ދުނިޔެ

މިނާގެ ހާދިސާ ހިނގީ އީރާނުގެ ހައްޖާޖީންތަކެއް އުސޫލާ ހިލާފުވުމުން: ރިޕޯޓް

Sep 27, 2015

މިނާގައި ފިތިގެން އެތައް ސަތޭކަ ބަޔަކު މަރުވި ހާދިސާ ހިނގަން ދިމާވީ އީރާނުގެ ހައްޖާޖީން ގަވައިދާ ހިލާފު ވުމުން ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

ހަތް ސަތޭކަ ފަސްދޮޅަސް ނުވަ މީހުން މަރުވެ ހާހެއްހާ މީހުން ޒަހަމްވި މި ހާދިސާ ހިނގުމުގައި އީރާނު ހައްޖާޖީން ތަކެއްގެ ދައުރު ބޮޑު ކަމަށް ބުނެފައި ވަނީ ހަމަ އެކަނި ސައުދީންނެއް ނޫނެވެ. އީރާނުގެ އޮފިޝަލަކާ ހަވާލީ ދީ ވެސް މިގޮތަށް ރިޕޯޓް ކޮއްފައި ވެއެވެ.

އީރާނުގެ 300 އެއްހާ ހައްޖުވެރިންގެ މި ގުރޫޕަށް އިރުޝާދު ދީފައި އޮތީ މުޒްދަލިފާ އިން އެނބުރި ޓެންޓަށް ގޮސް ހިލައުކަން ދާން އެ ގުރޫޕަށް ކަނޑައެޅިގައިވާ ވަގުތު ޖެހެންދެން މަޑު ކުރުމަށެވެ. އެހެން ނަމަވެސް ޓެންޓަށް އައުމުގެ ބަދަލުގައި މި ގުރޫޕުން ދިޔައީ މުޒްދަލިފާއިން ސީދާ ޖަމްރާ އަށް ހިލަ އުކާށެވެ.

ހިލަ އުކުމައްފަހު ޓެންޓު ތަކަށް އެނބުރި ދިއުމަށް މި ގުރޫޕުން ބޭނުންކުރި ޓަނަލަކީ ޖަމްރާއަށް ދާން އޮންނަ މަގެއް ކަމަށްވީއިރު އީރާނު ހައްޖާޖީން އެމަގުން ނުކުންނަން ދިމާ ކުރުމުން ދެކޮޅުން އައި ހައްޖާޖީންގެ މެދުގައި އޮޅުން ބޮޅުން އަރައި، ފިތި ބާރުވެ ހާސްވެގެން އެތައް ސަތޭކަ ބަޔަކު މަރުވީއެވެ. ސައުދީ ސަރުކާރުގެ ސައުދީ ގެޒެޓުން ބުނަނީ މި ހާދިސާ ހިނގީ އީރާނު ހައްޖާޖީން ގަވައިދާ ހިލާފުވުމުންކަން އެ ޓަނަލުގައި ހަރުކޮއްފައިވާ ކެމެރާ ތަކުން ވެސް ރީއްޗަށް އެނގޭ ކަމަށެވެ.

އީރާނާ ދިމާލަށް މައްސަލަ އެނބުރެން ފަށާފައި ވާއިރު އިއްޔެ އދ. ގައި ދެއްކެވި ވާހަކައިގާ އީރާނުގެ ރައީސް ވިދާޅުވީ މިނާގައި ހިނގީ ހިތް ފަޅައިގެން ދާހާ ހިތާމަ ވެމރި ހާދިސާ އެއް ކަމަށާއި، ސައުދީ ސަރުކާރުން ކުރި މި "ކުށް" ބައިނަލް އަގްވާމީ ކޯޓެއްގައި ޝަރީއަތް ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އީރާނުގެ ރޫހީ ލީޑަރު ވަނީ ހުރިހާ މުސްލިމުންގެ ކިބައިން ސައުދީ ސަރުކާރުން މާފަށް އެދެން ޖެހޭނެ ކަމަށް ވެސް މިއަދު ވިދާޅުވެފައެވެ. އީރާނުން މި ހިތާމަވެރި ހާދިސާ ސިޔާސީ ކުރަނީ ކަމަށް ސައުދީ ސަރުކާރުން ދެކެއެވެ.