ދުނިޔެ

އަފްޣާނު: ހަމަލާދިން މެޓާނިޓީ ވޯޑު ބަންދު ކުރަނީ

Jun 16, 2020

ކާބުލް (ޖޫން 16) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ހޮސްޕިޓަލެއްގެ މާބަނޑުމީހުންގެ ވޯޑަށް ސީދާ އަމާޒުކޮށް މިދިއަ މަހު ދިން ހަމަލާއާ ގުޅިގެން، އެ ވޯޑު ބަންދު ކުރަން ނިންމައިފި އެވެ.

މިދިއަ މަހުގެ 12 ވަނަ ދުވަހު ދިން ހަމަލާގައި 24 މީހުން މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ވޯޑުގައި ތިބި އަލަށް ވިހޭ ތުއްތު ކުދިންނާއި، އަންހެނުންގެ އިތުރުން އެ ވޯޑުގައި މަސައްކަތް ކުރާ ނަރުހުންނެވެ.

އެ ހޮސްޕިޓަލް ހިންގާ އެމްއެސްއެފުން ބުނީ، އެ ގޮތަށް ނިންމާފައި ވަނީ އެ ހަމަލާދީފައި ވަނީ ސީދާ އެ ވޯޑަށް އަމާޒުކޮށް ކަމަށް ވާތީ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ވޯޑަށް ހަމަލާދިނުމުގެ ކަންބޮޑުވުން އޮތް ކަމަށްވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

އަފްޣާނިސްތާނުގެ ހެލްތު މިނިސްޓްރީން ވަނީ އެ ނިންމުމާމެދު ހިތާމަކުރާ ކަމަށާއި، އެމްއެސްއެފުން ދެވަނަ ވިސްނުމަކަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ހޮސްޕިޓަލަށް ހަމަލާދިން މީހުން ތިބީ ފުލުހުންގެ ޔުނީފޯމު އަޅައިގެނެވެ. އަފްޣާނިސްތާނުގެ ސިފައިންނާއި ހަނގުރާމަވެރިންނާ ދެމެދު އެތައް ގަޑިއިރަކަށް ދިގު ދެމިގެންދިއަ ކުރިމަތިލުންތަކަށް ފަހު، ހަމާލާގައި ބައިވެރިވި ހުރިހާ ހަނގުރާމަވެރިން ވަނީ މަރާލައިފަ އެވެ.

ނަމަވެސް، އެ ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައެއް ނުވެ އެވެ.