޔިތުންނާއި ވަރަށް ގިނަ ދިވެހިން ވެސް އެމަނިކުފާނު ބަހުސްތަކުގައި ބައިވެރިވެވަޑައިގަންނަވަން އެދޭތީ އޭގެ ގާނޫނީ ލަފާ ހޯއްދެވި ކަމަށެވެ. މަޖިލީހުގެ ކައުންސިލަ ޖެނެރަލް ލަފާ ދެއްވާފައި ވަނީ އެ ކަން ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ސާފުކޮށްލިން މައްޗަންގޯޅި މެދު ދާއިރާާގެ ގޮނޑިއަށް ގޮސް ބަހުސްގައި އަޅުގަނޑު ބައިވެރިވެވޭނެތޯ. މަޖިލީހުގެ ކައުންސިލަ ޖެނެރަލް [ފާތިމަތު ފިލްޒާ] ލަފާ ދެއްވަނީ ބައިވެރިނުވެވޭނެ ކަމަށް، އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން އެދޭ ކަމެއް އެއީ، ރާއްޖޭގެ ގިނަ ރައްޔިތުން ވެސް އެ ގޮތަށް ބޭނުންވޭ،" ނަޝީދު ވިދާޅުވި އެވެ.

އެހެން ބައެއް ގައުމުތަކުގެ މަޖިލިސްތަކުގައި ވެސް ރިޔާސަތުގައި އިންނަވާ މެންބަރު އޭނާގެ ދާއިރާ ތަމްސީލު ކުރެއްވުމަށްޓަކައި، ރިޔާސަތު އެހެން މެންބަރަކާ ހަވާލުކޮށް ދާއިރާގެ ގޮނޑިއަށް ވަަޑައިގެން ބަހުސް ކުރުމުގެ ފުރުސަތު އޮވެ އެވެ. ރާއްޖޭގެ މަޖިލީހުގެ ގަވާއިދަށް އެފަދަ އިސްލާހެއް ގެނައުމުގެ ފުރުސަތު ވެސް އެމްޑީޕީއަށް އެބަ އޮތެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބަހުސްތަކުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް ވެސް އަމާޒުވެފައިވެ އެވެ. ނަޝީދު އާންމުކޮށް ވާހަކަ ދައްކަވަނީ މެންބަރެއްގެ ވާހަކަ ނިމުމުން އެހެން މެންބަރަކަށް ފުރުސަތު ދިނުމުގެ ކުރިއަށެވެ. އެކަމަކު ބައެއް ފަހަރު ވާހަކަ މެދުކަނޑާލުމަށް ފަހު ވެސް ވާހަކަ ދައްކަވަ އެވެ.