ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑަށް ފަރުވާ ހޯދި މީހެއްގެ ބިލަށް އެއް މިލިއަން ޑޮލަރު

އެމެރިކާގެ އުމުރުން 70 އަހަރުގެ މީހަކަށް ކޮވިޑް-19 ޖެހި ހާލު ބޮޑުވެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ނަމަވެސް މި ބަލިން ފަސޭހަވެގެން އޭނާ ގެޔަށް ދާން ތައްޔާރުވަމުން ދަނިކޮށް ހޮސްޕިޓަލުން އޭނާއާ ހަވާލުކުރި ބިލުން ހާޓް އެޓޭކެއް ޖެހިގެން ވެސް އޭނާ މަރުވާވަރު ވި އެވެ. ސަބަބަކީ ހޮސްޕިޓަލުން ދިން ޚިދުމަތްތަކަށް އޭނާއަށް 1.1 މިލިއަން ޑޮލަރު ދައްކަން ޖެހުމުންނެވެ.

އެމެރިކާގެ ނޫހަކުން މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓް ކޮށްފައިވާ ގޮތުގައި މައިކަލް ފްލޯ ނަމަކަށް ކިޔާ މި މީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ މާޗް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭނާ 62 ދުވަހު ހޮސްޕިޓަލުގައި ހޭދަކުރި އެވެ. މި މުއްދަތުގައި އޭނާގެ ފުރާނަ ދެންމެ ދެންމެ ދަނީއޭ ހީވި ފަހަރު ވެސް ދިޔަ އެވެ. އެގޮތުން އެއް ފަހަރު އޭނާގެ ޚިދުމަތުގައި ތިބި ނަރުހުން އެ މީހުންގެ ފޯނުން މައިކަލްގެ އަންހެނުންނާއި ދަރިންނާ ގުޅައި އެމީހުން ލައްވާ އޭނާއަށް އަލްވަދާއު ވެސް ކިޔުއްވި އެވެ.

ނަސީބު ގަދަ ކަމުން މައިކަލްގެ ފުރާނަ ސަލާމަތްވެ އަދި ބަލިން ވެސް މުޅިން ރަނގަޅު ވެގެން މިދިޔަ މޭ މަހުގެ ފަސް ވަނަ ދުވަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލި އެވެ. އޭނާގެ ބަލި ފަސޭހަ ވެގެން ހޮސްޕިޓަލުން ނުކުތް ދުވަހަކު ހުރިހާ ސްޓާފުން ވަރަށް ހޫނު މަރުހަބާއެއް ކިޔާ އުފާ ފާޅުކޮށް ހަދާފައި ވެއެވެ. ނަމަވެސް ހޮސްޕިޓަލުން ނުކުންނަން ދަނިކޮށް އޭނާގެ އަތަށް ދިން 181 ސަފުހާގެ ބިލާއެކު މައިކަލްގެ ހުރިހާ އުފާވެރި ކަމެއް ގެއްލިގެން ދިޔައީ އެވެ. ސަބަބަކީ އެ ބިލްތަކުގައިވާ އަދަދުތައް އެއްކޮށްލުމުން މިލިއަނަށް ވުރެ ގިނަ ޑޮލަރު އޭނާއަށް ދައްކަން ޖެހޭތީ އެވެ.

ފްލޯއަކީ ދުވަސްވީ މީހުންނަށް އެމެރިކާ ސަރުކާރުން ހުޅުވާފައިވާ ހެލްތު ކެއާ ޕްރޮގްރާމް މެޑިކެއާގެ ބައިވެރިއެއް ކަމުން އޭނާގެ ބިލްތަކަށް އަމިއްލަ ޖީބުން ފައިސާ ދައްކާކަށް ނުޖެހުނެވެ. ނަމަވެސް ސިއްހީ ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑު ގައުމެއްގައި އެންމެ މީހެއްގެ އަތުން މިހާ ގިނަ ފައިސާ ނެގުމުން އެކަމާ މައިކަލް ވަރަށް ހިތްހަމަ ނުޖެހުނެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާގެ ބިލްތަކަށް ސަރުކާރުން ދައްކާ ފައިސާއަކީ ވެސް ޓެކްސް ދައްކާ މީހުންގެ ފައިސާ ކަމަށް މައިކަލް ގަބޫލު ކުރެ އެވެ.

"އަހަރެންގެ ފުރާނަ ސަލާމަތް ކުރުމަށް މިލިއަން ޑޮލަރު ޚަރަދުވި. އަހަރެން ބުނާނީ މިއީ ފައިސާ ޚަރަދުވީ ހަމަ ވަރަށް ރަނގަޅަށޭ،" ޓައިމްސްގައިވާ ރިޕޯޓަކަށް މައިކަލް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.