އީވާ އަބްދުﷲ

އަންހެނުންގެ ހިމާޔަތުގެ އެއްވެސް ގާނޫނަކަށް އަމަލެއް ނުކުރޭ: އީވާ

އަންހެނުންގެ ހިމާޔަތަށް އެތައް ގާނޫނެއް ފާސް ކޮށްފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ގާނޫނަކަށް އަމަލު ނުކުރެވޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅު ވެއްޖެ އެވެ.

އަންހެނުންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ޕާލިއަމެންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލާ ގަރާރު މަޖިލީހަށް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ގެވެށި އަނިޔާ ކުރުން ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ކުށުގެ ގާނޫނާއި ޖެންޑާ އިކްއަލިޓީގެ ގާނޫނެއް ފާސް ކޮށްފައިވާ ކަމަށެވެ. އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ޖިންސީ ގޯނާ ހިމެނުމަށް މިހާރު ހުށަހެޅިފައިވާ ކަމަށެވެ.

އެ ގާނޫނުތައް ތަންފީޒު ކުރަމުންދާ މިންވަރު ހޯދަން ޕްރޮސެކިއުޓާ ޖެނެރަލަށާއި ފުލުހުންގެ މުއައްސަސާއަށާއި ސިވިލް ކޯޓަށާއި ޖެންޑާ މިނިސްޓްރީއަށް ލިއުމުން އެދިފައިވާ ކަމަށާއި ސިވިލް ކޯޓު ފިޔަވައި އެހެން ތަންތަނުން ޖަވާބު ވެސް ލިބިފައިވާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ދީފައިވާ ތަފާސް ހިސާބުތަކަށް ހަވާލާ ދެއްވާ އީވާ ވިދާޅުވީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން 18 މައްސަލައެއް ޝަރުއީ ކޯޓާ ހަމައަށް ދިޔައިރު ސާބިތުވީ އެންމެ ހަތަރު މައްސަލަ ކަމަށެވެ. ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޝަރީއަތާ ހަމައަށް 236 މައްސަލަ ދިޔައިރު ސާބިތުވީ 97 މައްސަލަ ކަމަށެވެ. އަދި ޖެންޑާ އިކުއަލިޓީގެ ގާނޫނުގެ ދަށުން ޝަރީއަތާ ހަމައަށް އެންމެ މައްސަލައެއް ވެސް ނުދާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ވެސް ހެކިވާނެ މައްސަލަތައް އަންހެނުންނަށް ދިމާ ނުވާތީއެއް ނޫން [މި ކަން ދިމާވަނީ]. ގިނަ ފަހަރަށް މައްސަލަ ހުށަހަޅަން ބޭނުން ނުވަނީ ވެސް އިންސާފު ނުލިބޭތީވެ، މައްސަލަ ހުށަހެޅިޔަސް އެ މައްސަލައަކަށް ވެގެން ނުދޭ، ފަނޑިޔާރުން ވެސް މައްސަލަ ސާބިތު ކުރަން ބޭނުން ނުވަނީ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އަންހެނުންގެ ހިމާޔަތަށް އެތައް ގާނޫނެއް ގެނައި ނަމަވެސް ތަންފީޒީ އިދާރާތަކުން އެއިން ގާނޫނެއް ތަންފީޒު ކުރަމުން ނުދާ ކަމަށެވެ. ގާނޫނުގައި އަންހެނުންނަށް ހަމަހަމަކަން ދީފައިވާ ކަމަށް ލިޔެފައިވާ ނަމަވެސްް ހަމަހަމަ ކަމާ ގާތަށް ވެސް ނުލިބޭ ކަމަށެވެ.

"[ގާނޫނުގައި] ކިތަންމެ ވަރަކަށް ލިޔެވިއްޖެ، ލިޔުމުން ކިތަންމެ ވަރަކަށް ކިއިއްޖެ، ނަމަވެސް ލިއުމާއި އަސްލަށް އައުމަށް އެބަހުރި ބާގަނޑުތަކެއް، އެ ބާގަނޑުތައް ހޯދަން މި އިންކުއަރީ ކުރުމުގެ ބޭނުމަކީ،" އީވާ ވިދާޅުވި އެވެ.

ޕާލިމެންޓްރީ އިންކުއަރީ ނިމުމަށް ފަހު، އެ ކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިސްލާހު ކުރަން ޖެހޭ ކަންކަން ބަޔާންކޮށް އެ ކޮމިޓީގެ ރިކޮމެންޑޭޝަންސްތައް ރައްޔިތުންގެ މަޖިލީހަށް ތަޅުމަށް ހުށަހަޅައިގެން ފާސްކޮށް ކުރިއަށް ގެންދަން ވެސް އީވާ މިއަދު ހުށަހެޅުއްވި ގަރާރުގައި ގޮވާލައްވާފައިވެ އެވެ.

އަންހެނުނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ޕާލިމެންޓްރީ އިންކުއަރީއެއް ހަދަން ގޮވާލައި ގަރާރެއް ހުށަހަޅާފައިވާއިރު، އެ ކޮމިޓީން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ޕާލިމެންޓްރީ އިންކުއަރީއެއް ހަދައިފަ އެވެ. އެއީ ރާއްޖޭގެ މަޖިލީހުގައި ހެދި ފުރަތަމަ ޕާލިމެންޓްރީ އިންކުއަރީ އެވެ.