ފަސްމެންދޫގައި ހިންގާ، އެމިރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އަލުން ހުޅުވާނެ ކަމަށް ބުނެފި އެވެ.
ރ. އަތޮޅުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި އެމިރަލްޑް މޯލްޑިވްސް އަލުން ހުޅުވުމާބެހޭ ގޮތުން ބުނެފައިވާ ގޮތުގައި، އޮގަސްޓް އެއްވަނަ ދުވަހުން ފެށިގެން އެ ރިސޯޓު މެހުމާނުންނަށް ހިދުމަތް ދޭން ފަށާނެ އެވެ.
ބޮޑު ފަޅެއްގެ ތެރޭގައި ތަރައްގީ ކޮށްފައިވާ އެމިރަލްޑް މޯލްޑިވްސްގައި 120 ވިލާ ހުރެ އެވެ. ފަސްމެންދޫގައި މި ރިސޯޓު ހިންގަން ބިޑް ކުރީ 2013 ވަނަ އަހަރު އެވެ. ނަމަވެސް ރަށުގެ އަމަލީ މަސައްކަތް ފެށުން ފަސްވުމަށް ފަހު އަލުން މި ރަށް ހަދަން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. މި ރަށް ތަރައްގީ ކޮށްފައި ވަނީ އެމިލް ރިސޯޓް ކުންފުނިންނެވެ. އަދި ހުޅުވުނީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ރާއްޖޭގައި ބޯޑަރު ބަންދުކުރީ މާޗް މަހުގެ އެވެ. ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ރާއްޖޭގައި ހިންގަމުން ގެންދިޔަ 140 ރިސޯޓުގެ ބޮޑު ބައެއް ވަނީ ބަންދު ކޮށްފަ އެވެ. ނަމަވެސް ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއެކު އަންނަ މަހު ބޯޑަރު ހުޅުވާލަން ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ. އަލަށް ބޯޑަރު ހުޅުވާލާއިރު އިތުރު ފީއެއް ނުނަގާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަންނަ މަހު ރާއްޖެ ޓޫރިޒަމަށް ހުޅުވާލި ނަމަވެސް މި އަހަރު ރާއްޖެ އަންނަ މީހުންގެ އަދަދު 50 ޕަސެންޓް ދަށްވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.