ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ނިއު ޒީލެންޑުން ކޮވިޑުގެ އާ ކޭސްތަކެއް ފެނިއްޖެ

Jun 16, 2020

ކްރައިސްޓްޗާޗު (ޖޫން 16) - ނިއު ޒީލެންޑުގައި ކޮވިޑް-19 ޖެހިފައިވާ މީހަކު ނުފެންނަތާ 24 ދުވަސް ފަހުން، ދެ އަންހެނެއްގެ ގައިން އެ ބަލި ފެނިފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

އެ ބަލީގެ އާ ކޭސްތަކެއް ފެނިފައި ވަނީ، ނިއު ޒީލެންޑުގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ފަހު މީހާ އެ ބަލިން ރަނގަޅުވެ، ލޮކްޑައުން އުވާލަން ނިންމާފައި ވަނިކޮށެވެ. އެގޮތުން، ކޮވިޑު ނެތް ގައުމެއްގެ ގޮތުގައި ނިއު ޒީލެންޑުން ކަނޑައަޅައި، އެތެރޭގެ ވައިގެ ދަތުރުފަތުރު ވެސް ހުޅުވާލަން ނިންމާފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.

ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި، ބަލި ފެނުނު ދެ އަންހެނުންނަކީ ވެސް އެއް އާއިލާއެއްގެ ދެ މީހުން ކަމަށާއި، އެ ދެ މީހުން ނިއު ޒީލެންޑަށް ދަތުރުކޮށްފައި ވަނީ އިނގިރޭސި ވިލާތުން ޖަނާޒާއެއްގައި ބައިވެރުވުމަށް ކަމަށެވެ.

ބޭރުން އަންނަ މީހުނާ މެދު އަމަލުކުރާ އުސޫލުގެ ތެރެއިން، ދޯހާ އަދި ބްރިޒްބަން މަގުން އައި އެ ދެ މީހުން ޖޫން ހަތް ވަނަ ދުވަހު ވަނީ ކަރަންޓީނު ކުރެވިފަ އެވެ. ނަމަވެސް، އޭގެ ފަސް ދުވަސް ފަހުން ޖަނާޒާގައި ބައިވެރިވާން ހުއްދައަށް އެދުމުން، އެ ދެ މީހުން ވެލިންގްޓަނަށް ދިއުމުގެ ހުއްދަ ޖެހިގެން އައި ދުވަހު ވަނީ ދީފަ އެވެ.

އޯކްލަންޑުގެ ކަރަންޓީނު ފެސިލިޓީން އެ ދެ މީހުން ވެލިންގްޓަނަށް ގޮސްފައިވަނީ އަމިއްލަ ވެހިކަލެއްގައި ކަމަށާއި، އެ ސިޓީއަށް ދިއުމަށްފަހު ތިބީ އާއިލާ މީހެއްގެ ގޭގައި ކަމަށްވެސް އިދާރާތަކުން ވަނީ ބުނެފަ އެވެ.

އިއްޔެ އެ ދެ މީހުން ބައްޔަށް ޓެސްޓު ކުރެވި، ނަތީޖާ ޕޮޒިޓިވްވުމާ ގުޅިގެން އެ ދެ މީހުންގެ އިތުރުން ވެލިންގްޓަންގައި އެ މީހުން ތިބި ގޭގެ މީހާ ވެސް މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ.

ބަލި ފެތުރެން ފެށުމާއެކު، ބޯޑަރުތައް ބަންދުކޮށް، މުޅި ގައުމު ލޮކްޑައުންކުރި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ނިއު ޒީލެންޑު ހިމެނެ އެވެ. އަދި ބަލި ފެތުރުން ހިފެހެއްޓުމުގެ ބަދަލުގައި، ކްލަސްޓާތައް ދުރާލައި ދެނެގަނެ، ބަލި ފެތުރުން ހުއްޓުވުމަށް އެ ގައުމުން ގެންގުޅު ސިޔާސަތަށް ސިއްހީ މާހަރުން ވަނީ ތައުރީފުކޮށްފަ އެވެ.

އާ ކޭސްތަކާއެކު، ނިއު ޒީލެންޑު ބަލި ޖެހުނު މީހުންގެ އަދަދު 1،506 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 22 މީހުން ވަނީ މަރުވެފަ އެވެ.