ވާހަކަ

ރީތީ ހީލީމާ

(ދެވަނަ ބައި)
އަހަންނަށް ބަލަން ހުރެވުނީ އެވެ. ނިޔާޒާގެ މޫނަށެވެ. އޭނާގެ ހަރަކާތްތަކަށެވެ. ގޮށް ޖަހައިލެވިފައިވާ ދެ ބުމައަށެވެ. ނިޔާޒާ އަހަންނާ ދިމާ ބަލައި ވެސް ނުލަ އެވެ. އޭނާ އިނީ ރުޅިއައިސް ރަތްވެފަ އެވެ. ގަދަ ކަމުން ކަހަލަ ގޮތަކަށް އަހަންނަށް ހިންދިރުވާލެވުނެވެ. ކަރުތެރެ ހީވީ ބެދެމުން ދިޔަހެންނެވެ. ތުންފަތާއި އަނގަތެރެ ހިކި ހިންދިރުވަން އުނދަގޫވަމުން ދިޔަ އެވެ.

"ކީއްވެގެންތަ ފާޑަކަށް ބަލަން ތި ހުންނަނީ؟" އަހަރެންގެ މޫނަށް ބަލައިލެވުމުން ނިޔާޒާގެ ރުޅި ގަނޑު ގަދަވި ކަހަލަ އެވެ.
"އަހަރެން.. އަހަރެން..." ހިތުގައި އޮތް ޖުމުލަތައް ދުލާ ހަމައަށް ނެރެން އުނދަގޫވި އެވެ.
"ހޫމް! ދެން އަނެއްކާ ތިމާގެ ނިކަމެތި ކަމާ، ޔަތީމުކަމުގެ ވާހަކަތަކުން މަ ހިތް ފިނި ކުރަން އުޅޭނެ ކަމެއް ނެތް،" ނިޔާޒާ ދެ ކަކޫ ގަޔާ ކައިރި ކޮށްލި އެވެ. "ދެން މީނަހާ އިމޯޝަނަލް، މީނަހާ ނިކަމެތި މީހެއް ވެސް މި ދުނިޔޭގައި ނުހުންނާނެ. ހިތުން ތިމާއަކީ މާ ބޮޑު ނިކަމެއްޗެއް."
"އަހަރެން ކީއްތަކުރީ؟" އަހަންނަށް އިސްޖަހައިލެވުނެވެ.

އޭރު ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ލޮލުގެ ތިރީ ރަވައިގެ ކައިރިއަށް ބަރު ޖެހެމުން ދިޔަ އެވެ. އަހަރެން އުޅުނީ ނިޔާޒާއަށް އެ މަންޒަރު ނުފެންނަ ގޮތް ހަދާށެވެ. އޭނާއަށް އެ ކަން ނުދައްކާށެވެ.

"ކުރިކަމެއް އެނގޭނީ ކަލޭއަކަށްނު. ކަލޭއަށް ސާފުކޮށް އެނގޭނެ އަހަންނަކީ އެހެން މީހަކު ދެކެ ލޯބިވި މީހެއްކަން. ކަލޭއަށް އެނގޭނެ ކަލޭ ދެކެ ކުޑަކޮށް ވެސް އަހަރެން ލޯތްބެއް ނުވާކަން. އަދި ދުވަހަކު ވެސް ނުވާނެކަން ވެސް." ނިޔާޒާ މަލާމާތުގެ ރާގުގައި ބުނެލި އެވެ.

އަހަރެންގެ ހިތް ފަޅިފަޅިވަމުން ދިޔަ އެވެ. ހީވީ ހިކި ގޮނފިގަނޑެއް ހިތުރެ ތެރެއަށް ކޮށްޕަމުން ދިޔަހެންނެވެ. ހިތުގެ ތެޅުން އަވަސްވެ މޭ ފުފެމުންދާހެން ހީވަމުން ދިޔަ އެވެ.

"އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ސޫރައަށް ބަލައިބަލަ. ގައިގެ ހަންގަނޑަށް ބަލައިބަލަ. ކަލެއެކޭ އެފްރިކާ މީހެކޭ ތަފާތެއް އެބަހުރިތަ؟ ނެތެއްނު. ކަލޭ ކިބައިގައި މީހަކު ލޯބިވާނެ އެއްވެސް ސިފައެއް އެބަހުރިތަ؟ މި ސުވާލުތައް އަމިއްލަ ނަފުސާ ކޮށްބަލަ." ނިޔާޒާ އަނގަޔާއި މޫނަށް ވައްތަރުތަކެއް ޖައްސާލަމުން ބުނެލި އެވެ.

އަހަންނަށް އަތުގައި އޮތް ތަބަކުގައި ބާރަށް ހިފައިލެވުނެވެ. މުލައްދަނޑިއަށް ބާރުކޮށްލަމުން އަތްތިލައަށް ވާންކޮށްލެވުނެވެ. ދެ ދަތްޕިލަ ޖައްސާލެވުނެވެ.

"އެއީ އަހަރެންގެ ކުށެ..." އަހަރެންގެ ޖުމުލަ ފުރިހަމަ ނުވަނީސް ނިޔާޒާ ފެށުމުން އަހަރެން ހުއްޓައިލީމެވެ.
"ކުށެއް ނޫން. ކުށެއް ނޫން މާތް ސާހިބާ. މަނިކުފާނަށް އެނގި ނުލެއްވީ މަނިކުފާނުގެ ފެންވަރު. މަނިކުފާނުގެ ހައިސިއްޔަތު. މަނިކުފާނާ ނިކަމެތި އަޅުގަނޑާ އަރާ އަރަފޯދިގެން ނުވަނީ. އެއީ މައްސަލައަކީ. އެއީ ކުށަކީ،" ނިޔާޒާ ބާރުބާރަށް ހޭން ފެށި އެވެ. "ތިޔަހާ ގަދަރުވެރި އިއްޒަތްތެރި ސާހިބަކަށް، ނިކަމެތި އަޅުގަނޑު ފަދަ ކަންނެތް، ގޮތެއް ނެތް އަނތްބަކު އިހުތިޔާރު ކުރުން އެއީ މަނިކުފާނުގެ މައްސަލައަކީ."

އަހަރެން ކޮޓަރިން ނުކުންނަށް ހިނގައިގަތީމެވެ. ބަރު ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ބޭރަށް ނުކުތީމެވެ. ލޮލަށް ގިނަވެ ބަރުވެފައި ހުރި ކަރުނަތައް އޮހިގަތީ އެވަގުތު އެވެ. ފިކުރުތަކުން ބަރުވެ، ޝަކުވާތަކުން ތޮއްޖެހިފައިވާ ހިތެއް މޭގައި އެލުވައިގެން ގޮސް ބަދިގެއަށް ވަނީމެވެ.

ބަދިގެއަށް ވަދެވުނު އިރަށް އަހަރެންގެ އަމިއްލަ ނަފުސުގެ ކޮންޓުރޯލު ގެއްލުނެވެ. ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ. އަތުގައި އޮތް ތަބަށް މޭޒު މައްޗަށް ހޫރައިލެވެނެވެ. މޭޒުމަތީގައި ދެ އަތް ތިލައިން ބާރަށް ޖަހައިލެވުނެވެ. އެގޮތުގައި އެތައް ހަރަކާތެއް ކުރެވުނެވެ.

އެންމެފަހުން އަހަންނަށް މުށިގަނޑު މައްޗަށް ތިރިވެވުނެވެ. ދެ ކަކުލުގައި އަތް އަޅައިގެން އިށީނދެވުނެވެ. އަމިއްލަ ނިކަމެތި ކަމާ މެދު ޝަކުވާ ކުރާ ހާލުގަ އެވެ. އަނތްބަކު ހުރެމެ، އަނތްބެއްގެ ފަރާތުން ލިބެން ޖެހޭ ލޯތްބެއް އޯގާތެރިކަމެއް، އެހީތެރިކަމެއް ނުލިބޭތީ ހިތާހިތާ ސުވާލު ކުރެވުނެވެ. އަމިއްލަ ނަފުސުގެ ނިކަމެތި ކަމާ މެދުގަ އެވެ.

"އަހަރެންގެ ކުށަކީ ކޮބާ؟ އަހަންނަށް މިހެން މިވަނީ ކީއްވެތަ؟ އަހަންނަކީ ވެސް ހަމަ އިންސާނެއް ނޫންތަ؟ އަހަރެން ސިފައަކީ އަހަރެންގެ ދިރިއުޅުން ޖަހަންނަމައަށް އެއް ލައިލަން ޖެހޭ ސަބަބެއްތަ؟ އަހަންނަށް ހައްގު މިންވަރަކީ މިއީތަ؟" އަމިއްލަ ނަފުސާ ކުރެވުނު ޝަކުވާތައް ދުލާހަމައަށް ބޭރުވާން ފެށި އެވެ. "އަހަރެންގެ ސިފައަކީ އަހަރެން އަމިއްލައަށް ހޯދައިގަތް ކަމެއްތަ؟ ނިޔާޒާ އަހަންނަށް އެހެން އެ ހަދަނީ ކީއްވެތަ؟ އަހަރެންގެ ކޮން ކުށެއް އޮވެގެންތަ؟"

އަހަރެން ބޮލަށް ބަރު ޖެހެމުން ދިޔަ އެވެ. ބޮލުގެ ދެ ފަރާތަށް ފިތެމުން ފުރެމުންދާހެން ހީވަމުން ދިޔަ އެވެ. ބަރު އެއްޗެއް ބޮލަށް ލައިގެން އިނދެވޭ ކަމުގެ އިހުސާސް ކުރެވެމުން ދިޔަ އެވެ. ދެ ލޮލަށް ވެސް އުނދަގޫތަކެއް ވަމުން ދިޔައެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް ނޭފަތުގެ ދެ ފަރާތުން އަނގަޔާ ދިމާއަށް ފައިބަމުން ދިޔަ އެވެ.

"އަހަންނަށް މިހެން މިވަނީ އަހަރެންގެ ފިނޑިކަމުންތަ؟ ނޫނީ އަހަންނަކީ މާ މަޑުމައިތިރި މީހަކަށް ވީމަތަ؟ ނިޔާޒާގެ ކުރިމަތީގައި ކުޑަކުޑަ ފުށްކޮޅެއްހެން މި ހުރެވެނީ ކީއްވެތަ؟ ނިޔާޒާގެ ކޮން ޖާދޫއެއް އަހަންނަށް ކަމު ގޮސްގެންތަ؟" ހިތުގެ އުދާސްތައް ލަސްލަހުން ބޭރުކުރެވެމުން ދިޔައެވެ.

"ބައްޕާ. ބައްޕާ!" ސިހިފައި އަހަންނަށް ބަލައިލެވުނެވެ.
ބަދިގެ ދޮރުމަތީގައި ހުރީ ސިނާނެވެ. އަހަންނަށް ކޮޅަށް ތެދުވެވުނެވެ. ދެ ލޯ ފޮހެލަމުން އަހަރެން ބަލައިލެވުނީ ސިނާނުގެ މޫނަށެވެ. ލުއި ގޮތަކަށް ހިނިތުން ވެވޭތޯ ބަލައިލީމެވެ.
"ބައްޕަ ރޮނީތަ؟" ސިނާނު ބަދިގެ ތެރެއަށް ވަނެވެ.
"ނޫން! ފުށްމޮޑެން ހުއްޓާ ބޮލުގައި ރިއްސައި ގަތީމަ،" ދެ ލޯ ފޮހެލަމުން އަހަރެން ބަލައިލީ ސިނާނުގެ މޫނަށެވެ. "ދަރިފުޅު އިށީނދޭ. ބައްޕަ ރޮށްޓެއް މި ފިހެލަނީ."
"ބައްޕަ ވެސް ބަލިވީމަ އޮށޯވެ ރެސްޓު ކޮށްލާ. މަންމަ އެކަންޏެއް ނޫނެއްނު ރެސްޓު ކުރަން ޖެހޭނީ." ސިނާނު ހިތްހަމަ ނުޖެހި ހުރެ ބުނެލި އެވެ. "އަސްލު މަންމަ ބައްޔެއް ވެސް ނޫން. އެއީ ހުސް ފޭކު."
"ދަރިފުޅާ އެއީ ދަރިފުޅުގެ މަންމައެއްނު. ބައްޕަ ދުވަހަކު ވެސް ތި ކަހަލަ ވާހަކައެއް ދެކިންތަ؟" އަހަންނަށް އަޑު އަހަން އުނދަގޫވި އެވެ.

މޮޑެންފެށި ފުށްތަކުގެ ތެރެއަށް އަތްލަމުން އަހަރެން ބަލައިލީ ސިނާނާ ދިމާއަށެވެ. އޭނާގެ މޫނު މަތިން ފެންނަމުން ދިޔަ މައުސޫމު މަންޒަރު ފެނިފައި އަހަރެންގެ ވާހަކަ ދެއްކުމުގެ ރާގު ބަދަލު ކޮށްލަން މަޖުބޫރުވި އެވެ.

ދެން ދެމިގެން ދިޔައީ ހިމޭން ސިކުންތު ކޮޅެކެވެ. ފުށްގަނޑު މޮޑެ ފުށް ކަނޑަށް ފެށުމުން ސިނާނު އަހަރެން ގާތަށް އައެވެ.

"ދަރިފުޅުމެން ނުކިޔަވަންތަ މަންމައަށް އޯގާތެރިވާން ޖެހޭނެ ވާހަކައެއް. މަންމައަށް ކިޔަމަންތެރިކަން އަދާ ކުރަން ޖެހޭނެ ވާހަކައެއް. މަންމައާ ދިމާއަށް އުއްފު ވެސް ބުނަން ނުވާނޭ ބުނާ ވާހަކަތަކެއް. ދަރިފުޅަކީ މިހާރު ބާރަ އަހަރު ވެފައި ހުރި ބޮޑު ކުއްޖެއް. ބައްޕަ ނުބުންޏަސް ދަރިފުޅަށް ވިސްނެން ވާނެ މިކަން." ސިނާނުގެ މޫނަށް ބަލައިގެން ހުރެ ފުށް ކަނޑަމުން އަހަރެން ބުނެލީމެވެ.

"އަހަރެން ބޮޑު ކުއްޖަކަށްވީމައޭ މިހެން މި ބުނީ. ބޮޑެތި ކުދިން ވިސްނާހެން ވިސްނާތީއޭ މި ބުނީ. މަންމަ ޖައްސަނީ ހުސް ފޭކޭ މި ބުނަނީ." ސިނާނު ދޭފަތް ނެގި އެވެ. "އެހެން ކުދިންގެ ބައްޕައެއް ތިހެންނެއް ނޫޅޭ. ބައްޕައަށް ތި ޖެހެނީ މަންމަ ކުރަން ޖެހޭ ކަންކަން ކުރަން."
"އެއީ މަންމަ ބަލިވީމައޭ. އެހެން ކުދިންގެ މަންމަމެން ބަލިވީމަ ވެސް އެކުދިންގެ ބައްޕަމެން މިގޮތަށް އުޅޭނެ." ރޮށި ދަމާ ގޮނޑިގައި ފުށްގަނޑު ބާއްވާލީމެވެ.
"އެކަމަކު މި ނޫން ދުވަހެއް ނާދެއެއްނު." ސިނާނު ބަލައިލީ އަހަރެން މޫނަށެވެ.

އަހަރެން ގަނޑުވިއެވެ. ސިނާނު ވިކައިގަތީ ސީދާ އަހަރެންގެ ހިތުގަ އެވެ. އޭނާ ހިފައިލީ އަހަރެންގެ ބަލި ފައިގަ އެވެ.

"މަންމައަށް އަހަރުމެންނަށް ކޮށްދެވުނީ ކޮން ކަމެއް؟" ސިނާނު އަނެއްކާ ވެސް ބުނެލި އެވެ.
"ދަރިފުޅާ! އެއްވެސް ވަރަކަށް ނުވިސްނާ ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ." އަހަންނަށް އަޑު އަހަން އުނދަގޫވަމުން ދިޔައެވެ.
"ބައްޕައަށް ނުކެރެނީއޭ. މަންމަ ހެދިހާ ގޮތެއް ބައްޕައަށް އޯކޭ ވަނީއޭ." އަނެއްކާ ވެސް ސިނާނު ބުނެލި އެވެ.
"ދަރިފުޅު ކޮންތާކުން ދަސްކުރި ވާހަކަތަކެއް ތި؟ ކާކު ދެއްކި ވާހަކަތަކެއް ތި؟" އަހަރެން ގަނޑުވި އެވެ.

އިވެމުން ދިޔަ އަޑުތަކުން ހުއްޓުން އެރި އެވެ. ހިނދުކޮޅެއް ވަންދެން ހަރަކާތްކޮށްލަން ނޭނގިފައި ހުންނަން މަޖުބޫރުވި އެވެ.
"ކުލާސް ކުދިން ބުނީ އެކުދިންގެ މަންމައޭ ހުރިހާ ކަމެއް ކުރަނީ. ޔުނީފޯމު ދޮވެދީ އިސްތިރި ކޮށްދީ، ފިލާވަޅުތައް ހަދާތޯ ބަލައި ހުރިހާ ކަމެއް ކުރަނީ ވެސް،" ސިނާނު އަނެއްކާ ވެސް ބުނެލި އެވެ. "އަދި އެނގޭތަ؟ ކުލާހުގައި އުޅޭ ހަސަންގެ މަންމަ މަރުވެފަ އެތައް ދުވަހެއް ވެއްޖެ. ހަސަން ބުނީ އޭނާއަށް ހުރިހާ ކަމެއް ކޮށްދެނީ ދޮންމަންމައޭ. ބައްޕަ ވެސް ދެން ދޮންމަންމައެއް ހޯދަންވީނު. އޭރު ބައްޕައަށް ކިހާ ފަސޭހަވާނެ. މަންމަ އެ ގޮތަށް ކަންނެތްވެފަ އޮންނާތީ ބައްޕައަށް ކިހާ އުނދަގުލެއްވޭ. މިހާރު މަހަށް ވެސް ނުދެވެއެއްނު. ލާރި ވެސް ނުލިބެއެއްނު."
"ދަރިފުޅާ!" އަހަރެން ހައިރާންވެ ބަސް ހުއްޓުނެވެ.

ސިނާނު ދައްކަމުން ދިޔަ ބޮޑެތި ވާހަކަތަކުން ބުނާނެ އެއްޗެއް ހިތަށް ގެންނަން ވެސް ނޭނގުނެވެ.

"ވަރަށް ދުވަސްވެއްޖޭ މި ވާހަކަ ދައްކަން އުޅޭތާ ވެސް. އެކަމަކު ބައްޕަ ހިތްހަމަ ނުޖެހިދާނެތީ ނުދައްކަން މިހުރީ ވެސް. އަހަންނަށް ފެނެޔޭ ބައްޕަ ސިއްރުން ރޯން އިންނަތަން ވެސް. އަހަންނަށް އިވެޔޭ ބައްޕައާ ދިމާއަށް މަންމަ ހަޅޭއްލަވާ އަޑު ވެސް. ބައްޕަގެ ސިފަ ހުތުރު ވެގެން އެއްޗެހި ކިޔާ އަޑު ވެސް،" ސިނާނު އަތުގައި އޮތް ދޭފަތަށް ބާރު ކޮށްލި މަންޒަރު އަހަންނަށް ފެނުނެވެ. "ބައެއް ފަހަރު އަހަރެން ގާތަށް ރުޅިވެސް އާދެވޭ. ހިތަށް އަރާ މަންމަގެ އަނގަމަތީގައި ޖަހަންވީއޭ ވެސް."
"ދަރިފުޅާ!" އަކުރުތަކަށް ދަމައިލަމުން އަހަންނަށް ބުނެލެވުނެވެ.
"ބައްޕަ މިއަދު އަޑުއަހާބަލަ އަހަރެން ދައްކާވާހަކަތައް. އަހަރެން މި ވާހަކަތައް ހިތަށް ލައިގެން އުޅެން ހަދައިގެންނޭ ކުލާހުގައި އުޅޭ އިރު ރުޅި ގަދަ ވެވެނީ ވެސް،" ސިނާނު ލަސްލަހުން ބުނެލި އެވެ. "އަހަރެން ގަސްތަކު ނޫނޭ ކުލާހުގަ އެ ގޮތަށް އުޅެނީ ވެސް. އަހަންނަށް އުނދަގޫ ވަނީ. މީހަކު އެއްޗެއް ބުންޏަސް ހީވަނީ މަންމަގެ އަޑު އިވޭހެން. ހިތްހަމަ ނުޖެހޭ އެއްޗެއް ބުނާއިރަށް ރުޅި ގަދަވެވެނީ."
"މިއަދު ދެން ތި ވާހަކަ ތި ދައްކަނީއޯ؟" އަހަރެން ލޮލަށް ކަރުތައް ގިނަވިއެވެ.
"ސުކޫލުގެ ކައުންސިލަރު ބުނީ ހިތުގަ ކަންކަން ނުފޮރުވާ އެކަމެއް ނިސްބަތްވާ މީހަކަށް ކިޔައި ދޭށޭ. އަހަރެން ނުބުނަން މި ވާހަކައެއް އެއްވެސް މީހަކު ގާތަކު. ކައުންސިލަރު އެހެން ބުނީމަ ބައްޕަ ގާތު މި ބުނެދިނީ ވެސް،" ސިނާނު އަހަރެންގެ އަތުގައި ހިފި އެވެ. "ބައްޕާ އެ ތެދު ވާހަކައެއް އަހަންނަށް މިހާރު ވަރަށް ލުއިކަން އިހުސާސް ކުރެވޭ. ބޮލަށް ވަރަށް ފަސޭހަވެއްޖެ. ބައްޕަ ގާތު މިހެން ބުނެވުނީމަ ވެސް." (ނުނިމޭ)