ޓެކްސް ދައްކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައެޅި އާ ސުންގަޑިތަކާއެކު، ކައުންޓަރުތައް އަންނަ މަހުގެ ފަސް ވަނަ ދުވަހުން ހުޅުވާލާނެ ކަމަށް ބުނެފި އެވެ.
މީރާ އިން ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ހުޅުވާލި ނަމަވެސް، ހިދުމަތް ދޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އަދި ހިދުމަތް ދޭން ފަށާ ފުރަތަމަ ހަފުތާގައި ކައުންޓަރުތަކުން ހަމައެކަނި ބަލައިގަންނާނީ ޓެކްސް ނޫން ފީއާއި ކުއްޔާއި އެހެނިހެން ފައިސާ ކަމަށެވެ.
މީރާ އިން ވަނީ ޓެކްސް ދެއްކުމުގެ ސުންގަޑި ތަކަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ބަދަލު ގެނެސްފަ އެވެ. މީރާގެ ކައުންޓަރު ހުޅުވާލާ ފުރަތަމަ ދެ ހަފުތާއާ ޓެކުހުގެ ސުންގަޑި ދިމާވާ ނަމަ އެ ފައިސާއަކާ ގުޅޭ އެހެން އިދާރާ އަކުން ގޮތެއް ކަނޑައަޅާފައި ނުވާ ފައިސާ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ލިބެ އެވެ.
އަދި ދެވަނަ ހަފުތާއިން ފެށިގެން ޓެކުހަށް ނުވާ ފައިސާގެ އިތުރުން އޮންލައިންކޮށް ހުށަހެޅުން ލާޒިމު ކޮށްފައި ނުވާ ޓެކްސް ބަޔާނާއި އޮންލައިންކޮށް ދެއްކުން ލާޒިމު ކޮށްފައި ނުވާ ޓެކުހުގެ ފައިސާ ބަލައި ގަންނާނެ އެވެ.
ޓެކްސް ދެއްކުމުގެ ސުންގަޑިތައް ފަސްކޮށް ދިނުމަށް، މީރާ އިން ދީފައިވާ ލުއިތަކާއެކު މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ފަހުން އައިސްފައިވާ ޓެކުހުގެ ސުންގަޑިތައް އަންނަ މަހުގެ 23 ވަނަ ދުވަހަށް ވަނީ ފަސް ކޮށްދީފަ އެވެ.
ޓެކްސް ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން ދެން އެންމެ އަވަހަށް އަންނާނީ 2019 ވަނަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި އެވެ. ބިޕީޓީގެ ސުންގަޑި ވަނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ފަސް ކޮށްދީފަ އެވެ. އަދި އިންކަމް ޓެކްސް ގާނޫނުގެ ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ޕޭމަންޓް ދެއްކުމުގެ އައު ސުންގަޑިއަކީ އޮގަސްޓް 31 ވަނަ ދުވަހެވެ.
މީރާ އިން ބުނީ ކޮވިޑް-19 އިގެ ހާލަތަށް އަންނަ ބަދަލަކާ ގުޅިގެން އަލަށް ކަނޑައެޅި ސުންގަޑި ތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މީރާ އިން ވަނީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ތަކެއް ދީފަ އެވެ. މީރާއިން ވަނީ މި އަހަރު ދައުލަތުގެ އާމްދަނީ 48 ޕަސެންޓް ދަށްވާނެ ކަމަށް އަންދާޒާ ކޮށްފަ އެވެ.