ހަބަރު

މާލޭ ސިޓީގެ 35 މިސްކިތަށް އެހީވެއްޖެ

Jun 17, 2020

ޝަރީފާ ފައުންޑޭޝަންގެ ފަރާތުން މާލޭ ސިޓީގެ މިސްކިތްތަކަށް ހޭންޑް ސެނިޓައިޒާ ޑިސްޕެންސާއި ހޭންޑް ޝަވާ ހަދިޔާ ކޮށްފި އެވެ.

އެ ފައުންޑޭޝަންގެ މި އެހީއާ، މިއަދު ހަވާލުވީ މާލޭ ސިޓީގެ މިސްކިތްތައް ބަލަހައްޓާ ސިޓީ ކައުންސިލުން އެ ކައުންސިލްގެ މެންބަރު އަހުމަދު ނިޔާޒު (ނިޔާ) އެވެ. އެހީ ހަވާލު ކޮށް ދެއްވީ ފައުންޑޭޝަންގެ ޗެއާމަން ހަސަން މަމްދޫހު (މަންޑޭ) އެވެ.

މި އެހީ މާލޭ ސިޓީގެ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައިވާ 35 މިސްކިތަކަށް ބެހިގެން ދާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެކި ފަރާތަކަށް އެހީވަމުން އަންނަ ޝަރީފާ ފައުންޑޭޝަނުގެ އެހީއާބެހޭ ކޯޑިނޭޓަރު ހުސައިން ނައީމް ވިދާޅުވީ މާލޭ ސިޓީގެ މިސްކިތަކަށް ސެނިޓައިޒާ ޑިސްޕެންސާ އާއި ހޭންޑް ޝަވާ ހަވާލު ކުރީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން ގެނައި ލޮކްޑައުންގައި ގިނަ ދުވަސްތަކަށް މިސްކިތްތައް ބަންދު ކޮށްފައި ބެހެއްޓުމަށް ފަހު އަލުން ހުޅުވާލި އިރު މިސްކިތްތައް ބޭނުން ކުރުމުގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށެވެ.

"މިސްކިތަކުގައި އަދި ޖަމާއަތް ނުހެދި ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު މިހާރު އެވަނީ ހުޅުވާލާފައި. އެހެންވެ އަޅުގަނޑުމެން ބޭނުންވީ އެހީތެރިވެ ދިނުމުގެ ގޮތުން މާލޭ ސިޓީގެ ތިން ރަށުގެ މިސްކިތްތަކަށް އެހީތެރި ކަމެއް ދޭން،" ހުސައިން ނައީމް ވިދާޅުވި އެވެ.

ޝަރީފާ ފައުންޑޭޝަނަކީ ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) އޭނާގެ މަންމާފުޅުގެ ހަނދާނުގައި އުފައްދާފައިވާ ޒަރުރީ އެހީއަށް ބޭނުންވާ ފަރާތްކާއި ކުޑަކުދީންނާއި ތައުލީމާއި ފަގީރުންނާއި މިސްކީނުންނާއި ޔަތީމުން އަދި ބޮޑެތި ބަލިތަކުގައި އެހީ ބޭނުންވާ މީހުނަށް އެހީވެދޭން ދާދި ފަހުން އުފެއްދި ފައުންޑޭޝަނެކެވެ. މީގެ ކުރިން ވެސް މަންޑޭގެ ފަރާތުން އެހީ ވަމުން ދިޔަ އެވެ. ނަމަވެސް ކުރިން އެހީތެރިވީ "މަންޑޭގެ އެހީ ޕްރޮގްރާމް" ގެ ނަމުގަ އެވެ.